ގެއްލިގެން ހޯދަން އިއުލާންކުރި މީހަކު، ޑުރަގު އެތެރެކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ޝިހާދު: އޭނާ ގެއްލިގެން ހޯދަން އިއުލާންކޮށްފައި ވަނިކޮށް، އޭނާ ވަނީ ޑުރަގުގެ މައްސަލައެއްގައި ހައްޔަރުކޮށްފައި -- ފޮޓޯ/ ފުލުހުން

މާލެއިން ގެއްލިގެން ހޯދަން މި މަހު އިއުލާންކުރި މީހަކު، މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

މި މަހުގެ 11 ވަަނަ ދުވަހު ފުލުހުން ވަނީ، ނ. މަނަދޫ، ރީޙުއްޞަބާ، ޢަބްދުﷲ ޝިހާދު، (37އ) ގެއްލިގެން ހޯދަމުން އަންނަ ކަމަށް ބުނެފައެވެ.

އެއިރު ފުލުހުން ބުނީ، މިމަހުގެ އަށް ވަނަ ދުވަހުގެ ހަވީރު 16:51 އިން ފެށިގެން ޝިހާދު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް، 10 ވަނަ ދުވަހުގެ ރޭ 20:05 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާގެ ފޯނަށް ވެސް ނުގުޅޭ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭނާ ފެނިފައިވާކަން ފުލުހުން ފަހުން ހާމަކޮށްފައިނުވާއިރު، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ޝިހާދަށް 10 ދުވަހުގެ ބަންދު މުއްދަތެއް ޖަހައިފައެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވަނީ މަސްތުވަތާކެތި އެތެރެކުރުމާއި ވިޔަފާރި ކުރުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ ކަމަށެވެ. އެ އަމުރުގައިވަނީ، ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅައިފައިވާ ކަމަށާއި އެއީ ބަލިކަށި ހެކި ކަމަށެވެ.

އޭނާއާ ދެކޮޅަށް ހުށަހަޅައިފައިވަނީ އިންޓެލިޖެންސް ރިޕޯޓަކާއި އޭނާ ހައްޔަރުކުރިއިރު ފުލުހުންނަށް ކިޔައިދިން ވާހަކަ ކަމަށް ބުނެ ފުލުހަކު ދީފައިވާ ބަޔާނެއް ކަމަށް އެ އަމުރުގައިވެއެވެ.

ޝިހާދު ބަންދު ކުރަން ކޯޓުން ނިންމީ އޭނާގެ މައްޗަށް ކުރަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބޮޑު ކުށަކަށް ވާތީ އެ ގާނޫނުގެ ދަށުންނެވެ.

comment ކޮމެންޓް