ފަސް ދާއިރާއަށް ކުރިމަތިނުލުމުން ސަރުކާރަށް މަޖިލިސް މެޖޯރިޓީ ލިބުމަށް މަގުފަހިވާނެ: އިމްރާން

އަދާލަތު ޕާޓީގެ ޓިކެޓް ދެއްވުމަށް މިރޭ އެ ޕާޓީގެ އޮފީހުގެ ބޭއްވި ރަސްމިއްޔާތުގެ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން ކުރިމަތިލުމަށް ނިންމި 13 ދާއިރާގެ ތެރެއިން ފަސް ދާއިރާ އަށް ކުރިމަތިނުލާން ނިންމުމުގެ ސަބަބުން ސަރުކާރަށް މަޖިލިސް މެޖޯރިޓީ ލިބުމަށް މަގުފަހިވާނެ ކަމަށް އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ އެ ޕާޓީގެ ޓިކެޓްގައި ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އަށް ބޭފުޅުންނަށް ޓިކެޓް ދިނުމަށް އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.

އަށް ބޭފުޅުންނަށް ޓިކެޓް ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ސަރުކާރު ގެނައުމަށް އަދާލަތު ޕާޓީން މަސައްކަތް ކުރި ފަދައިން ސަރުކާރު ދެމެހެއްޓުމަށް ވެސް އެ ޕާޓީން ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވަމުން އަންނަ ކަމަށެވެ. އެގޮތުން މަޖިލީހަށް ކުރިމަތިލަނީ ވެސް އެ މަގުސަދުގައި ކަމަށް އިމްރާން ފާހަގަކުރެއްވި އެވެ.

އަދާލަތު ޕާޓީގެ ޓިކެޓް ދެއްވުމަށް މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

"އަޅުގަނޑު އުންމީދު ކުރަނީ އަދާލަތު ޕާޓީން މިއަދު މި ނިންމި މުހިންމު ނިންމުމުގެ ނަތީޖާއެއްގެ ގޮތުން ﷲ ސުބުހާނަހޫ ވަތައާލާގެ ރަހުމަތާ އެކު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި މި ސަރުކާރަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ލިބުމަށް އިރާދަކުރެއްވިއްޔާ މަގުތަނަވަސް ވާނެ ކަމަށް،" އިމްރާން ވިދާޅުވި އެވެ.

ފަސް ދާއިރާއަށް ކުރިމަތި ނުލުމަށް ނިންމާފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައި ކަން އިމްރާން ފާހަގަ ކުރެއްވި އެވެ. އަދި އެ ފަސް ދާއިރާގެ ޓިކެޓް ދިނުމަށް އެ ޕާޓީން ނިންމާފައިވާ ފަސް ފަރާތުން ފަހަތަށް ޖެހުނުކަމަށްޓަކައި އިމްރާން ވަނީ އެ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.

އަދާލަތު ޕާޓީން ކުރިމަތި ނުލާން ނިންމި ފަސް ދާއިރާ އަކީ ގަމު ދާއިރާ އާއި ފުވައްމުލަކު ދެކުނު ދާއިރާ އާއި ފޭދޫ ދާއިރާ އާއި މާފަންނު ދެކުނު ދާއިރާގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާ އެވެ.

comment ކޮމެންޓް