ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލީހަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހާޒިރުނުކުރަން ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން އެ ޕާޓީގެ މެންބަރުން ގާތުގައި މިއަދު އެދެފިއެވެ.
ޕީއެންސީން މިއަދު ވަނީ މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ އެ ޕާޓީގެ މުގައްރިރުންނާއި ނައިބު މުގައްރިރުންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުން އޮތީ މިއަދު 11:15 ގައި މަޖިލީހުގެ ހަތަރުވަނަ ފަންގިފިލާގައެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި އިސްކޮށް ތިއްބެވީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއާއި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރަކު ވިދާޅުވީ، ކުރިއަށް މި އޮތް ރޯދަ މަހު ވަޒީރުން މަޖިލީހަށް ހާޒިރުނުކުރަން އެ ބައްދަލުވުމުގައި ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން އަރިހުން އެދިވަޑައިގެންފައިވާ ކަމަށެވެ.
އެކަމަކު، ވަޒީރުން ރޯދަ މަހު މަޖިލީހަށް ހާޒިރުނުކުރަން އެންގި ސީދާ ސަބަބެއް ނުބުނެއެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕު: ރޯދަ މަހު ވަޒީރުން މަޖިލީހަށް ހާޒިރުނުކުރަން ވަނީ އެދިފައި -- ފޮޓޯ/ މަޖިލިސް
މި ކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމާއި ފަލާހާ ދެ ބޭފުޅުންނާ ސުވާލުކުރި ނަމަވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ފަލާހަށް ގުޅުމުން ފޯނަށް ވެސް ޖަވާބެއް ނުދެއްވައެވެ.
މަޖިލީހުގެ ތަޅުމަށާއި ކޮމިޓީތަކަށް ވަރަށް ގިނަ މައްސަލަތަކާ ގުޅިގެން ވަޒީރުން ހާޒިރުކޮށް ސުވާލުކުރެއެވެ.
އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ސުޕްރީމް ކޯޓު ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް މަޖިލީހަށް ހުށަހަޅަން ވެސް މެންބަރުން އަރިހުން ވަނީ އެދިވަޑައިގެންފައެވެ. އެ ކަމާ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، ފަހުން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒާ މަޝްވަރާކުރެއްވުމަށް ފަހު ގޮތެއް ނިންމާށެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަނީ ޕީއެންސީއަށެވެ. މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި ޕާޓީން ވަކިކުރުމުން ވެސް އެ ޕާޓީން ގާނޫނުއަސާސީއަށް ވެސް ވަނީ އިސްލާހު ގެނެސްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު މަޖިލީހުގެ ރައީސް އަބްދުއްރަޙީމާއި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސް މުއިއްޒާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމާ ގުޅޭ މާ ބޮޑު ތަފުސީލެއް ނުދިން ނަމަވެސް ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި މަޝްވަރާކުރީ މި އަހަރު ސަރުކާރުން މަޖިލީހަށް ހުށަހަޅަން ހުރި ބިލުތަކާ ގުޅޭ ގޮތުން ކަމަށެވެ.
މިދިޔަ މަހު 28 ގައި ވަޒީރުކަމުން ފައިސަލް ވަކިކުރުމާ އެކު އަބްދުއްރަޙީމް ވަނީ ރައީސް މުއިއްޒާ އެކު އޮތް ގުޅުން ގޯސްވެފައިވާ ކަމަށް އެއްބަސްވެލައްވާފައެވެ.
އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުން އަބްދުއްރަހީމެއް ނުފެނެއެވެ. އެކަމަކު، މިދިޔަ ބުރާސްފަތި ދުވަހު ރައީސް މުއިއްޒާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު އަބްދުއްރަޙީމް މިހާރު ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުން ވެސް ފެނެއެވެ.