އޭސީސީގެ ރައީސް ކަމުން މަރިޔަމް ޝިއުނާ ވަކިކުރަން އެމްޑީޕީ ޕީޖީ ގުރޫޕުގެ ތާއީދެއް ނުލިބުނެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވެގެން ހާލު ބޮޑުވާ ބަލި މީހުންނަށް ފަރުވާ ކުރުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ އޭސީސީގެ ރައީސް ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
މިއަދު 11 ޖެހި އިރު ބޭއްވި އެމްޑީޕީ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ހުށަހެޅުއްވީ އޭސީސީގެ ރައީސް ކަމުން ޝިއުނާ ވަކިކުރުމަށެވެ. އެ އިސްލާހަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެވެ. އެ ހުށަހެޅުމަށް ލިބުނީ 13 ވޯޓުކަން "ސަން" އަށް ވަނީ އެނގިފަ އެވެ.
އިތުރު ހުށަހެޅުމެއް އެ ބައްދަލުވުމުގައި ހުށަހެޅުއްވީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އޭނާ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއިން ބެލުމަށް ފަހު މައްސަލައެއް އުޅޭތޯ ބެލުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ދިއްގަރު ދާއިރާގެ މެމްބަރު އިކުރާމް ހަސަން އެވެ. އެ ހުށަހެޅުމަށް 14 ވޯޓު ލިބުނު ކަން އެނގިފައިވެ އެވެ.
އެ ބައްދަލުވުމުގެ ރިޔާސަތު ބެލެއްޓެވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އެވެ. އަލީ އާޒިމް ނިންމެވީ އެއްވެސް ހުށަހެޅުމަކަށް ތާއީދު ނުލިބޭ ކަމަށެވެ. އެހެންވެ ފަހުން މަޝްވަރާކޮށް ގޮތެއް ނިންމަން މައްސަލަ ބޭއްވިކަން އެނގިފައިވެ އެވެ.
ވެންޓިލޭޓަރު މައްސަލާގައި ޕީޖީ އިން ކުރިން ބުނީ ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑިކްލައިން ކުރަން ޖެހުނީ ކޯޓެއްގައި ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.
އެ ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.