އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު ތަޖިކިސްތާނަށް

އޭއެފްސީ 16 އަހަރުންދަށުގެ ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު ތަޖިކިސްތާނަށް ފުރުން --- ފޮޓޯ/ އެފްއޭއެމް

އޭއެފްސީ 16 އަހަރުންދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު ތަޖިކިސްތާނަށް ފުރައިފިއެވެ.

ރާއްޖޭގެ 16 އަހަރުންދަށުގެ ޓީމު ތަޖިކިސްތާނަށް ފުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެ ޓީމަށް މަރުހަބާ ކިޔުމަށް އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަހްމަދު ޝަކީބާއި ގައުމީ ޓީމު ކޮމިޓީގެ ޗެއާޕާސަން އަލީ ނާޝިދު (އޮގަރު އައްޔަ) ބައިވެރިވެ ވަޑައިގަތެވެ.

އޭއެފްސީ 16 އަހަރުންދަށުގެ ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު ތަޖިކިސްތާނަށް ފުރުން --- ފޮޓޯ/ އެފްއޭއެމް

އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޓީމަށް އިރުޝާދުދޭނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)އެވެ. އޭނާއަކީ ފުރަތަމަ ޑިވިޝަންގައި ވާދަކުރި ބީޖީ ސްޕޯޓްސް ކްލަބަށް ގިނަ ދުވަސްތަކެއް ވަންދެން އިރުޝާދުދިން ކޯޗެކެވެ.

ކޮލިފައިންގައި ރާއްޖޭގެ ޓީމު ހިމެނެނީ 'ގްރޫޕް ބީ'ގައެވެ. އެ ގްރޫޕްގައި ރާއްޖެއާއެކު ހިމެނެނީ އޮމާނާއި ތަޖިކިސްތާނާއި ސީރިއާ އަދި ތުރުކުމެނިސްތާނެވެ. އެ ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތަޖިކިސްތާނުގައެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ އޮމާނާ ދެކޮޅަށެވެ.

އޭއެފްސީ 16 އަހަރުންދަށުގެ ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު ތަޖިކިސްތާނަށް ފުރުން --- ފޮޓޯ/ އެފްއޭއެމް

ރާއްޖޭގެ 16 އަހަރުންދަށުގެ ޓީމު ވަނީ މިއަހަރު ނޭޕާލްގައި ބޭއްވި 15 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށްފައެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން 9-0 ލަނޑުގެ ނަތީޖާއަކުން ރާއްޖެ ބަލިވިއިރު، ނޭޕާލް އަތުން ބަލިވީ 6-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މުބާރާތުގައި ރާއްޖޭގެ ގްރޫޕްގައި ހިމެނުނު އިންޑިއާއާއި ނޭޕާލް ވަނީ ފައިނަލުގައި ވާދަކޮށްފައެވެ. އެ މެޗުން މޮޅުވެ ޗެމްޕިއަންކަން ހޯދީ އިންޑިއާ އިންނެވެ.

comment ކޮމެންޓް