ލ.ގައި ބަންކަރިން ޚިދުމަތް ދޭ މެރިޓައިމް ހަބް ހެދުމަށް، ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ލ. އަތޮޅުގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމް ކުރުމުގެ މަސައްކަތް މިރޭ ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުން -- ފޮޓޯ/ އެމްޕީއެލް

ލ. އަތޮޅުގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމް ކުރުމުގެ މަސައްކަތް މިރޭ ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ރައީސް ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި މަސައްކަތާ ހަވާލުވި، ޗައިނާގެ ކެމްސީ އިންޖިނިއަރިންގެ ފަރާތުން ސޮއިކުރީ ޖެނެރަލް މެނޭޖަރު ލީ ވޭ ވޭއެވެ.

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން ލ. ގާދޫގައި މެރިޓައިމް ހަބެއް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ޖުމްލަ ހަ ކޮމްޕޮނެންޓަކަށް ބަހާލައިގެންނެވެ. އެއީ:

  • އޯފްޝޯ ބަންކަރިންގެ ޚިދުމަތް
  • ކްރޫޒް ޓާމިނަލް
  • ސުޕަޔޮޓް މެރީނާ
  • އީކޯ ރިޒޯޓް
  • ކާބޯތަކެތީގެ ސްޓޯރޭޖް ފެސިލިޓީ
  • ޓްރާންސްޝިޕްމެންޓް ޕޯޓް

ލ. އަތޮޅުގައި ތަރައްގީ ކުރާ "މެރިޓައިމް ހަބް"އާ ގުޅޭ ގޮތުން އެމްޕީއެލްގެ ފަރާތުން ދިން ވީޑިއޯ ޕްރެޒެންޓޭޝަނެއް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫއުގެ ދަށުން ކްރޫޒް ޓާއިނަލެއް ތަރައްގީ ކުރަން ހަމަޖެހިފައިވަނީ ކަސްޓަމްސް އަދި އިމިގްރޭޝަނުގެ އިތުރުން އެހެނިހެން ޚިދުމަތްތައް ވެސް ފަތުރުވެރިންނަށް ލިބޭ ގޮތަށެވެ.

އެމްޕީއެލުން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގައި ހިމެނޭ އީކޯ ރިޒޯޓް ތަރައްގީ ކުރުމަށް ނިންމާފައިވަނީ ގާދޫއާއި ފޮނަދޫއާއި ދޭތެރޭގައެވެ. އަދި ހަމަ މިއާއެކު ސުޕަޔޮޓު މެރީނާއެއް ގާއިމްކުރާއިރު، އެތަން ތަރައްގީ ކުރާނީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ރައްކާތެރިކަމާ އެކު ލިބޭ ތަނެއްގެ ގޮތުގައެވެ.

އެމްޕީއެލްއިން ބުނާ ގޮތުން މި މަޝްރޫއު ފަރުމާކޮށްފައިވަނީ ލާމު އަތޮޅުގެ ކޮންމެ ގޭބިސީއަކަށް އިގްތިސާދީ މަންފާ ލިބޭނެ ގޮތަށެވެ.

މިއީ މެރިޓައިމް އަދި އިންޓަގްރޭޓެޑް ކޮންސެޕްޓަށް އެމްޕީއެލްއިން ވެސް އެޅި ފުރަތަމަ ފިޔަވަޅުކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް