ރޮނާލްޑޯ ނެތްތަން ދައްކައިފި، ޑެންމާކު އަތުން ޕޯޗުގަލްއަށް ހިތި ނަތީޖާއެއް

ޕޯޗުގަލް ޤައުމީ ފުޓުބޯޅަ ޓީމުން ރޮނާލްޑޯ ރިޓަޔާކުރުމަށްފަހު އެ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފުރަތަމަ މެޗުން ލަދުވެތި ގޮތަކަށް ބަލިވެއްޖެއެވެ.

ޕޯޗުގަލްގެ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ޑެންމާކާ ދެކޮޅަށް ކުޅުނު މި މެޗުން އެޓީމު ބަލިވެފައިވަނީ 1-4 ގެ ނަތީޖާއިންނެވެ. މި މެޗަށް ޕޯޗުގަލް ޓީމުން ނިކުތީ ހުރިހާ ކުޅުންތެރިންވެސް 7 ނަމްބަރު ޖާޒީގައެވެ. އެއީ ރޮނާލްޑޯއަށް ހާއްސަ ޓްރިބިއުޓެއް ދިނުމުގެ ގޮތުންނެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވަނީ ޕޯޗުގަލް އިން ނަމަވެސް، އެ ޤައުމުގެ އިތުރުން ދުނިޔޭގެ ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ރޮނާލްޑޯ ނެތުމުގެ ފަޅުކަން އެޓީމުން އިންތިހާއަށް ދައްކާފައިވެއެވެ.

މެޗުގައި ޑެންމާކަށް ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީވެސް އެންމެ ފަސް ހަމަލާއެވެ. އޭގެ ތެރެއިން ހަތަރު ހަމަލާ ގޯލަށް ވައްދާލާފައިވެއެވެ. ބަދަލުގައި ޕޯޗުގަލް އިން ގޯލާ އަމާޒުކޮށް އަށް ހަމަލާއެއް ފޮނުވާލާފައިވާއިރު، އެޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިވަނީ މެޗުގެ އެންމެ ފަހުވަގުތެވެ.

މެޗުގައި ޑެންމާކުން ލީޑު ނަގާފައިވަނީ ލިބުނު ޕެނަލްޓީއަކުން، 43 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޕިއޭ އެމެރިކް ހޮއިބާގްއެވެ. ދެވަނަ ހާފް ފެށިގެން ހަތަރު މިނެޓު ތެރޭ، ޑެންމާކުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެޓީމަށް މިލަނޑު ކާމިޔާބުކޮށްދީފައިވަނީ ރަސްމަސް ހޮއިލަންޑްއެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ހޮއިލެންޑް އިތުރު ލަނޑެއް ޖަހައި ޑެންމާކުގެ ލީޑު އިތުރަށް ފުޅާކޮށްދިންއިރު، އެޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޔޮއަކިމް އެންޑަސަންއެވެ. ޕޯޗުގަލްއަށް މިމެޗުގައި ޖެހުނު ހަމައެކަނި ލަނޑަކީ މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ބެނާޑޯ ސިލްވާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޕޯޗުގަލްގެ ކުރީގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ޤައުމީ ޓީމުން ރިޓަޔާކޮށްފައިވަނީ، ޑެންމާކުގައި އޮތް ގައުމީ ޓީމުގެ ތަމްރީނު ކޭމްޕު ދޫކޮށް ދިޔަ މައްސަލައިގައި ޕޯޗުގީޒް ފުޓްބޯޅަ ފެޑަރޭޝަން (އެފްޕީއެފް) ގެ ޑިސިޕްލިނަރީ ކައުންސިލުން އޭނާ 30 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށް 255 ޔޫރޯއިން ޖޫރިމަނާކޮށްފައިވަނިކޮށެވެ.

މިކަން ހިނގަން މެދުވެރިވީ ޕޯޗުގަލްގެ ހެޑް ކޯޗު ޖޯޖް ޖީސަސްއާއެކު އުފެދުނު ބޮޑު ހިޔާލުތަފާތުވުމަކާ ގުޅިގެންނެވެ. ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ބެންޗުގައި ބެހެއްޓުމަށްފަހު، ކުޅޭނެ ވަގުތާ މެދު ކޯޗު ކުރި ވައުދުތަކާ ހިލާފުވެފައިވާކަމަށް ބުނެ، ޑެންމާކާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ކޯޕަންހޭގަންގައި އޮތް ޓީމު ކޭމްޕު ދޫކޮށް ރޮނާލްޑޯ ވަނީ އެނބުރި ގޮސްފައެވެ.

https://sun.mv/229356

ބައިނަލްއަޤުވާމީ ފުޓުބޯޅައަށް، ރޮނާލްޑޯ އަލްވަދާޢު ކިޔާފައިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ރެކޯޑުތަކެއް މުގުރާލުމަށްފަހު، ފިރިހެން ބައިނަލްއަޤުވާމީ ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ގޮތުގައެވެ. އޭނާ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް 234 މެޗު ކުޅެދީ، 146 ލަނޑު ޖަހައިދީފައެވެ. މިއީ ދުނިޔޭގެ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތާރީޚުގައިވެސް ކުޅުންތެރިއަކު އެންމެ ގިނަ ލަނޑު ޖެހި ރެކޯޑެވެ.

މީގެ އިތުރުން އޭނާގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލް ވަނީ ޔޫރޯ 2016 އަދި 2019 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، ސައުދީ ޕްރޯ ލީގުގެ އަލް ނަސްރާއެކު ރޮނާލްޑޯގެ ކްލަބް ކެރިއަރު ކުރިއަށްދާނެއެވެ.

comment ކޮމެންޓް