ރާއްޖޭގެ ދަރަނި މެނޭޖުކުރުމަށާއި ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމަށް އެހީވުމަށް، އޭޑީބީން 5 އަހަރުގެ ސްޓްރެޓެޖީއެއް

ސްޓެލްކޯގެ މުވައްޒަފުންތަކެއް: އޭޑީބީން ފޯރުކޮށްދޭ އެހީގެ ތެރޭގައި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެހީވުން ހިމެނޭ -- ފޮޓޯ/ ސްޓެލްކޯ

ރާއްޖޭގެ ދަރަނި މެނޭޖުކުރުމަށާއި ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުން ހިމެނޭހެން އެކި ދާއިރާތަކުން އެހީވުމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން ފަސް އަހަރުގެ ސްޓްރެޓެޖީއެއް ފާސްކޮށްފިއެވެ.

އޭޑީބީން އިއްޔެ ބުނި ގޮތުގައި، އެ ބެންކުން ވަނީ ރާއްޖެއަށް، އަންނަ އަހަރުން ފެށިގެން 2031އަށް ދެމިގެންދާ، "ކަންޓްރީ ޕާޓްނާޝިޕް ސްޓްރެޓެޖީ" (ސީޕީއެސް) ފާސްކޮށްފައެވެ. އެއީ އެ ބޭންކުން ކުރިއަށްގެންދާނެ މަޝްރޫއުތަކާއި އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތައް ކަނޑައަޅައި އެކުލަވާލި ފަސް އަހަރުގެ ސްޓްރެޓެޖީއެކެވެ.

އޭޑީބީން ބުނި ގޮތުގައި އެ ސްޓްރެޓެޖީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މާލީ ދެމެހެއްޓެނިވިކަން ހަރުދަނާކުރުމާއި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމެވެ.

އެ ބެންކުން ހާމަކުރި ގޮތުގައި، އެ ސްޓްރެޓެޖީ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ގުޅިފައިވާ ދެ ދާއިރާއެއްގެ މައްޗަށެވެ. އެއީ ދައުލަތުގެ މާލީ ކަންކަން މެނޭޖުކުރުން ހަރުދަނާކުރުމާއި، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ބާވަތްތައް ސިންދަފާތުކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އަވަސް ދުވެއްޔެއްގައި އިތުރުކުރުމެވެ. އެ ބެންކުން ވަނީ، ހަކަތައިގެ ބާވަތްތައް ސިންދަފާތުކުރުމުން ތެލަށް ދޭ ސަބްސިޑީގެ ޚަރަދު ކުޑަވެ، މާލީ ދެމެހެއްޓެނިވިކަން އިތުރުވާނެކަން ފާހަގަކޮށްފައެވެ. އަދި މާލީ ކަންކަން ރަނގަޅަށް މެނޭޖުކުރެވުމުން، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ކުރާ އިންވެސްޓްމަންޓްތަކަށް މަގުފަހިވާނެކަން ވެސް ފާހަގަކޮށްފައިވެއެވެ.

އޭޑީބީގެ ސްޓްރެޓެޖީގެ ދަށުން އެ ކަންކަން ހާސިލުކުރުމަށްޓަކައި ދައުލަތަށާއި އަމިއްލަ ފަރާތްތަކަށް މާލީ އެހީތެރިކަމާއި، ފަންނީ އެހީތެރިކަމުގެ އިތުރުން މައުލޫމާތާއި ތަޖުރިބާ ހިއްސާކުރާނެއެވެ. އަދި، ދަރަނި މެނޭޖުކުރުން ހަރުދަނާކުރުމަށާއި، އާމްދަނީ ހޯދާ ނިޒާމުތައް ޒަމާނީކުރުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ރަނގަޅުކުރުމަށްވެސް އެ ބޭންކުން އެހީތެރިވާނެ ކަމަށް ވަނީ ބުނެފައެވެ.

އުވާލަން ނިންމައިފައިވާ ފެނަކައިގެ ދެ މުވައްޒަފުން: -- ރާއްޖޭގެ ދަރަނި މެނޭޖުކުރުމަށާއި ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމަށް އެހީވުމަށް، އޭޑީބީން 5 އަހަރުގެ ސްޓްރެޓެޖީއެއް -- ފޮޓޯ/ ފެނަކަ ނޭކުރެންދޫ ބްރާންޗް

މީގެ އިތުރުން، ހަކަތައާއި ކުނި މެނޭޖުކުރާ ކުންފުނިތަކުން ދައުލަތަށް އޮތް މާލީ ރިސްކު ކުޑަކުރުމަށްވެސް މަސައްކަތްކުރާނެކަން ބެންކުން ވަނީ ހާމަކޮށްފައެވެ.

އެ ސްޓްރެޓެޖީއާ ގުޅޭ ގޮތުން އޭޑީބީގެ ރީޖަނަލް ހެޑް ފޯ ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓަގްރޭޝަން ތިއަމް ހީ އެންޖީ ވިދާޅުވީ، ރާއްޖެއިން ތަރައްގީގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ބޭރުގެ ލޮޅުންތަކަށް ހުށަހެޅިފައިވާ މިންވަރު އަދިވެސް ވަރަށް ބޮޑު ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ދަރަނި ބޮޑުވުމާއި، މާލީ ދަތިކަމާއި، އެތެރެކުރާ ތެލަށް ބަރޯސާވުމުގެ އިތުރުން މޫސުމީ ކާރިސާތައް އިތުރުވުމަކީ ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

އާ ޕާޓްނާޝިޕް ސްޓްރެޓެޖީގެ އަމާޒަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް، ދިގު މުއްދަތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މުހިންމު އިސްލާހުތަކާއި އިންވެސްޓްމަންޓްތަކަށް އެހީތެރިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/227915

އެހެންވެ، އޭޑީބީގެ ސްޓްރެޓެޖީގެ ދަށުން، އިރުގެ އަލިން ހަކަތަ އުފެއްދުމާއި، ބެޓެރީ ސްޓޯރޭޖް ގާއިމުކުރުމާއި، ކުނިން ހަކަތަ އުފެއްދުމުގެ އިތުރުން ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށްގެން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ބެންކުން ބުންޏެވެ. އެކަމުގެ ސަބަބުން ކަރަންޓު ވިއުގަތަކަކީ އިތުބާރު ހިފޭ އަދި ހަރުދަނާ ނިޒާމުތަކަކަށް ބަދަލުވާނެ ކަމަށް ބެންކުން ބުނެއެވެ.

މީގެ އިތުރުން، އެ ހުރިހާ މަސައްކަތެއްގެ ތެރެއިން ވެސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ކުރިއެރުވުމަށާއި، އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށާއި، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އޭޑީބީން އިސްކަންދޭނެކަން އެ ބެންކުން ފާހަގަކުރިއެވެ.

އޭޑީބީން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ 1978 ވަނަ އަހަރެވެ. އެ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް އެ ބެންކުން ޖުމްލަ 128 މަޝްރޫއަކަށް އެހީތެރިވެފައިވާއިރު، އާންމު އަދި އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނާއި، ހިލޭ އެހީއާއި ފަންނީ އެހީތެރިކަމަށް ކަނޑައެޅި ފައިސާގެ އަދަދު 606 މިލިއަން ޑޮލަރަށް އަރައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހަކަތައިގެ ދާއިރާއަށާއި، ދައުލަތް ހިންގުމުގެ ދާއިރާގެ އިތުރުން ފެނާއި ނަރުދަމާ ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް އޭޑީބީގެ ތަފާސްހިސާބުގައިވެއެވެ.

https://sun.mv/227121

ސަރުކާރު ހިއްސާވާ 30އަށްވުރެ ގިނަ ކުންފުނި އޮންނައިރު، ގިނަ ކުންފުނިތައް ގެއްލުމުގައި ހިންގުމަކީ ދައުލަތަށް ބުރަ ބޮޑުވާ ކަމެކެވެ. އެފަދަ ކުންފުނިތަކުގައި މުވައްޒަފުންގެ އަދަދު 41،000އަށްވުރެ އިތުރުވެފައިވާއިރު، އެ ކުންފުނިތަކަށް ބަޖެޓުން ފައިސާ ދޫކުރަން ޖެހެއެވެ. މި ސަރުކާރުގެ ކުރީކޮޅު ޚަރަދުތައް ކުޑަކުރުމަށް ކުންފުނިތަކެއް އުވާލައި، ބައެއް ކުންފުނިތައް އެއްކޮށްލަން ނިންމި ނަމަވެސް، ސަރުކާރު ހިއްސާވާ އައު ކުންފުނިތައް ވެސް އުފައްދާފައިވެއެވެ. އަދި އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމުގެ މައްސަލަތައް ފެންމަތިވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކޮންމެ ސަރުކާރެއްގައި ވެސް ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ކަމުގެ ތުހުމަތުތައް އަމާޒުވެއެވެ. ނަމަވެސް އެފަދަ ކުށްތަކުން ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ނުހޯދުމާއި، މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލުމާއި، ހައްލުނުކުރުމުގެ ޝަކުވާ ވެސް ބޮޑެވެ.

އޭޑީބީން ރާއްޖެއަށް އައު ސްޓްރެޓެޖީއެއް އިއުލާންކުރިއިރު، އެ ބެންކުން އެންމެ ފަހުން ނެރުނު މާލީ ރިޕޯޓުގައި ވަނީ، ސަރުކާރު ކުންފުނިތަކާއި ސަބްސިޑީ ސްކީމްތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ލަސްވާތީ ގައުމުގެ އިގުތިސާދަށް އޮތް ނުރައްކާ ބޮޑު ކަމުގެ އިންޒާރު ދީފައެވެ.

comment ކޮމެންޓް