އީދު ނަމާދަށް އީދު ހެދުން ލިބުނު ތަ؟

ފ. ފީއަލީ ފުޓުބޯޅަ ދަނޑުގައި ބޮޑު ޖަމާއަތުގައި ކުރިއަށް ގެންދިޔަ އީދު ނަމާދެއްގެ ތެރެއިން --- ސަން ފޮޓޯ

ކޮންމެ އީދަކާ ގުޅިގެން ދިވެހީންގެ ތެރޭގައި ތަފާތު އެކި ކަންތައް ކޮށް އުޅެއެވެ. އެންމެ ގިނަ ބަޔަކު ހަނދާންވާން ފެށި ހިސާބުން ވެސް ގިނަ ބައެއްގެ ތެރޭގައި ކުރާ އެއްކަމެއް އޮވެއެވެ. އެއީ އީދު ނަމާދަށްދާން ހެދުމެއް ހޯދުމެވެ.

ކޮންމެ އަހަރެއްގެ އީދު ޗުއްޓީއާ ގުޅިގެން ގިނަ ހަރަކާތްތަކެއް ރާވައެވެ. މިއަހަރުވެސް އީދަށް އެކި ކަހަލަ ހަރަކާތްތައް ވަނީ ރާވައި ޝެޑިއުލްތައް ފުރާލާފައެވެ. ނަމަވެސް ކޮންމެ އީދެއްވެސް ދިވެހީންނަށް ރަސްމީކޮށް ފެށެނީ އީދު ދުވަހުގެ އީދު ނަމާދާއެކުގައެވެ.

އީދު ނަމާދަށް ދިޔުމަށްޓަކައި ރީތިި ހެދުމެއް ގަތުމަކީ ދިވެހީންގެ ތެރޭގައި ޒަމާނުން ވެސް އޮންނަ އާދައެކެވެ. ރީތި ހެދުމެއް ގަނެލައި ނުވަތަ ހެދުމެއް ފަހާލައިގެން އެ ހެދުމާއެކު އީދު ނަމާދަށް ދިޔުމަކީ ވެސް އާދައެކެވެ. އާންމުކޮށް އީދު ހެދުން ގަންނަނީ ވެސް އީދު ނަމާދާ ގުޅުވައިގެންނެވެ.

"ކޮންމެ އަހަރެއްގައި ވެސް ހަމަ ކުދިންނަށް އެބަ ގަނެލަން އީދު ހެދުމެއް. އަދި އެ ލައިގެން ނަމާދަށް ދާނީ،" ދެކުދިންގެ މަންމަ އެއް ކަމަށްވާ ޒުހުރާ އާދަމް ބުންޏެވެ.

އިތުރަށް ފައިސާއެއް އޮތް ނަމަ ދެމަފިރިންވެސް އީދަށް އެއްޗެއް ގަނެލައި ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި އީދު ހެދުން ލައިގެން މުޅި އާއިލާ އެކީގައި އީދު ނަމާދަށް ދިޔުމަކީ މިހާރު އެ އާއިލާގެ އާދައެކެވެ. މިއީ މުޅި އާއިލާގެ ގުޅުން އިތުރަށް ވަރުގަދަ ކޮށްދޭ ކަމެއް ކަމުގައި އޭނާ ފާހަގަކުރިއެވެ.

އީދު ހެދުން ގަތުމަށްޓަކައި ރޯދަ މަހުގެ ތެރޭގައި މަސައްކަތް ފަށާނެއެވެ. އާންމުކޮށް ރޯދަ މަހުގެ ފަހުކޮޅަށް އަޅާއިރު މުޅި މާލޭގެ ފިހާރަތައް އޮންނާނީ ފުރި ބާރުވެފައެވެ. އެންމެންވެސް އީދު ހެދުމެއް ގަތުމަށްޓަކައި އަވަސް ވެލަނީއެވެ.

އީދު ހެދުން ގަތުމަށްފަހު އީދު ދުވަހު އެއްކޮށް އެ ހެދުން ލެވޭތޯ މަސައްކަތް ކުރާނެއެވެ. އެއް ބަޔަކު އީދު ނަމާދަށް ފަހު ހެދުން ބަދަލު ކޮށް ހަވީރު އަނެއްކާ އެ ހެދުން ލާނެއެވެ. އެއަށްފަހު ހަވީރު ފިންޏަށް ބޭރަށް ނިކުމެލައި ހެދުން ދައްކާލައި ފޮޓޯ ނަގައި ހެދުމަކީ މިހާރު އާންމު ގޮތެއްގައި ކުރާ ކަންތަކެވެ.

comment ކޮމެންޓް