އެކާވީސް އަހަރުންދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާއި ގދ. ތިނަދޫ ބައްދަލުކުރި މެޗުވެސް އެއްވަރުވެގެން ނިމިއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ޔޫވީއާއި ތިނަދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. އެ މެޗުގެ ކުރިން މިއަދު ހަވީރު ކްލަބު އީގަލްސްއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބައްދަލުކުރި މެޗުވެސް ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މިރޭ ކުޅުނު މެޗުގައި ޔޫވީ އަދި ތިނަދޫގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.
މިއަދު ކުޅުނު މެޗުތަކުގެ ކުރިން މުބާރާތުގައި ދެ މެޗެއް ކުޅުނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ތިނަދޫ އަތުން 1-0 ގެ ނަތީޖާއަކުން އީގަލްސް މޮޅުވި އިރު، ޔޫވީ އަތުން މާޒިޔާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. ބުދަ ދުވަހުގެ 15:50ގައި ކުޅޭ މެޗުގައި ތިނަދުއާއި މާޒިޔާ ބައްދަލުކުރާ އިރު، އެ ދުވަހުގެ 20:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސްއާއި ޔޫވީއެވެ.
މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވެފައިވަނީ ހަތަރު ޓީމެކެވެ. އެއީ ކްލަބް އީގަލްސްއާއި، ޔުނައިޓެޑް ވިކްޓަރީއާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ގދ. ތިނަދޫއެވެ. މިއަހަރުގެ މުބާރާތުގައި ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން މުބާރާތުގައި ބައިވެރިފައެއް ނުވެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ރަނަރަފް ޓީސީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި ކްލަބު ވެލެންސިއާ ހިމެނެއެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މިއަހަރު ހަތަރު ޓީމު ބައިވެރިވެފައިވުމުން، އެފްއޭއެމުން މުބާރާތުގެ އޮނިގަނޑު ރާވާފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.
އެފްއޭއެމްއިން 2011 ވަނަ އަހަރު ބާއްވަން ފެށި އެ މުބާރާތް މެދުނުކެނޑި 2014 ވަނަ އަހަރުގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު މުބާރާތް ދެން ބާއްވާފައިވަނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ޓީސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އީގަލްސްއެވެ.