ކޮންމެ މަހަކު ބާއްވަން ބުނި ލީޑަރުންގެ ބައްދަލުވުން ނުބާއްވާތާ ދެމަސް!

ކޯލިޝަން ލީޑަރުންނާއެކު ރައީސް ސޯލިހު މީގެކުރިން ބޭއްވި ބައްދަލު ކުރެއްވުމަށް ފަހު --- ސަންފޮޓޯ/ އަވްޝަން އިލިޔާސް

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަހަކު އެއްފަހަރު ބާއްވަން އެއްބަސްވެވަޑައިގެންނެވި ލީޑަރުންގެ ބައްދަލުވުން ނުބޭއްވި، މި އަހަރުގެ ދެ ވަނަ މަސް ވެސް ނިމުމަކަށް އައިސްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ބޭއްވި ފުރަތަމަ ކޯލިޝަން ލީޑަރުންގެ ބައްދަލުވުމުގައި ނިންމީ އެމަނިކުފާނަށް އެންމެ މަތީ މަޝްވަރާ އަރުވާނީ ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން ކަމަށާއި، ކޮންމެ މަހަކު އެއްފަހަރު ލީޑަރުންނާ ބައްދަލު ކުރެއްވުމަށެވެ.

އެންމެ ފަހުން ލީޑަރުންގެ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް މި އަހަރުގެ ދެވަނަ މަސް ނިމެން ދާ އިރު، މިހާތަނަށް މި އަހަރު މި ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ.

މިދިޔަ ޖެނުއަރީ މަހު ރައީސް ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ލީޑަރުންގެ ބައްދަލުވުން ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުން މިދިޔަ މަހު ބާއްވާފައެއް ނުވެ އެވެ.

މިމަހުގެ ބައްދަލުވުން ވެސް ނުބޭއްވޭ އިރު ރައީސް ސޯލިހު މިވަގުތު ހުންނެވީ ތިން ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްގައި، ސިންގަޕޫރުގަ އެވެ.

މިދިޔަ މަހު ބައްދަލުވުން ނުބޭއްވުނު ސަބަބެއް ސާފުކުރުމަށް ރައީސް އޮފީހުގެ ކޮމިނިކޭޝަން ސެކްރެޓެރީ ހަސަން އިސްމާއިލްއާ ސުވާލުކުރުމުން ވިދާޅުވީ ލީޑަރުންގެ ބައްދަލުވުން އިންތިޒާމުކުރަނީ ސިޔާސީ ޕާޓީތަކުން ކަމަށާއި ރައީސް އޮފީހުން ނޫން ކަމަށެވެ.

https://sun.mv/111687

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ މައުމޫނު ރިފޯމް މޫވްމެންޓުން ބުނި ގޮތުން ލީޑަރުންގެ ބައްދަލުވުން އިންތިޒާމުކުރަނީ ރައީސް ސޯލިހުގެ ފަރާތްޕުޅުންނެވެ. މީގެ ކުރިން ވެސް ލީޑަރުން ބައްދަލުވުން ބާއްވާފައި ވަނީ ރައީސް ސޯލިހުގެ ފަރާތްޕުޅުން އިންތިޒާމުކޮށް ދައުވަތު ދިނުމުންނެވެ.

މައުމޫނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިދިޔަ މަހު ވިދާޅުވެފައި ވަނީ އެމަނިކުފާނު ހުންނެވީ ލީޑަރުންގެ ބައްދަލުވުން ބާއްވާނެ ކަމުގެ އުންމީދުގައި ކަމަށެވެ.

މަޖިލީހުގެ ރައީސް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --

ކޯލިޝަން ބައްދަލުވުން ނުބާއްވާތާ ދެ މަސް ވެގެން ދިޔަ އިރު، މަޖިލިސް އިންތިހާބާ ގުޅިގެން ޖޭޕީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ކުރީގެ ރައީސް އަަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފަ އެވެ.

އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމާ ގުޅިގެން ގާސިމް ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. ގާސިމް ވިދާޅުވި ގޮތުން މަޖިލިސް އިންތިހާބުގައި ކުރިއަށް ދާން ކޯލިޝަން އެއްބަސްވުމެއް އޮއްވައި އެކަން ރޫޅާލައި އެމްޑީޕީން ވައުދާ އަހުދާ ހިލާފުވީ އެވެ.

comment ކޮމެންޓް