ރެއާލްގެ ތިންވަނަ ބައްޔާއެކު ލީގު ތާވަލުގެ ތިންވަނައަށް ސޮއްސާލައިފި

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ޑެޕޮޓީވޯ އަލާވޭސް ބައްދަލުކުރި މެޗުގެ ތެރެއިން-- މި މެޗުގައި ރެއާލްގެ ޖޫޑް ބެލިންގަމް އަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައި

ސްޕެނިޝް ލީގުގައި ރޭ ޑެޕޮޓީވޯ އަލާވޭސްއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް ބަލިވުމާއެކު ލީގުގެ ތިންވަނަ މަގާމަށް ވެއްޓިއްޖެއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެޓީމު ބަލިވެފައިވަނީ 1-2 ގެ ނަތީޖާއިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީވެސް އަލާވޭސް އިންނެވެ. މި ލަނޑު، މެޗުގެ 22 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޓޮނީ މާޓީނޭޒްއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން 16 ވަނަ މިނެޓުގައި އަލާވޭސް އިން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. މިލަނޑު، އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެންހޭލް ހިޑަލްގޯއެވެ. މެޗުގައި ރެއާލް މެޑްރިޑަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މިވަގުތު ރަނގަޅު ފޯމެއްގައިހުރި ފްރާންސްގެ ކިލިއަން އެމްބާޕޭއެވެ.

މި މެޗުން ރެއާލް މެޑްރިޑު ބަލިވެފައިވާއިރު، އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގަމް އަށް ދެ ރީނދޫ ކާޑު ހަމަވެގެން ދެއްކި ރަތް ކާޑާއެކު އޭނާއަށް ކުރިއަށް އޮތް މެޗުގައި ނުކުޅެވޭނެއެވެ. މިކަން ވާނީ ޓީމަށް ލިބޭނެ އިތުރު ހީނަރުކަމަކަށެވެ.

ފާހަގަކުރެވޭ ގޮތުގައި ރެއާލް މެޑްރިޑް މެޗަކުން ބަލިވެފައިވަނީ 10 މެޗަށްފަހުއެވެ. މިމެޗުގެ ކުރިން ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ރެއާލުން ކުޅުނު 10 މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. އަދި މިއީ މިސީޒަންގައި އަމިއްލަ ދަނޑުގައި ރެއާލް ބަލިވި ފުރަތަމަ މެޗެވެ.

މިބައްޔާއެކު ރެއާލް މެޑްރިޑް ވަނީ ލީގު ތާވަލުގެ ތިންވަނައަށް ސޮއްސާލާފައެވެ. އެޓީމު މިވަގުތު އޮތީ 33 ޕޮއިންޓާއެކުއެވެ. 34 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް ދެވަނައިގައި އޮތް އިރު، 36 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ރެއާލްގެ އެންމެ ވާދަވެރި ޓީމު ކަމަށްވާ ބާސެލޯނާއެވެ.

comment ކޮމެންޓް