ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ބޭއްވި ދެވަނަ މޫޓް ކޯޓު މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.
އެ ކޮލެޖުން ބުނި ގޮތުގައި، މިއީ އެ ކޮލެޖުގެ ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ނިންމާ ދަރިވަރުންނަށް ގާނޫނީ ފަންނުގެ މަސައްކަތްތައް އަމަލީ ގޮތުން ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް، ކޯހުގެ އެސެސްމެންޓުގެ ބައެއްގެ ގޮތުގައި ބާއްވާ މުބާރާތެކެވެ.
މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި މުބާރާތް ބާއްވާފައިވަނީ އެ ކޮލެޖުގެ މާލޭ ކެމްޕަހުގައެވެ. ޖުމްލަ 25 ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ގާނޫނީ ތަފާތު ދާއިރާތަކުގެ މައްސަލަތަކަށް ހާއްސަކޮށްގެން ދަށު ކޯޓާއި މަތީ ކޯޓުތަކުގެ ސެޝަންތައް ހިމެނޭހެން ޖުމްލަ އަށް ކޯޓު ސެޝަން ވަނީ ކުރިއަށްގެންގޮސްފައެވެ. މި ސެޝަންތައް ކުރިއަށްގެންދިޔައީ ހަގީގީ ކޯޓެއްގެ މާހައުލު ސިފަވާ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެއްގައި، ފަނޑިޔާރުންގެ ހާޒިރުގައެވެ.
ޒިކުރާ ކޮލެޖުގެ ދެވަނަ މޫޓް ކޯޓު މުބާރާތުގެ ތެރެއިން -- ފޮޓޯ: ޒިކުރާ ކޮލެޖުމޫޓް ކޯޓު ސެޝަންތަކުގެ އިތުރުން، ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ޝަރުއީ ކޯޓުތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތުވެސް މި ހަރަކާތުގެ ތެރެއިން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ޑްރަގް ކޯޓުގެ އިތުރުން ފެމިލީ ކޯޓަށް ދަރިވަރުން ޒިޔާރަތްކޮށް، އެ ތަންތަނުގެ މަސައްކަތްތައް ހިނގާ ގޮތުގެ މައުލޫމާތު ވަނީ ހޯދާފައެވެ.
މި މުބާރާތް ނިންމުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު ޙުސައިން ސިރާޖެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިރާޖް ވިދާޅުވި ގޮތުގައި، މަސައްކަތުގެ މާހައުލުގައި ދަރިވަރުން އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. އަދި މިފަދަ ސެޝަންތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށާއި، ގާނޫނީ ދާއިރާއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް ހޭލުންތެރިވެ ތިބުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
ޒިކުރާ ކޮލެޖުގެ ދެވަނަ މޫޓް ކޯޓު މުބާރާތުގެ ތެރެއިން -- ފޮޓޯ: ޒިކުރާ ކޮލެޖުޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ފުރަތަމަ މޫޓް ކޯޓު މުބާރާތް ބާއްވާފައިވަނީ މިދިޔަ އޮގަސްޓު މަހު 40 ދަރިވަރުންނާއެކުގައެވެ. އަންނަ ޑިސެންބަރު މަހު ކިޔެވުން ނިންމާ މި ދަރިވަރުންނަކީ އެ ކޮލެޖުން ގާނޫނީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރާ ފުރަތަމަ ބެޗެވެ. ކިޔެވުން ނިމުމުން، ގާނޫނީ ފަންނުގައި ވަކާލާތުކުރުމުގެ ހުއްދަ ހޯދަން ބޭނުންވާ ދަރިވަރުން މޯލްޑިވްސް ބާ ކައުންސިލުން ބާއްވާ އިމްތިހާނުގައި ބައިވެރިވާނެއެވެ. މިއީ އެ ކޮލެޖުގެ ދަރިވަރުން ބާ އިމްތިހާނުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.