އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ބްރެޒިލް އާއި ޖަޕާން ބައްދަލުކުރި މެޗުން 2-3 ގެ ނަތީޖާއަކުން ބްރެޒިލް ބަލިވިއިރު އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ އާއި ކެޕްޓަން ރަފީނިއާއަށް ރަތް ކާޑު ދައްކައިފިއެވެ.
ސިންގަޕޫރުގެ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 15 ވަނަ މިނެޓުގައި ކުރިން ރެއާލް މެޑްރިޑަށް ކުޅެފައިވާ ޓަކެފޫސާ ކޫބޯ ވަނީ ލަނޑެއް ޖަހައި، ޖަޕާނަށް ކުރި ހޯދައިދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ކެއިޓޯ ނަކަމޫރާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
މި މެޗުގައި ބްރެޒިލްއިން ފުރަތަމަ ލަނޑެއް ޖަހާފައި ވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިނިޝިއުސް ޖޫނިއާއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުއިރު 1-2 ގެ ނަތީޖާއަކުން ޖަޕާން ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފު ފެށުނު ގޮތަށް ބްރެޒިލްއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 75 ވަނަ މިނިޓުގައި ވިނިޝިއުސް ޖޫނިއާ ވަނީ އިތުރު ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މި މެޗުން ޖަޕާން މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ޓަޓްސުހީރޯ ސަކަމޯޓޯއެވެ.
ޖަޕާނުން މި ލަނޑު ޖެހުމާއެކު ބްރެޒިލްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ޖަޕާނުން އެ ހަމަލާ އުފެއްދުމުގެ ކުރިން ފައުލްކުރިކަމަށް ބުނެފައެވެ. ނަމަވެސް އެ ހަމަނުޖެހުންތަކުގެ ތެރޭގައި ސިންގަޕޫރުގެ ރެފްރީ ޖެންސަން ފޫ ވަނީ ބަދަލުކޮށްފައިހުރި ރަފީނިއާގެ އިތުރުން ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީއަށް ރަތް ކާޑު ދައްކާފައެވެ.
މި މެޗުން ބްރެޒިލް ބަލިވިއިރު މިއީ ފާއިތުވެދިޔަ 18 މަސް ދުވަހުގެ ތެރޭގައި މި ނަތީޖާއިން ޖަޕާން އަތުން ބްރެޒިލް ބަލިވި ދެވަނަ ފަހަރެވެ. ނަމަވެސް ނިމިގެންދިޔަ ވޯލްޑްކަޕްގެ ގަދަ 32 ގައި ބްރެޒިލް ވަނީ 1-2 ގެ ނަތީޖާއަކުން ޖަޕާން ބަލިކޮށްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ވަނީ މެޗުގެ ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އޭނާ ވަނީ، މެޗުގެ ރެފްރީ އަކީ މިފަދަ މެޗެއް އިންސާފުވެރިކޮށް ގެންދެވޭނެފަދަ ތަޖުރިބާ ހުރި ފަރާތެއް ނޫން ކަމަށް ބުނެފައެވެ.