ލެގަނޭސް އަތުން ރެއާލަށް ހަނި މޮޅެއް

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ލެގާނެސް ބަލިކޮށް، އެއްވަނައިގައި އޮތް އެފްސީ ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-2 އިންނެވެ.

ރެއާލުން މެޗުން މޮޅުވި ނަމަވެސް ފުރަތަމަ ހާފު ދިޔައީ ވަރަށް އުނދަގޫކޮށެވެ. އެ ޓީމުން މެޗުގެ ލީޑު ނެގީ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެ ލަނޑު ޖަހައިދިނީ އިތުބާރު ފޯވާޑް ކިލިއަން އެމްބާޕޭއެވެ.

އެކަމަކު، އޭގެ މިނެޓެއް ފަހުން ލެގަނޭސްގެ ޑިއެގޯ ގާސިއާ ވަނީ ލަނޑެއް ޖަހައި ރެއާލް ސިއްސުވާލައިފައެވެ. އޭގެ ފަހުން ދެން ފެނުނީ 41 ވަނަ މިނެޓުގައި ޑާނީ ރާބާ ޖަހައިދިން ލަނޑާ އެކު ލެގަނޭސްއިން މެޗުގެ ލީޑު ނަގައި އޮއިވަރު ބަދަލުކޮށްލިތަނެވެ.

އެކަމަކު، ދެވަނަ ހާފުގައި ރެއާލުން ވަނީ ކުޅުން ރަނގަޅުކޮށް، މެޗު އަތުލައިފައެވެ.

އެ ހާފު ފެށިތާ ދެވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ ރެއާލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި، 76 ވަނަ މިނެޓުގައި ރެއާލް ކޮޅަށް މެޗު އަނބުރާލަދިނީ ފުރަތަމަ ލަނޑު ވެސް ޖެހި އެމްބާޕޭއެވެ. މިއީ މި ސީޒަންގައި ރެއާލަށް އެމްބާޕޭ ކާމިޔާބުކޮށްދިން 33 ވަނަ ލަނޑެވެ.

ރެއާލުން މި މެޗު ފެށީ އިންޓަނޭޝަނަލް ބްރޭކަަށް ފަހު ދެކުނު އެމެރިކާގެ ޤައުމުތަކަށް ނިސްބަތްވި ތިން ކުޅުންތެރިން ކަމަށްވާ ވިނީޝިއަސް ޖޫނިއާ، ރޮޑްރިގޯ އަދި ފެޑެރީކޯ ވަލްވާޑޭއާ ނުލައެވެ.

މި ކާމިޔާބީއާ އެކު ރެއާލް މިހާރު އޮތީ ކުޅުނު 29 މެޗުން ލިބިފައިވާ 63 ޕޮއިންޓާ އެކު ދެވަނައިގައެވެ. އެއީ، އެއްވަނައިގައި އޮތް ބާސާއާ ޕޮއިންޓްގެ ގޮތުން ހަމަވި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ނުލިބޭތީއެވެ.

ރެއާލުން ވަނީ މެޗެއް އިތުރަށް ވެސް ކުޅެފައެވެ. އެހެންވެ، ބާސާއިން މިރޭ ޖިރޯނާއާ ބައްދަލުކުރާ މެޗު ކާމިޔާބުކޮށްފި ނަމަ އަނެއްކާ ވެސް އެ ޓީމަށް އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބޭނެއެވެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު 1-1 އިންވީ އެއްވަރެވެ. މިއާއެކު އެތުލެޓިކޯ މިހާރުވަނީ ލީގަށް ކުރާ ވާދައިގައި ތަންކޮޅެއް ފަހަތަށް ޖެހިލާފައެވެ. އެ ޓީމަށް ލިބިފައިވަނީ 57 ޕޮއިންޓެވެ.

ދެން ކުޅުނު މެޗުތަކަށް ބަލާއިރު، ރެއާލް ސޮސިއެޑާޑާއި ވަޔަޑޮލިޑް ބައްދަލުކުރި މެޗު 2-1 އިން ސޮސިއެޑާޑް ކާމިޔާބުކުރިއިރު ރަޔޯ ވަޔެކާނޯއާއި އަލަވޭޒް ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ ވަޔެކާނޯއެވެ.

comment ކޮމެންޓް