އިބޫއަށް މަޝްވަރާ އަރުވާނީ ހަަތަރު ލީޑަރުން، މަހަކު އެއްފަހަރު ބައްދަލު ކުރައްވާނެ!

15 ނޮވެމްބަރު 2018: ކޯލިޝަންގެ ލީޑަރުން ހޮޓެލް ޖެންގައި ބައްދަލު ކުރައްވަނީ-- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު އެމަނިކުފާނަށް އެންމެ މަތީ މަޝްވަރާ އަރުވާނީ ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން ކަމަށާއި، ކޮންމެ މަހަކު އެއްފަހަރު ލީޑަރުންނާ ބައްދަލު ކުރައްވާނެ ކަމަށް އެ ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން ކަމަށްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އަދާލަތު ޕާޓީގެ ލީޑަރު ޝައިހް އިމްރާން، އަދި ކުރީގެ ރައީސް މައުމޫން ވަނީ މިއަދު ފުރަތަމަ ފަހަރަށް އިންތިހާބީ ރައީސް އިބޫ އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމްއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ. އެ ބައްދަލު ކުރެއްވުން އޮތީ ހޮޓެލް ޖެންގަ އެވެ.

އެ ބައްދަލު ކުރެއްވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން، އިބޫ ވިދާޅުވީ މިއަދުގެ އެ ބޭފުޅުން، ކެބިނެޓު އެކުލަވާލުމާ ބެހޭގޮތުން މަޝްވަރާ ކުރައްވި ކަމަށެވެ. އަދި ކޮންމެ މަހަކު މަދުވެގެން އެއްފަހަރު އެ ބޭފުޅުން ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"މިހާރުން މިހާރަށް ކުރަންޖެހޭ އެއް ކަމެއްގެ ގޮތުގައި ކެބިނެޓް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެއަށްވެސް މިއަދު ވަނީ ގޮތްތަކެއް ނިމިފައި." އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެއްބަސް ވެވުނީ އިންތިހާބާ ހިސާބަށް، މި އޮތް ކޯލިޝަން އޮތް އޮތް ގޮތަށް ދަމަހައްޓައި، ރައްޔިތުން އެކުރި އުންމީދުތައް ދަމަހައްޓައި އަޅުގަނޑުމެން އޭރުވެސް އެ ތިބި ގޮތަށް އެކީގައި ތިބޭނެ ކަމަށް،" އިބޫ ވިދާޅުވި އެވެ.

15 ނޮވެމްބަރު 2018: ކޯލިޝަންގެ ލީޑަރުން ހޮޓެލް ޖެންގައި ބައްދަލު ކުރެއްވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

އިބޫ ވިދާޅުވީ ޕާޓީތަކުގެ ލީޑަރުން އިންތިހާބުގެ ދުވަސްވަރު ތިއްބެވީ އެކި ގޮތްގޮތުން ބަންދުވެފައި ކަމަށެވެ. އެހެން ނަމަވެސް އެ ބޭފުޅުން ތިއްބެވި ތަނެއްގައި ތިއްބަވައިގެން ގިނަ މަސައްކަތްތައްކެއް ކުރެއްވި ކަމަށް އިބޫ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި އެއްތަނެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް މިއަދު މިވަނީ ލިބިފައި،" އިބޫ ވިދާޅުވި އެވެ.

މިއަދު ރައީސް މައުމޫން ވިދާޅުވީ، އިބޫ އިންތިހާބު ކުރެއްވުމަށް އެމްއާރްއެމްގެ ނައިބު ލީޑަރުންނާ އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން މިއަދުގެ ބައްދަލުވުމުގައި ރައީސުލް މުންތަޚަބް އެ ވިދާޅުވި ފަދައިން އެއްބަސްވީ، މި ބައްދަލުވުމަކީ މަހަކު މަދުވެގެން އެއްފަހަރު ބާއްވާ ބައްދަލުވުމަކަށް ހަދައި ގައުމީ ބޮޑެތި ކަންތައްތަކުގައި އަޅުގަނޑުމެން މަޝްވަރާކޮށް އަޅުގަނޑުމެންނަށް ފެންނަ ގޮތަށް ރައީސަށް އެރުވުމަށް."

"އަޅުގަނޑުމެން އަރުވާނީ މަޝްވަރާ، އަޅުގަނޑުމެންނަކީ ކަންކަން ނިންމާނެ ބައެއް ނޫން،"

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، އިބޫގެ ކެބިނެޓަކީ ކޯލީޝަނުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިހްތިޔާރު ކުރައްވާ ބޭފުޅުންގެ މައްޗަށް ކަމަށް ލީޑަރުންނަށް އެއްބަސްވެވިފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުވެވަޑައިގަތީ އިއްތިހާދަކުން ކަން. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ ކެބިނެޓު އެކުލަވާލައްވާ އިރުގައި އެ ވިސްނުންފުޅު ގެންގުޅުއްވާނެ. ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ކެބިނެޓު ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ހިފޭ ރައީސުލް ޖުމްހޫރިއްޔާގެ ކެބިނެޓަކަށް."

15 ނޮވެމްބަރު 2018: ކޯލިޝަންގެ ލީޑަރުން ހޮޓެލް ޖެންގައި ބައްދަލު ކުރެއްވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ގާސިމް އިބްރާހިމް ވިދާޅުވީ، ބޭފުޅުން މަސައްކަތް ކުރައްވާނީ ގައުމަށް ފައިދާ ހުރި ގޮަތަކަށް ރައްޔިތުންގެ އުންމީދުތައް ކަށަވަރުކޮށްދިނުމަށްޓަކައި ކަމަށެވެ.

ޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ ހަތަރު ލީޑަރުންނާ މަޝްވަރާ ކޮށްގެން ހޯދާ ލަފާ އަކީ ރައްޔިތުން ދޭ ލަފާގެ ގޮތުގައި ބެލޭނެ ކަމަށެވެ. އަދި އެގޮތަށް މަޝްވަރާގެ މަތިން ކަންތައް ކޮށްފި ނަމަ ކަންތައްތައް ވެގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.

އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ލީޑަރުން ތައްޔާރަށް ތިއްބެވިކަމަށެވެ. އަދި ލީޑަރުންގެ މެދުގައި ދިމާވާ ކުދި ކުދި މައްސަލަތައް ހައްލު ކުރެވި ރައްޔިތުންގެ މަސްލަހަތު އިސްކުރެވޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

މިއަދު ބޭއްވި ކޯލިޝަންގެ ލީޑަރުންބައްދަލު ކުރެއްވުމަކީ އެ ހުރިހާ ލީޑަރުން އެއްތަންވެ ރަސްމީކޮށް މަޝްވަރާ ކުރެއްވި ފުރަތަމަ ބައްދަލު ކުރެއްވުމެވެ.

comment ކޮމެންޓް