މައުމޫންގެ ދެ ބޭފުޅުންނަށް ވެސް ނާކާމިޔާބީ

ދުންޔާ މައުމޫނާއި ފާރިސް މައުމޫން -- ފޮޓޯ/ ދުންޔާ މައުމޫން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދެ ދަރިކަލުން ދުންޔާ މައުމޫނާއި ފާރިސް މައުމޫން ނާކާމިޔާބުވެއްޖެއެވެ.

އެ އިންތިޚާބުގައި ދުންޔާ ވާދަކުރެއްވީ ހުޅުމާލޭ ދެކުނަށް ކަމަށްވާއިރު، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް ވާދަކުރެއްވީ މައްޗަންގޯޅި އުތުރު ދާއިރާއަށެވެ.

މިހާތަނަށް ގުނާފައިވާ 23 ފޮށީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާއަށް ލިބިފައި ވަނީ 69 ވޯޓާއެކު ތިން ޕަސެންޓް ވޯޓެވެ. އެ ދާއިރާއިން ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޑރ. އަހުމަދު ޝަމްހީދެވެެ. އޭނާއަށް މިހާތަނަށް 1010 ވޯޓު ލިބިފައިވެއެވެ.

މައްޗަންގޯޅި އުތުރު ދާއިރާއިން މިވަގުތު ކުރީގައި އުޅުއްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޭބޭފުޅު އިބްރާހީމް މުހައްމަދު (އިިއްބެ ޖަނާބް) އެވެ.

އެ ދާއިރާއިން މިހާތަނަށް ގުނާފައިވާ 23 ފޮށިން މިހާރު އިބްރާހީމް 40 ޕަސެންޓް ވޯޓު ހޯއްދަވާފައިވާއިރު ފާރިސްއަށް ލިބިފައިވަނީ 27 ޕަސެންޓް ވޯޓެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ފާރިސް ވާދަކުރެއްވިއެވެ. އެ އިންތިޚާބުން އޭނާއަށް ލިބުނީ 2,979 ވޯޓެވެ.

ތިރީސް އަހަރު ވަންދެން ރާއްޖޭގައި ވެރިކަން ކުރެއްވި މައުމޫން ވަނީ ތިން ޕާޓީއެއް އުފައްދަވައިފައެވެ. އެއީ ޑީއާރުޕީ އާއި ޕީޕީއެމާއި އެމްއާރުއެމްއެވެ.

އެމްއާރުއެމްގައި 3،000 މެންބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު އެ ޕާޓީ އުވާލި ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ވަނީ އީސީގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް ނިންމައިފައެވެ.

comment ކޮމެންޓް