ސެއިންޓް ޕައުލީ ބަލިކޮށް ބަޔާނުން 34 ވަނަ ލީގު ތައްޓާ ގާތަށް

ޖަރުމަނު ބުންޑެސްލީގާގެ އެއްވަނައިގައި އޮތް ބަޔާން މިޔުނިކުން ސެއިންޓް ޕައުލީ ބަލިކޮށް، ލީޑު ފުޅާކޮށްފިއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-2 އިންނެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ބަޔާނުން ލީޑު ނެގި ނަމަވެސް މެޗު ފަސޭހައެއް ނުވިއެވެ. އެ ލަނޑު ޖަހައިދިނީ ހެރީ ކޭންއެވެ. މިއީ މިސީޒަންގައި ކޭން ބަޔާން އަށް ލީގުގައި ކާމިޔާބު ކޮށްދިން 22 ވަނަ ލަނޑެވެ.

ނަމަވެސް، މި ލަނޑު ޖެހިތާ 10 މިނެޓް ފަހުން ސެއިންޓް ޕައުލީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެލިއަސް ސާޑެވެ. ބަޔާނުން ދެވަނަ ފަހަރަށް ލީޑު ނެގީ 53 ވަނަ މިނެޓުގައި ލިރޯއި ސާނޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި، 71 ވަނަ މިނެޓްގައި ސާނޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ބަޔާންގެ ލީޑު ފުޅާކޮށް ދީފައެވެ.

ސެއިންޓް ޕައުލީގެ ފަހު ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލާސް ރިޓްޒްކާއެވެ.

މި ކާމިޔާބީއާ އެކު ބަޔާން މިހާރު އެއްވަނައިގައި އޮތީ 27 މެޗުން ލިބިފައިވާ 65 ޕޮއިންޓާ އެކު ހަ ޕޮއިންޓުގެ ލީޑެއްގައެވެ. ބާކީ ހަތް މެޗު އޮތްއިރު 34 ވަނަ ފަހަރަށް ބުންޑެސްލީގާ ކާމިޔާބުކުރުމުގެ ފުރުސަތު ބަޔާނަށް ވަރަށް ބޮޑަށް އެބައޮތެވެ.

ނަމަވެސް، އެންމެ ފަހުން ނިމުނު އިންޓަނޭޝަނަލް ބްރޭކްގައި މުހިންމު ކުޅުންތެރިއެއް ކަމަށްވާ އެމެރިކާގެ އަލްފަންސޯ ޑޭވިސްގެ ފަޔަށް ލިބުނު އަނިޔާއާ އެކު އޭނާއަށް މި ސީޒަންގައި އިތުރަށް ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ. އަދި، ފަރަންސޭސި ޑިފެންޑާ ޑާޔޮޓް އުޕަމެކާނޯއަށް ވެސް ވަނީ ޤައުމީ ޓީމަށް ކުޅެނިކޮށް އަނިޔާވެފައެވެ. ދެ ކުޅުންތެރިން ނެތުމުގެ ހީނަރުކަން ބަޔާނަށް ކުރާނެ ކަމަށް ބެލެވެއެވެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބޮރޫޝިއާ މުންޗެންގްލަޑްބެކުން ވަނީ 1-0 އިން އާރްބީ ލެއިޕްޒިގް ބަލިކޮށްފައެވެ. އަދި، އެއިންޓްރެކްޓް ފްރޭންކްފާޓުން ވަނީ 1-0 އިން ސްޓުޓްގާޓް ބަލިކޮށްފައެވެ. ވާޑާ ބްރޭމަންއާއި ހޯލްސްޓެއިން ބައްދަލުކުރި މެޗު 3-0 އިން ބްރޭމަންއިން ކާމިޔާބުކުރިއިރު ހެއިޑެންހެއިމްއާއި ވުލްފްސްބާގް ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ހެއިޑެންހެއިމުންނެވެ.

comment ކޮމެންޓް