ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ސިފައިން ހޯދައިފި

ތިންވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މުބާރާތުގެ ފައިނަލުގައި ސީ ލައިފް ބަލިކޮށް، ސިފައިން ވަނީ ޗެމްޕިއަންކަން ހޯދާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސީ ލައިފް ސްޕޯޓްސް ކްލަބު ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިން ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ސީ ލައިފްގެ މައްޗަށް ސިފައިން ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނީ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުންނެވެ. ޕެނަލްޓީގައި ސިފައިން ކުރި ހޯދީ 3-2 ގެ ނަތީޖައަކުންނެވެ.

އެ މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ދެ ޓީމުން ޖެހި ލަނޑު ވެސް ފެނިގެންދިޔައީ މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ 80 ވަނަ މިނެޓުގައި ސިފައިންނަށް ނަދީފު އިބްރާހިމް ލީޑު ހޯދައިދިން ނަމަވެސް، އޭގެ ހަ މިނެޓް ފަހުން އަޑެޔަންޖޫ ރަޝީދު އޮމޮކަފޭ ވަނީ ސީ ލައިފަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ސިފައިންގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ހަސަން ފަވާޒާއި ނަދީފް އިބްރާހިމް އަދި އަލީ އަހުސަނެވެ. ސީ ލައިފްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މުހައްމަދު އަޔާޒް އަދި ސިމްޕްސަން ކޭތީއެވެ.

ތިންވަނަ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސީ ލައިފްގެ އަޑެޔަންޖޫ ރަޝީދު އޮމޮކަފޭއެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ބުރު ސްޕޯޓްސް ކްލަބުގެ ކީޕަރު އަބްދުﷲ އަރުޝަމެވެ.

comment ކޮމެންޓް