އެންމެ ކުރިން ވެސް ވެންޓިލޭޓަރު ހިޔާނާތުގައި ދައުވާކުރުމުގެ ވިސްނުމެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނުގެންގުޅޭ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮޮމިޝަން (އޭސީސީ) އިން ޕީޖީއަށް ފޮނުވި އެވެ.
ޕީޖީ އިން އެ މައްސަލާގައި އޭރު ބުނީ ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑިކްލައިން ކުރަން ޖެހުނީ ކޯޓެއްގައި ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.
ފަހުން އެ މައްސަލަ ރިވިއުކުރި ނަމަވެސް މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުމަށް ބަދަލުނުގެންނަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.
އެ މައްސަލައިގައި އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު އަނޫލާ ވިދާޅުވީ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ، ރަސްމީ ހައިސިއްޔަތު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާ ކަމަށެވެ.
ނަމަވެސް 19 ވަނަ ދުވަހު ޕީޖީ އޮފީހުން މައްސަލަ ރިޖެކްޓުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި މައްސަލަ ރިޖެކްޓު ކުރެއްވިކަން އެނގުނީ ޕީޖީ އާއެކު ލިޔެކިޔުން ބަަދަލުކުރުމުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޮނުވާ މަޝްވަރާ ލޮގް އިން. އެ ލޮގް ގައި ކޭސް ޑިކްލައިންޑް ކަމަށް ވިދާޅުވެ ހަ ނުކުތާއެއް ފާހަގަކުރައްވާފައިވޭ. ކޮންމެ ނުކުތާއެއް ނިންމަވާލައްވަމުން ވިދާޅުވެފަ އޮވޭ، މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ހުރި ކަމަކަށް ގަބޫލެއް ނުކުރެވޭތީ ދައުވާ ނުކުރަން ނިންމީއޭ،" އަނޫލާ ވިދާޅުވި އެވެ.
އަނޫލާ ވިދާޅުވީ ޕީޖީން މައްސަލަ ރިޖެކްޓްކޮށް ފާހަގަކުރި ހަ ނުކުތާއަށް ޖަވާބުދީ އޭސީސީން 25 ވަނަ ދުވަހު ޕީޖީއަށް ރައްދު ދީފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތް ކޮށްފަ، އަޅުގަނޑުމެން ވެސް ހަމަ ގަނޑެއްގަ އެއްޗެއް ލިޔެފަ ފޮނުވީކީއެއް ނޫން. އަޅުގަނޑުމެން ފާހަގަކުރާނެ ކަންތައްތަކެއް ހުންނާނެ. އަދ ރައްދު ދިން އިރު، ތަހުގީގު ރިޕޯޓުގެ މިވެނި ކަންކަމެއްގައި މިވެނި ކަމެއް ފާހަގަކޮށްފައި ހުންނާނޭ އެހެންވީމަ އަލުން ނިންމެވުން މުރާޖައާކޮށްދެއްވުން އެދެމޭ ބުނެ 25 އޮކްޓޫބަރު 2020 ގަ ފޮނުވި އަޅުގަނޑުމެން ރިވިއު ސިޓީ. އެއާއެކު ހިމަނާފަ ވާނެ އަޅުގަނޑުމެންގެ ސަބަބުތައް. ރިވިއުކޮށްދޭން އެދޭ ސަބަބުތައް. ނަމަވެސް މިއަދާ ހަމައަށް އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުން މި ސިޓީއާއެކީ އަޅުގަނޑުމެން ފޮނުވި ކަރުދާހުގައިވާ އެއްވެސް ނުކުތާއަކަށް ޖަވާބެއް ދެއްވާފައެއް ނުވޭ،" އަނޫލާ ވިދާޅުވި އެވެ.
އަނޫލާ ވިދާޅުވީ ކޭސް ރިޖެކްޓު ކުރެއްވުމަށްފަހު ޕީޖީ އޮފީހުން ބޭއްވި ޕްރެސް ބެއްލެވި ކަމަށާއި، އެ ޕްރެސްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ހުރީ އިދާރީ ކުށްތަކެއް ކަމަށް ވިދާޅުވި ކަމަށެވެ.
"އޭރު ވެސް ޕީޖީއޯގެ ވިސްނުން މި ހުރީ ކޭސް ޑިކްލައިން ކުރުމުގެ ވިސްނުމެކޭ. ދައުވާ ކުރެވިދާނެތޯ ބެލުމުގެ މާނައެއް [ޕީޖީގެ ވާހަކައިން] ގައިމުވެސް އަޅުގަނޑަކަށް ނުކުރެވުނު،" އަނޫލާ ވިދާޅުވި އެވެ.
އޭސީސީގެ ރައީސް މަރްޔަމް ޝިއުނާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ކުރަނީ ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިންކަމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި މައްސަލައިގެ ޕްރައިމަރީ ހެއްކަށް ބަލާއިރު، މި މައްސަލައިގައި ދައުވާ ކުރެވޭނެ ކަމަށް އޭސީސީ އިން ގަބޫލުކުރާ ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންނަށް ޔަގީންކަން ދޭން ބޭނުން އަޅުގަނޑުމެން ވާނީ މި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކާ ސުވާލުކުރެވިފައޭ ވާނީ. އޭގެ އިތުރުން އެއްވެސް ފަރާތެއްގެ ނުފޫޒެއް އަޅުގަނޑުމެން ތަހުގީގުކުރި އިރު ފޯރުވާފައެއް ނުވާނެ. އަދި އެކަމަށް ޖާގަ ވެސް އަޅުގަނޑުނެން ދީފައެއް ނުވާނެ،" ޝިއުނާ ވިދާޅުވި އެވެ.
އެ ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.