ހައްދުފަހަނަ އެޅި މީހުންނަށް ފުލުހުންގެ އިންޓެލް ވަޒީފާތަކަށް ވަދެވިދާނެ މަގުތައް ބަންދުކުރަނީ

ހޯމް މިނިސްޓަރު އިމްރާން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައްދުފަހަނަ އަޅާފައިވާ މީހުންނަށް، ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސްގެ ވަޒީފާތަކަށް ވަދެވިދާނެ މަގުތައް ބަންދުކުރުމުގެ މަސައްކަތް ފަށާފައިވާކަން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު މިނިސްޓަރު އިމްރާން ހާޒިރުކުރިއެވެ. އަދި މެމްބަރުން ވަނީ މި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ ގިނަ ސުވާލުތަކެއް މިނިސްޓަރާ އަމާޒުކުރައްވައިފަ އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފުލުހުން ފާރަލާކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު އެމަނިކުފާނަށް ދިން ހަމަލާގައި ކުރިން ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި މީހަކު ހިމެނޭކަމަށް ތުހުމަތު ކުރެވޭތީ މެމްބަރުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ހަމަލާއާ ގުޅިގެން ބ. ދަރަވަންދޫ އިން ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އަކީ ވަރަށް ފަހުން ފުލުހުންގެ ވަޒީފާއިން ވަކިވެފައިވާ މީހެކެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ފާތިހު މަސައްކަތް ކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިންޓެލިޖެންސް ބައިގައި ކަމަށެވެ. ނަމަވެސް އޭނާ ވަކިވުމާ ހަމައަށް ވެސް އެއްވެސް މައްސަލައެއް އަދި ހަރުކަށި ފިކުރަށް ތާއީދުކުރުން ފަދަ އެއްވެސް ކަމެއް އޭނާގެ ކިބައިން ފާހަގަވެފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އިންޓެލިޖެންސްގައި ހަރުކަށި ފިކުރުގެ މީހުންނަށް މަސައްކަތް ކުރުމަށް ހުރި ދޮރުތައް ބަންދު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އިންޓެލިޖެންސްގެ ތެރޭގައި މިފަދަ [ހަރުކަށި ފިކުރުގެ] ފަރާތްތަކެއް ނުވަތަ ފަރާތެއް މަސައްކަތް ކުރުމަށް ހުރި ދޮރުތައް ބަންދު ކުރުމަށް މަޝްވަރާތަކެއް ކުރެވި އެކަމާ މެދުގައި ރިވިއުއެއް ހަދަން ފަށާފައިވާ ކަމަށް ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގައި ވެސް ހައްދުފަހަނައަޅާފައިވާ ބަޔަކު ތިބިކަމަށް ކުރާ ތުހުމަތުތައް ވެސް މިނިސްޓަރު މިއަދު ދޮގުކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ އެފަދަ ބަޔަކަށް ހޯމް މިނިސްޓްރީގެ ތެރެއިން ފުރުސަތު ނެތް ކަމަށެވެ.

މިމަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް މިހާރުވެސް އަންނަނީ ޖަރުމަނު ވިލާތުގައި ފާރުވާ ހޯއްދަވަމުންނެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ހަތަރު މީހެކެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ. އެމީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

comment ކޮމެންޓް