ޓެރަރިސްޓު ހަމަލާތަކުގައި މަރުވި ފުލުހުންގެ އާއިލާތަކަށް ވިވެކްގެ ފަރާތުން 25 ފްލެޓް!

ޓެރަރިސްޓުންގެ ހަމަލާތަކުގައި މަރުވެފައިވާ އިންޑިއާގެ ސިފައިންގެ އާއިލާތަކަށް، ބޮލީވުޑް އެކްޓަރު ވިވެކް އޮބްރޯއީގެ ކުނފުނި، ކަރްމް އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އިން 25 ފްލެޓް ހަދިޔާކޮށްފި އެވެ.

ވިވެކްގެ ކުންފުނީގެ ފަރާތުން އިންޑިއާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް އަށް ފޮނުވި ސިޓީ އެއްގައި، އެކި އޮޕަރޭޝަންތަކުގައި ހަނގުރާމަވެރިންގެ ހަމަލާތަކުން މަރުވި ފުލުހުންގެ އާއިލާތަކަށް ފްލެޓްތައް ދިނުމަށް ވަނީ އެދިފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން މިހާތަނަށް ހަތަރު އާއިލާ އަކަށް ފްލެޓް ވަނީ ހަވާލުކޮށްފަ އެވެ.

މީގެ ކުރިން ސުޕަސްޓާ އަކްޝޭ ކުމާރު ވެސް ވަނީ ޓެރަރިސްޓު ހަމަލާތަކުގައި މަރުވެފައިވާ ފުލުހުންގެ އާއިލާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހު އިންޑިއާގެ ޗައްތިސްގަޑްގެ ސުކްމާ ޑިސްޓްރިކްޓުގައި ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ގްރޫޕަކުން ދިން ހަމަލާތަކެއްގައި އިންޑިއާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ 12 ފުލުހަކު ވަނީ މަރުވެފަ އެވެ.

އަކްޝޭ ވަނީ އެ 12 ފުލުހުންގެ އާއިލާތަކަށް ޖުމްލަ 1.08 ކުރޯޑް ރުޕީސް ހަދިޔާކޮށްފަ އެވެ. އެއީ ކޮންމެ އާއިލާއަކަށް ނުވަ ލައްކަ ރުޕީޒް އެވެ.

comment ކޮމެންޓް