އެމްޑީޕީ "ވަގު" ލޭބަލްއިން ސަލާމަތްކުރެވޭނީ ޕާލަމެންޓްރީ ގްރޫޕު މީޓިންތައް ލައިވްކޮށްގެން: މީކާއިލް

ކުޑަކުދިންގެ އަދުލުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ/ މަޖިލިސް

އެމްޑީޕީއަށް ނިސްބަތްވެފައިވާ "ވަގު"ގެ ލޭބަލްއިން ޕާޓީ ސަލާމަތް ކުރެވޭނީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުންތައް ލައިވްކޮށްގެން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް 75 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ދުބާއީގެ ކުންފުންޏަކާ މާލިއްޔަތު ގާނޫނަށް ހަވާލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މައްސަލަ ދިރާސާކުރުމަށް ފަހު ނިންމީ އެ މައްސަލާގައި ދައުވާ ނުކުރުމަށެވެ.

މައްސަލަ ޑިކްލައިންކުރި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގުގައި ކޯޓެއްގައި ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި ނެތުމެވެ.

ވެންޓިލޭޓަރު ކޮރަޕްޝަނާ ގުޅިގެން އޭސީސީން ތަހުގީގުކުރި މައްސަލަ ޕީޖީއިން ދައުވާ ނުކުރުމުން އެ މައްސަލާގައި ޝާމިލުވ ފަރާތްތައް ހޯދައި، ގެއްލުނު ފައިސާ ހޯދައިދިނުމަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ ސަރުކާރާ އޮވެ އަދި މަޖިލީހުގެ މެޖޯރިޓީ ވެސް ނަގައިގެން ހުރި ދަނޑިވަޅެއްގައި ޕާޓީއަށް ވައްކަމުގެ ލޭބަލް އެޅެމުން އަންނާތީ ބިރުވެތިވެވަޑައިގަންނަވާ ކަމަށެވެ.

"މިއަދު މި ވާހަކަ ދައްކާ އިރު ހަގީގަތުގައި ވެސް ކުޑަކޮށް އެބަ ބިރުގަނޭ. ބިރުގަންނަނީ އަޅުގަނޑުގެ ޕާޓީ ސަރުކާރުގައި އޮވެ، މި ޕާލަމެންޓުގެ ސުޕަ މެޖޯރިޓީގައި އޮވެމެ، މުޅި ގައުމުގެ އެކި ގުނަންތަކުގެ މެޖޯރިޓީ ނަގައިގެން އޮވެމެ، ވައްކަމުގެ ލޭބަލް އެޅެމުން ދާތީ އަޅުގަނޑު ހަމަ އެބަ ބިރުގަނޭ. އަޅުގަނޑު އެ ޕާޓީއަކަށްޓަކައި ފަޚުރުވެރިވަމުން އައި ޕާޓީގެ އަސާސުތައް ނެތެމުންދާ ކަމަށް ހީވާ ހީވުމަކީ ބިރުގަންނަ ކަމެއް،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި އޭރު ހުންނެވި ހެލްތު މިނިސްޓަރަށް ވައްކަމުގެ ތުހުމަތުތަކެއް ކުރެވެމުން ދިޔަ ވަގުތު އެމްޑީޕީގެ ޕާލަމެންޓްރީ ގްޜޫޕުން އިސްނަގައިގެން މަސައްކަތްތަކެއް ފެށި ކަމަށާއި ނަމަވެސް ސަރުކާރެއްގެ ސިފައިގައި އަޅަން ޖެހޭ ފިޔަވަޅުތައް ލަސްވި ކަމަށެވެ.

"ހެލްތު މިނިސްޓަރަށް އެފަދަ އެކިއުޒޭޝަންތަކެއް ކުރެވެމުން ދިޔަ ދަނޑިވަޅުގައި އެ މަގާމުގައި ހުރެގެން ނުވާނެ. ނަމަވެސް ހަތަރު މަސްފަހުން ނޫނީ ވަކިވެގެން ދިޔަ ތަނެއް ނުފެނުން. މީ އެމްޑީޕީ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ކަންބޮޑުވާ ކަމެއް،" މީކާއިލް ވިދާޅުވި އެވެ.

މީގެ އިތުުރުން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށް ފާޑު ވިދާޅުވަމުން މީކާއިލް ވިދާޅުވީ ޕްރޮސެކިއުޓަރު ޖެނެރަލަކީ މުސްތަގިއްލު ބޭފުޅެއް ކަމަށް ގާނޫނު އަސާސީގައި އޮންނަ ނަމަވެސް ޖެހިގެން އައި ދުވަހު ޕްރޮސެކިއުޓަރު ޖެނެރަލް އިންނެވީ ޓީވީ ޗެނަލެއްގެ މަޒާޖީ ޕްރޮގްރާމެއްގައި ނުރަސްމީ ހައިސިއްޔަތުން، ހިނގަމުންދާ މައްސަލައަކާ ބެހޭ ވާހަކަ ދައްކަން ކަމަށެވެ.

"މުސްތަގިއްލު ކަމަށް ގާނޫނު އަސާސީ ބަޔާންކުރާ ޕީޖީއަކަށް ޓީވީއެއްގެ މަޒާޖީ ޕްރޮގްރާމެއްގައި މިހާރު ހިގަމުންދާ ކޭސްއެއްގެ ވާހަކައެއް ނުދެއްކޭނެ. އެއީ އަންއެތިކަލް ކަމެއް. އެއީ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭ ކަމެއް. އަޅުގަނޑުމެން ޕާލަމެންޓްގެ މެޖޯރިޓީ ނަގައިގެން އެ ޕްރޮސެކިއުޓާ ޖެނެރަލް މަގާމުގައި ބަހައްޓައިގެން ކުރިއަށްދާން ޕާޓޯގެ ސިފައިގައި ލަދުގަންނަން ޖެހޭނެ،"

https://sun.mv/150556

މީކާއިލް ވިދާޅުވީ އެމްޑީޕީ "ވަގު" ލޭބަލްއިން ސަލާމަތްކުރުމަށް ޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ޕާލަމެންޓްރީ ގްރޫޕުގެ މީޓިންގްތައް ލައިވްކޮށްގެން ކަމަށެވެ.

ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގާ ގުޅިގެން އެންޓި ކޮރަޕްޝަނުގެ ރައީސް އައިމިނަތު ޝިއުނާ މަގާމުން ވަކިކުރުމަށް ޓަކައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހެޅުނު އިރު، އެ ހުށަހެޅުމަށް ލިބުނީ އެންމެ 13 ވޯޓެވެ. އެ މައްސަލަ ޕާލަމެންޓްރީ ގްރޫޕަށް ހުށަހެޅީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ. އަދި މައްސަލައަށް ތާއީދުކުރެއްވީ މީކާއިލްއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެމްޑީޕީ ވަގު ލޭބަލްއިން ސަލާމަތްކުރަން ބޭނުންވާ ނަމަ ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުންތައް ލައިވްކުރުން. މިއަދު އަޅުގަނޑު އެކަން ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަށް ހުށަހަޅާނަން. މިކަންކަން އެބަ ކުރަން ޖެހޭ. ފަސްދޮޅަސް ފަސް ގޮނޑި އަޅުގަނޑުމެންނަށް ދިނީ ޒިންމާތަކަކާ އެކު. ބާރުތަކެއް އެކަންޏެއް ނޫން، އެޔާ އެކު ޒިންމާތަކެއް ވެސް ލިބުނު،" މީކާއިލް ވިދާޅުވި އެވެ.

https://sun.mv/150569

ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލާގައި އިއްޔެ އެންޓި ކޮރަޕްޝަން ކޮމިޝަނުންު ބޭއްވި ނޫސްވެރިންގެ ބައްދަވުމެއްގައި ކޮމިޝަނުގެ މެމްބަރުން ވިދާޅުވީ އެ މައްސަލާގައި ދައުވާކުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ޕީޖީ ނުގެންގުޅުއްވާކަމަށެވެ. އަދި ވެންޓިލޭޓަރުތަކުގެ ފައިސާ ވަން ތަން އެނގޭކަމަށާއި އެ ދައުވާ ކުރެވޭނެކަމަށް ވެސް އޭސީސީ އިން ބުންޏެވެ.

ދުބާއީގެ އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ފައިނޭންޝަލް ގެރެންޓީ އަދި ޕަފޯމަންސް ގެރެންޓީއަކާ ނުލައި 31 މިލިއަން ރުފިޔާ ދޫކުރިކަން ހާމަވީ ކޮވިޑް19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އަންގައިގެން އޮޑިޓަރު ޖެނެރަލް ހިންގެވި ހެލްތު މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓަކުން، މިދިޔަ އަހަރު އެވެ. އެ މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި ވެރިން ސަސްޕެންޑުކުރި އެވެ.

comment ކޮމެންޓް