އެމްއެމްސީ އާއި ބްރޯޑްކޮމް އުވާލައި މީޑިއާ ކޮމިޝަން އުފެއްދުމުގެ ބިލު މަޖިލީހަށް ވައްދައިފި

މީޑިއާ ކޮމިޝަން އުފެއްދުމުގެ ބިލު މަޖިލީހަށް ވެއްދި މެމްބަރު ޖައުފަރު (ކ)-- ސަން ފައިލް ފޮޓޯ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، މީޑިއާ ކޮމިޝަން އުފެއްދުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ވައްދައިފި އެވެ.

އެމްއެމްސީ އާއި ބްރޯޑްކޮމްގެ މަސައްކަތްތައް ފުށުއަރައ،ި މީޑިއާ މޮނީޓާ ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތް ކަމަށް ބުނަމުންދަނިކޮށް، އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރު ހިންގާ ޕީޕީއެމުންނެވެ.

އެ ބިލު މަޖިލީހަށް ވެއްދުމުގެ ކުރިން، އެ ބިލާ ގުޅޭ ގޮތުން ބައެއް މުއައްސަސާތަކުގެ ހިޔާލު ބަންޑާރަ ނައިބު އޮފީހުން ވަނީ ހޯދާފަ އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެ ބިލުގެ ޑްރާފްޓުގައި ބުނެފައިވާ ގޮތުން، މީޑިއާ ކޮމިޝަން އުފައްދާނީ ރައްޔިތުންގެ މަޖިލީހާއި މީޑިއާތަކުން އިންތިހާބުކުރާ ފަސް މެމްބަރުންގެ މައްޗަށެވެ.

ނަމަވެެސް މަޖިލީހަށް ހުށަހެޅިއިރު، އެ ބިލަށް ގެނެސްފައިވާ ބަދަލުތަކެއް އަދި ކަށަވަރެއް ނުވެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ހުށަހަޅުއްވި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އެ ބިލާ ގުޅޭ ގޮތުން ތަފްސީލެއް ނުވެއްވި އެވެ. އޭނާ ވިދާޅުވީ އެ ބިލު މަޖިލީހުގެ ތަޅުމަށް އިއްވާނެ ކަމަށާއި އޭރުން ބިލުގައި ބުނާ އެއްޗެއް އެނގިގެންދާނެ ކަމަށެވެ.

ހިޔާލުފާޅުކުރުމާއި މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް މަޖިލީހުން ފާސްކުރި އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު ވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ޖައުފަރެވެ.

ޖައުފަރު ހުށަހެޅުއްވި މީޑީއާ ކޮމިޝަން އުފެއްދުމުގެ ބިލު އަންނަ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

comment ކޮމެންޓް