ސަރުކާރާއި މަޖިލީހުގައި އަންހެނުން މަދުވުމުން މައުމޫންގެ ކަންބޮޑުވުން

ކުރީގެ ރައީސް މައުމޫނާއި އަނބިކަނބަލުން: އެ މަނިކުފާނު ވަނީ އަންހެނުން މަދުވުމުން ކަންބޮޑުވުން ފާޅުކުރައްވާފައި -- ސަން ފަޔާޒު މޫސާ

މިހާރުގެ ސަރުކާރާއި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވީ މެންބަރުންގެ ތެރޭގައި އަންހެނުން މަދުވުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި މަޖިލީސް އިންތިޚާބުގައި ގޮނޑި ކާމިޔާބުކުރެވުނީ އެންމެ ތިން އަންހެން މެންބަރުންނަށެވެ. އެ ކަމާ ގުޅިގެން ބައެއް ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ރާއްޖޭގައި 30 އަހަރު ވަންދެން ވެރިކަން ކުރެއްވި މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށާއި އެހެންކަމުން މިހާރަށް ވުރެ މާ ރަނގަޅަށް އަންހެނުން ތަމުސީލުވާން ޖެހޭނެ ކަމަށެވެ.

އަންހެނުން ތަމުސީލުވާ ނިސްބަތް މަދުވުމަކީ "ވަރަށް މާޔޫސީ" ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މައުމޫން އެފަދައިން ވިދާޅުވީ، މަޖިލީހަށް އިންތިޚާބުވީ އަންހެން މެންބަރުންނާއި ސަރުކާރުގެ ވަޒީރު ފެންވަރުގައި ތިއްބެވި އަންހެނުންގެ އަދަދު މަދުވުމާ ގުޅިގެން އިދިކޮޅު ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް އަދި، މަޖިލީސް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އައިޝަތު އަލައިކާ އަދުނާން ކުރި ޕޯސްޓަކަށް ރިޕްލައިދެއްވަމުންނެވެ.

އަލައިކާ ވަނީ ސަރުކާރުގެ 22 ވަޒީރުންގެ ތެރެއިން އަންހެނުންނަށް ލިބުނީ ތިން ޖާގަ ކަމަށާއި މަޖިލީހުގެ 93 ދާއިރާއިން އަންހެނުންނަށް ލިބުނީ ތިން ޖާގަ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފަހަރުގެ މަޖިލީސް އިންތިޚާބުގައި 42 އަންހެން ކެންޑިޑޭޓުން ވާދަކުރިއެވެ. އެކަމަކު، އިންތިޚާބުވީ އެންމެ ތިން މެންބަރުންނެވެ. އެއީ،

  • ހުރާ ދާއިރާގެ ސަރުކާރު ކެންޑިޑޭޓް އަނާރާ ނައީމު
  • ޕީއެންސީން މާފަންނު މެދު ދާއިރާއަށް ވާދަކުރި އަސްމާ ރަޝީދު
  • ނިލަންދޫ ދާއިރާގެ ކެންޑިޑޭޓް ފާތިމަތު ސައުދާ

މި ހިނގާ 19 ވަނަ މަޖިލީހަށް ވަނީ މަޖިލީހުގައި އަންހެނުންގެ ނިސްބަތް 33 އިންސައްތައަށް ކަނޑައަޅަން އިސްލާހެއް ވެސް ހުށަހަޅުއްވާފައެވެ. އެ އިސްލާހު ހުށަހަޅުއްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.

comment ކޮމެންޓް