ރޭ، ޖަރުމަން ލީގުގައި ހެމްބާގާ އެސްވީއާ ދެކޮޅަށް ކުޅުނު މެޗުގެ ވަކި ހިސާބަކުން ބަޔާންގެ ޒުވާން ތަރި، ލެނާޓް ކާލް ބަދަލުކުރުމާއެކު އޭނާއަށް އަނިޔާގެ މައްސަލައެއް ދިމާވިކަމުގެ ކަންބޮޑުވުން އުފެދިފައިވަނިކޮށް، އެޓީމުގެ ކޯޗު ވިންސެންޓް ކޮމްޕެނީ، ކަން ހިނގައިދިޔަ ގޮތް ކިޔައިދީފިއެވެ.
ބަޔާން މިއުނިކްގެ އެޓޭކިން ލައިންގައި ފުރަތަމަ އެގާރައިގައި ކުޅޭ ހުރިހާ ކުޅުންތެރިން ތިބީ އަނިޔާގައެވެ. ވާތްފަރާތު ވިންގަރު ލުއިސް ޑިއާޒް އަންނަނީ ޕްރެކްޓިސް މެޗުތަކުގައި ކުޅެ، އަނބުރާ ޓީމަށް އައުމަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ބަޔާންގެ އުމުރުން 18 އަހަރުގެ ހުނަރުވެރި ކުޅުންތެރިޔާ ލެނާޓް ކާލް ރޭގެ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ބަދަލުކުރުން ވެގެންދިޔައީ ސަޕޯޓަރުންނަށް ވަރަށް ބޮޑު ހާސްކަމެއް ކުރިމަތިކުރުވި ކަމަކަށެވެ.
ޑޮމެސްޓިކް ލީގުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ޓީމަށް އުނދަގޫތަކާ ކުރިމަތިވަމުންދާއިރު، ކުޅުންތެރިއަކަށް އަނިޔާއެއް ނުވަތަ ސިއްހީ މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު ބޮޑު ނުރައްކަލެއް ކުރިމަތިވާކަމުގެ އިހުސާސް ކުރެވެއެވެ.
މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަޔާންގެ ތަރި ލެނާޓް ކާލްގެ ޙާލަތާ ބެހޭގޮތުން ކޯޗު ވިންސެންޓް ކޮމްޕެނީއާ ސުވާލުކުރެވުނެވެ. ކޮމްޕެނީ ދިން ޖަވާބުން ސަޕޯޓަރުންގެ ހާސްކަން ފިލުވައިދިނެވެ. ކޮމްޕެނީ ބުނިގޮތުން "ލެނީ" ބަދަލުކުރީ އަނިޔާގެ މައްސަލައެއް ދިމާވެގެނެއް ނޫނެވެ. ނަމަވެސް ރޭގެ މެޗުގެ ގޭމްޕްލޭން އެކުލަވާލާފައިވެސް ވާނީ ލެނީ ލައްވާ މި މެޗު އެއްކޮށް ނުކުޅުވައި، ވަކި ހިސާބަކުން އޭނާ ބަދަލުކުރާގޮތަށް ކަމަށް ކޮމްޕެނީ ބުންޏެވެ. އަދި، ލެނީގެ ޢުމުރުން އެންމެ 18 އަހަރުކަމުން ހުރިހައި މެޗެއް ފުލްކޮށް ކުޅުވަން ބޭނުން ނުވާކަމުގެ އިޝާރާތެއް، ކޮމްޕެނީގެ ފަރާތުން ފެނުނެވެ.
ބަޔާންގައި މިހާރުވެސް ދަނޑަށް ނެރެވޭ ވަރަށް ކުޅުންތެރިން ހަމަވަނީ ކިރިޔާއެވެ. އިތުރު ކުޅުންތެރިއަކު މަދުވެއްޖެނަމަ ޖެހޭނީ ޔޫތު ރިޒާވް ޓީމުން އިތުރު ކުޅުންތެރިން ގެންނާށެވެ.
މި ޙާލަތުގައި ޓީމު އޮތުމުގެ ސަބަބުން ޓީމުގެ ނަތީޖާތަކަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އެގޮތުން ރޭގެ މެޗުންވެސް 0-0 ގެ ނަތީޖާއިން އެއްވަރުވުމާއެކު ޑޯޓްމަންޑަށް ވަނީ އެއްވަނައިގައި އިތުރަށް ހަމަޖެހިލުމަށް ރަނުގެ ފުރުސަތެއް ތަނަވަސްވެފައެވެ.