އަދާލަތާ އެކު މަސައްކަތްކުރަން ފަސޭހަ، ވަރަށް އަވަހަށް އެއްބަސްވުމަކަށް އަންނާނަން: އެމްޑީޕީ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީށް އިމްރާން އަބްދުﷲ -- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަދާލަތު ޕާޓީއާ އެކު މަސައްކަތްކުރުމަށް އެމްޑީޕީ އިން ވަރަށް އަވަހަށް އެއްބަސްވުމަކަށް އަންނާނެކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަދި މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ އަދާލަތު ޕާޓީއާ އެކު މަސައްކަތްކުރުމަށް އެމްޑީޕީއަށް ވަރަށް ފަސޭހަ ކަމަށެވެ.

"އަދާލަތު ޕާޓީއާ އެކު މަސައްކަތްކޮށް މަޝްވަރާކުރުމަށް އެމްޑީޕީއަށް ވަރަށް ފަސޭހަކަމެއް. އަދާލަތު ޕާޓީއަކީ ވަރަށް ރޭވިގެން ހިންގުންތެިރކަމާއެކީ، ވަރަށް ރަނގަޅު އޮނިގަނޑެއްގެ ތެރޭގައި މަސައްކަތްކުރާ ޕާޓީއެއް،" އަފްޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ އިން އަދާލަތާ އެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އަންނާނެ ކަމަށާއި މަޝްވަރާތަކާއި އެއްބަސްވުމުގެ ތަފްސީލު ފަހުން ހިއްސާކުރާނެ ކަމަށެވެ.

https://sun.mv/115443

ސަރުކާރު ހިންގާ ކޯލިޝަނުގެ ތެރޭގައި ހިމެނޭ ޕާޓީތަކުން މަޖިލިސް އިންތިހާބަށް ގުޅިގެން ވާދަކުރުމަށް ނިންމާފައި އޮއްވާ، އެމްޑީޕީ އިން ފަހުން ނިންމީ 86 ދާއިރާއަކަށް އެމްޑީޕީއިން ވާދަކުރުމަށެވެ.

ހުރިހާ ޕާޓީތަކުން ވަކިވަކިން މަޖިލީހަށް ވާދަކުރުމަށް ނިންމާފައި ވަނިކޮށް، އަދާލަތު ޕާޓީ އިން ވަނީ އެމްޑީޕީއާ އެކު ވަކިން މަޝްވަރާތަކެއް ބާއްވައިފަ އެވެ. އެއަށް ފަހު އެމްޑީޕީ އިން ވަނީ އަދާލަތަށް ބައެއް ގޮނޑިތައް ދޫކޮށްލާ ފަދަ ވާހަކަތަކެއް ދައްކާފަ އެވެ. އެހެން ނަމަވެސް ހުރިހާ ދާއިރާއަކަށް އެމްޑީޕީގެ ކެންޑިޑޭޓުން މިހާރު ވަނީ ކުރިމަތިލައިފަ އެވެ.

އަދާލަތު ޕާޓީ އިން މީގެ ކުރިން ނިންމީ ކޯލިޝަނުގެ "އެއްބަސްވުމުގައި" އޮތް ގޮތަށް، އަދާލަތަށް ލިބުނު ކޯޓާއާ އެއްވަރަށް މަޖިލީހަށް ކުރިމަތިލުމަށެވެ. އެއީ 13 ދާއިރާއެކެވެ. ނަމަވެސް އެމްޑީޕީއާ އެކު ކުރި މަޝްވަރާތަކަށް ފަހު، އަދާލަތުން ފަސް ގޮނޑި ދޫކޮށްލައި، ޓިކެޓު ދިނީ އަށް މީހަކަށެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެ ފަސް ދާއިރާ ދޫކޮށްލުމަކީ ސަރުކާރަށް މެޖޯރިޓީ ލިބުމަށް މަގުފަހިވާނެ ކަމަށާއި ސަރުކާރު ދެމެހެއްޓުމަށް އެ ޕާޓީން ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވަމުން ދާނެ ކަމަށެވެ.

https://sun.mv/115556

އެމްޑީޕީ އާއި އަދާލަތު ޕާޓީން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާތަކެއް ކޮށް، އެއްބަސްވުމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ އިރު، ކޯލިޝަނުގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ގެންދަވަނީ އެމްޑީޕީ އަށް ބަހުގެ ހަމަލާތައް ރައްދުކޮށް، އެޕާޓީއަށް "މަޖިލިސް މެޖޯރިޓީ ދިނުމަކީ ހެޔޮވާވަރު ކަމެއް ނޫން"ކަމަށް ވިދާޅުވަމުންނެވެ.

https://sun.mv/115545

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި ޖުމްހޫރީ ޕާޓީއާ މަޝްވަރާތަކެއް ކުރަމުން ގެންދާކަމުގެ އަޑުތަކެއް ފެތުރިފައިވާ އިރު، ޖުމްހޫރީ ޕާޓީން ވަނީ މިކަން ދޮގުކޮށްފަ އެވެ. ނަމަވެސް ޕީއެންސީގެ ވަގުތީ ހިންގާ ކޮމިޓީގެ މެމްބަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އިއްޔެ ސަންއަށް ވިދާޅުވީ އެ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އިތުރު ޕާޓީއަކާ އެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

އަދި އެ މަޝްވަރާތަކަށް ފަހު ޕީޕީއެމް ކޮންގްރެސް ކޯލިޝަނުން ވާދަކުރާ ބައެއް ގޮނޑިތައް ދޫކޮށްލަން ނިންމާފައިވާކަން އޭނާ ކަށަވަރު ކޮށްދެއްވި އެވެ.

https://sun.mv/115531

މުންދު މިހެން ވިދާޅުވި އިރު، ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ދޫކޮށްލި ބައެއް ދާއިރާތަކަށް ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް ތާއީދުކުރުމަށް އެ ކޯލިޝަނުން ވަނީ ނިންމައިފަ އެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް ވާދަކުރަން ނިންމި ބައެއް ދާއިރާތައް ދޫކޮށްލާފައިވެ އެވެ.

comment ކޮމެންޓް