ތާވަލުގެ ފުލުން ދެވަނަ މަގާމާއެކު ޔުނައިޓެޑަށް ރެލިގޭޝަނުގެ ބިރު ބޮޑުވެއްޖެ

ބްރެންޓްފޯޑް އަތުން ބަލިވި މެޗަށްފަހު ޔުނައިޓެޑުގެ ކުޅުންތެރިން--

މޮރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ތިން މެޗުން ލިބުނު ދެވަނަ ބައްޔާއެކު އެޓީމު ރެލިގޭޓްވެދާނެކަމުގެ ބިރު އިތުރުވެއްޖެއެވެ.

ރޭ، މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަތުން އެޓީމު ބަލިވެފައިވަނީ 0-4 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގައި ބްރެންޓްފޯޑުން ވަނީ ކޮންމެ ހާފެއްގައި ދެ ލަނޑު ޖަހާފައެވެ. އެގޮތުން، ފުރަތަމަ ހާފުގައި އެޓީމުން ޖެހި ދެ ލަނޑުވެސް ޑެންގޯ އޮޓާރާ ކާމިޔާބުކޮށްދިން ފުރުސަތުތަކެއްގައި ކާމިޔާބުކޮށްދިނީ ކެލަމް ވިލްސަންއެވެ. އެއީ މެޗުގެ 19 އަދި 32 ވަނަ މިނެޓުގައެވެ.

ބްރެންޓްފޯޑުގެ ތިންވަނަ ލަނޑު، މެޗުގެ 82 ވަނަ މިނެޓުގައި ކްރިސްޓޮފާ އެޔާ ކާމިޔާބުކޮށްދިންއިރު، މެޗުގެ 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ކެވިން ޝޭޑްއެވެ.

މި ބައްޔާއެކު މެންޗެސްޓާ ޔުނައިޓެޑް މިވަގުތު އޮތީ ލީގު ތާވަލުގެ 19 ވަނައިގައެވެ. އެއީ ކުޅުނު 12 މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. ފާހަގަކުރަންޖެހޭ ގޮތުގައި ލީގުގެ އެންމެ ފުލުގައި އޮތް ކްރިސްޓަލް ޕެލެސްއަށް، ޔުނައިޓެޑަށްވުރެ މަދުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެހެންކަމުން އެޓީމު މިރޭ، ހަލް ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ، މެންޗެސްޓާ ޔުނައިޓެޑް ލީގުގެ އެންމެ ފުލަށް ވެއްޓޭނެއެވެ.

މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ސީޒަން ފެށި މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް، މިވީ 48 އަހަރުދުވަސް ތެރޭވެސް ނުވާހައި ދަށްވުމުން އޭނާ މަޤާމުން ވަކިކޮށްފައިވަނީ ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކުގެ ތެރޭގައެވެ. ކެރިކްގެ ބަދަލުގައި މޮރީސިއޯ ޕޮޗެޓީނޯ ޓީމާ ހަވާލުވުމުންވެސް ނަތީޖާތަކަށް އެދެވޭ ބަދަލެއް އައި މަންޒަރެއް ނުފެނެއެވެ.

އެއާ ޚިލާފަށް، ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން މިހާތަނަށް ކުޅުނު ތިން މެޗުން މޮޅެއް ހޯދިފައި ނުވާއިރު، އޭގެތެރެއިން ދެ މެޗުން ޔުނައިޓެޑު ބަލިވެފައިވަނީ 0-4 ގެ ނަތީޖާއަކުންނެވެ، އެއީ ރޭ ކުޅުނު މެޗުގެ އިތުރުން މިދިޔަ އާދީއްތަ ދުވަހު ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗެވެ. ޗެމްޕިއަންސް ލީގުގައި މިދިޔަ ބުރާސްފަތި ދުވަހު ސްޕޯޓިންއާ ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

comment ކޮމެންޓް