އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުން ކްރިސްޓަލް ޕެލަސްއާއި ނޮޓިންހަމް ފޮރެސްޓް ވެސް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ޕެލަސް ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ފުލަމްއާ ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކޮށްގެންނެވެ.
ފުލަމްގެ ދަނޑުގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ފުލަމްއިން އުފެއްދި ނަމަވެސް އެ ޓީމަށް ޕެލަސްގެ ޑިފެންސް ފޫއަޅުވާލުމުގައި މާ ބޮޑު ކުރިއެރުމެއް ނުލިބެއެވެ. އޭގެ ބަދަލުގައި ފެނުނީ ޕެލަސްއިން ފުލަމްގެ ޑިފެންސް ފޫއަޅުވާލަމުންދިޔަ ތަނެވެ.
ފުރަތަމަ ލަނޑު ޕެލަސްއަށް ކާމިޔާބުކޮށްދިނީ ވޯލްޑް ކަޕް ކޮލިފައިންގައި ދާދި ފަހުން އިނގިރޭސި ޖާޒީގައި ފުރަތަމަ ލަނޑު ކާމިޔާބުކުރި އެބެރެޗީ އެޒޭއެވެ. މި ލަނޑާ އެކު ޕެލަސްއިން ހަމަޖެހިލިއިރު ފުލަމްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުންދިޔަ މަސައްކަތް އިތުރު ކުރިއެވެ. އެކަމަކު، ފުލަމްއަށް ރަނގަޅަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް ފެނުނީ ޕެލަސްއިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ އެޓީމުގެ ލީޑު ފުޅާކުރި ތަނެވެ.
މެޗުގެ 38 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އިސްމައިލާ ސާއެވެ. އަދި، ޕެލަސްގެ ފަހު ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޑީ އެންކެއިޓާއެވެ.
މި ކާމިޔާބީއާ އެކު ޕެލަސް މިވަނީ މިމުބާރާތުގެ ސެމީ ފައިނަލުން 2022 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ފޮރެސްޓް ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން ބްރައިޓަން އެންޑް ހޯވް އެލްބިއަން ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ގޯލެއް ވައްދައިނުލެވުނެވެ. އިތުރު ވަގުތުގައި ވެސް ލަނޑެއް ނުޖެހުނެވެ.
އެހެންވެ، ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު ތަރިއަކަށްވީ ފޮރެސްޓްގެ ކީޕަރު މެޓްޒޒް ސެލްސްއެވެ. އޭނާ ވަނީ ބްރައިޓަންގެ ޖެކް ހިންޝެލްވުޑާއި ޑިއެގޯ ގޯމޭޒް ޖެހި ޕެނަލްޓީ ވެސް ދިފާއުކޮށްފައެވެ.
ސެމީ ފައިނަލުގައި ދެ ޓީމު ބައްދަލުކުރަން ޖެހޭނެ ޓީމެއް އެނގޭނީ މިރޭ އޮންނަ ގުރުއަތުލުމުންނެވެ.