އެސިޑު ހަމަލާގެ ޝިކާރައަކަށްވި ލަލީތާގެ ކައިވެނީގެ ހަދިޔާ އަށް ވިވެކް ދިނީ ގެއެއް!

އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވި ލަލީތާ ބެންބަންސީގެ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި، ބޮލީވުޑުގެ އެކްޓަރު ވިވެކް އޮބްރޯއީ ލަލީތާ އަށް ގެއެއް ދީފި އެވެ.

ވިވެކް ވަނީ ދާދި ފަހުން ޓެރަރިސްޓުންގެ ހަމަލާތަކުގައި މަރުވެފައިވާ އިންޑިއާގެ ސިފައިންގެ އާއިލާތަކަށް ވެސް 25 ފްލެޓް ހަދިޔާކޮށްފަ އެވެ.

ވިވެކް އާއި ލަލީތާ ދިމާވީ މިދިޔަ މާޗު މަހުގެ ތެރޭގައި ކުރިއަށް ދިޔަ ހަފްލާއެއްގެ ތެރެއިންނެވެ. އެ ދުވަހު ވިވެކް ވަނީ ލަލީތާގެ ވާހަކަތައް އޮޅުންފިލުވައިފަ އެވެ. އަދި ލަލީތާ އަކީ ބޯހިޔާވަހިކަން ނެތް މީހެއް ކަން ވިވެކް އަށް އެނގުނެވެ.

އެހިސާބުން ވިވެކް ވަނީ ލަލީތާ އަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށް ވައުދުވެފަ އެވެ.

ވިވެކް އޭނަގެ ވައުދު ފުއްދާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު، ލަލީތާގެ ކައިވެނި ހަފްލާގަ އެވެ. ހަފްލާގައި ބައިވެރިވުމުގެ އިތުރުން ވިވެކް ވަނީ ލަލީތާ އަށް ގޭގެ ތަޅުދަނޑި ވެސް ރަސްމީކޮށް ހަވާލު ކޮށްފަ އެވެ.

ވިވެކް ބުނީ ލަލީތާ އަކީ އެސިޑު ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ގިނަ ބަޔަކަށް މިސާލެއް ކަމަށެވެ.

"ލަލީތާ ސާބިތުކޮށްދިނީ އެމީހުންނަށް ވެސް އެހެން މީހުން ފަދަ ދިރިއުޅުމެއް އުޅެވޭނެ ކަން،" ވިވެކް ބުނެފައިވެ އެވެ.

ލަލީތާގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް ފަހު ވިވެކް ކުރި ޓުވީޓެއްގައި އޭނާ ލަލީތާ އަށް ނިސްބަތް ކޮށްފައި ވަނީ އޭނާގެ އަންހެން ކޮއްކޮގެ ގޮތުގަ އެވެ.

ލަލީތާ ކައިވެނި ކޮށްފައި ވަނީ ރަވީ ޝަންކަރް ކިޔާ މީހަކާ އެވެ. ވިވެކް ވަނީ ލަލީތާ ދެކެ ހަގީގީ ލޯބިވާ ފިރިއަކު އޭނާ އަށް ލިބުނީތީ އުފާކުރާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް