ޚިޔާނާތުގެ ސަބަބުން, ރިހޭ ދަތަކަށް ވެފައިވާ ފެނަކަ އާއި އާރުޑީސީ އުވާލުން ބަރާބަރެވެ. އެކަމަކު ސުވާލެއް އެބައޮތެވެ. އެ ކުންފުނިތަކަށް އެހެން ހެދި މީހުންނަށް އޮތީ ކޮން ގޮތެއްތޯއެވެ؟
ދިވެހިރާއްޖޭގެ ސިޔާސީ ތާރީހަށް ބަލާއިރު، ކޮންމެ ސަރުކާރެއްގައި ވެސް އެންމެ އާންމު އެއް މައްސަލައަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ހިންގާ ބޮޑެތި ވައްކަންތަކާއި ހިޔާނާތުގެ މައްސަލަތަކެވެ. މިފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ދައުލަތުގެ އެތައް ކުންފުންޏެއް ބަނގުރޫޓުވެ، އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފައެވެ. ކުންފުނިތައް ބަނގުރޫޓުވުމުން، ގިނަ ފަހަރަށް ސަރުކާރުތަކުން އަމަލުކުރާ ގޮތަކީ އެ ކުންފުނިތައް އުވާލުމެވެ. ނަމަވެސް، ކުންފުނި އުވާލުމަކީ މައްސަލައިގެ ހައްލުތޯ ނުވަތަ އެއީ ހިޔާނާތްތެރިވި ފަރާތްތައް ގާނޫނީ ފިޔަވަޅުތަކުން ސަލާމަތްވުމަށް ހުޅުވޭ ދޮރެއްތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ.
https://x.com/sunbrk/status/2097243202273300857
ނުބެލެހެއްޓޭވަރު ކޮށްލާފައި ވުމުން, ކުންފުނިތައް އުވާލި ނަމަވެސް، އެ ކުންފުނިތައް ބަނގުރޫޓުވުމުގެ މައިގަނޑު ސަބަބު ކަމަށްވާ ކޮރަޕްޝަން ހިންގި މީހުން ގިނަ ފަހަރަށް ތިބެނީ މިނިވަންކޮށެވެ. ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވާ ފަރާތްތަކަށް އަދަބު ނުލިބި، ހަމައެކަނި ކުންފުނީގެ ނަން ފޮހެލުމަކީ އިންސާފު ގާއިމުކުރެވޭނެ ގޮތެއް ނޫންކަން ތާރީހުން ދައްކައެވެ.
ހުރިހާ ސަރުކާރުތަކެއްގައި ވެސް އެއް ކުޅިވަރެއް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމަށް ބަލާއިރު، 1990 ވަނަ އަހަރު ފެންމަތިވި ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) ގެ ޚިޔާނާތަކީ ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލައެވެ. އެސްޓީއޯގެ ދަށުން ހިންގަމުންދިޔަ މި ޑިޕާޓްމަންޓުން އެތައް މިލިއަން ޑޮލަރެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވުނެވެ. މި މައްސަލައިގައި އިސް ފަރާތްތަކެއްގެ މައްޗަށް ދައުވާކުރެވުނު ނަމަވެސް، ފަހުން އެ ފަރާތްތައް ވަނީ ކުށުން ސަލާމަތްވެފައެވެ. އޭގެ ފަހުން އެފްޕީއައިޑީ އުވާލައި، 1993 ވަނަ އަހަރު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އުފައްދައި، މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް އެ ކުންފުންޏާ ހަވާލުކުރިއެވެ. ހަމައެހެންމެ، ގައުމީ އެއާލައިން ކަމަށްވާ އެއާ މޯލްޑިވްސް 2000 ވަނަ އަހަރު ބަނގުރޫޓުވެގެން އުވާލިއިރު، އެ ކުންފުންޏަށް 69.2 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މިއީ ވެސް ގޯސް މެނޭޖްމަންޓާއި ކޮރަޕްޝަންގެ ތުހުމަތުތަކެއް އެކުލެވޭ މައްސަލައެކެވެ.
މީގެ އިތުރުން، މައުމޫންގެ ވެރިކަމުގައި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) ވެސް ބަނގުރޫޓުވެގެން އުވާލިއިރު، 1990 ވަނަ އަހަރު ޓޫރިޒަމް ތަރައްގީކުރުމަށް އެ ކުންފުންޏަށް ދޫކުރި ވިލިނގިލިވަރު ވިއްކާލައި، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތް މައްސަލައެއް ފެންމަތިވިއެވެ. ސިވިލް ކޯޓުން އެ ފައިސާ ދެއްކުމަށް އަމުރުކުރި ނަމަވެސް، ކުންފުނި ބަނގުރޫޓުވެ އުވާލުމުން އެ ފައިސާ ދައުލަތަށް ލިބިފައެއް ނުވެއެވެ. މި ހުރިހާ ހާދިސާތަކުން ވެސް ފެންނަނީ ކުންފުނިތައް ބަނގުރޫޓުވުމުން އުވާލުމުގެ ސަގާފަތެއް ފެށިގެން އައި ގޮތެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ހިދުމަތްތައް ލާމަރުކަޒުކުރުމަށް ޓަކައި ގިނަ ކުންފުނިތަކެއް އުފެއްދިއެވެ. މީގެ ތެރޭގައި ހިމެނޭ ޔުޓިލިޓީސް ކުންފުނިތައް ފަހުން ވަނީ އުވާލާފައެވެ. މިއީ ސީދާ ކޮރަޕްޝަންގެ ސަބަބުން ބަނގުރޫޓުވި ކުންފުނިތަކެއް ކަމަށް ނުބެލެވުނު ނަމަވެސް، މިއީ ކުންފުނިތައް އުފައްދައި އަދި އުވާލުމުގެ ސިޔާސަތުގެ ބައެކެވެ. ނަމަވެސް، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) ގެ މައްސަލައަކީ މާލީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލައެކެވެ. އޮޑިޓް ރިޕޯޓުތަކުން ދައްކާ ގޮތުގައި، އަޕްލިންކް ޕްރޮޖެކްޓަކަށް ނެގި ތިން މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން ޕްރޮޖެކްޓަށް ހަރަދުކޮށްފައިވަނީ އެންމެ 127،000 ޑޮލަރެވެ. ބާކީ 85 ޕަސެންޓް ފައިސާ ބޭނުންކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ހަރަދުތަކަށެވެ. މި ކުންފުނި ވެސް ފަހުން ވަނީ އުވާލާފައެވެ.
ހަމައެހެންމެ، އެ ސަރުކާރުގައި އުފެއްދި, މޯލްޑިވްސް އެންޓަޓެއިންމަންޓް ކޮމްޕެނީ (އެމްއީސީއެލް) އަކީ ވެސް މާލީ ހިސާބުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރެގެން ފަހުން އުވާލި ކުންފުންޏެކެވެ. އެ ކުންފުނީގެ ހަރަދުތަކާއި ބޭންކުން ނަގާފައިވާ ފައިސާއާ ދިމާނުވުމާއި، އާމްދަނީގެ ހިސާބުތައް ބެލެހެއްޓިފައި ނެތުމަކީ އޮޑިޓުން ފާހަގަކުރި ކަންކަމެވެ. މި ކުންފުނިތައް އުވާލުމުން، އެ ކުންފުނިތަކުގެ މާލީ ޒިންމާ އުފުލަން ޖެހުނީ ދައުލަތަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އެއް މައްސަލައެވެ. އޮޑިޓް ރިޕޯޓުތަކުން ދައްކާ ގޮތުގައި، ޓޫރިޒަމް ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 79 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ) ވަނީ ވަގަށް ނަގާފައެވެ. މީގެ ތެރެއިން 65 މިލިއަން ޑޮލަރަކީ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާއެވެ. މި މައްސަލައިގައި 59 ރަށަކާއި ފަޅެއް ދޫކޮށްފައިވާއިރު، ރިޔާސީ ކޮމިޝަނުން ފަހުން ހާމަކުރި ގޮތުގައި 37 ރަށަކާއި 12 ފަޅެއް ދޫކޮށްފައިވަނީ މަކަރާއި ހީލަތުންނެވެ. މި މައްސަލައަކީ ދައުލަތުގެ ކުންފުންޏެއް މެދުވެރިކޮށް ހިންގި އެންމެ ބޮޑު ޖަރީމާއެވެ. މި ފައިސާ ދައުލަތަށް އަނބުރާ ހޯދިފައި ނުވާއިރު، މި ފައިސާއިން މަންފާ ހޯދި ފަރާތްތަކުން ދަނީ އެ ފައިސާގެ ބޭނުންކުރަމުންނެވެ. މި މައްސަލައިގައި ބައެއް ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، ގެއްލުނު ފައިސާގެ ބޮޑު ބައެއް އަދިވެސް ނުހޯދެއެވެ.
ޔާމީނަށް ވައްކަމުގެ ތުހުމަތުތައް ކުރައްވަމުން ވެރިކަން ހޯއްދެވި, ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއެވެ. ޚާއްސަކޮށް ފެނަކަ ކޯޕަރޭޝަނާއި އާރްޑީސީގެ މައްސަލަތައް ވަރަށް ބޮޑަށް ފެންމަތިވިއެވެ. އޮޑިޓާ ޖެނެރަލްގެ ހާއްސަ އޮޑިޓުން ދައްކާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން 2.2 ބިލިއަން ރުފިޔާގެ އެއްބަސްވުންތައް ހަދާފައިވާއިރު، އޭގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވާދަވެރި ބީލަމަކާ ނުލައެވެ. އެންމެ ބޮޑު ފައިދާއެއް ނެގިކަމުގެ ތުހުމަތު ކުރެވެނީ އޭރު އެ ޕާޓީގެ ޓިކެޓްގައި މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުންނަށާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށެވެ.
އާރްޑީސީއަށް ބަލާއިރު، 2022 އަދި 2023 ވަނަ އަހަރު އެކަށީގެންވާ ލިޔެކިޔުމެއް ނެތި 161 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ޓްރާންސްފާކޮށްފައިވާކަން ވަނީ ހާމަވެފައެވެ. މީގެ ތެރެއިން 14 މިލިއަން ރުފިޔާ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާއިރު، އެއް ފަރުދެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ވެސް ހިމެނެއެވެ. މި ކުންފުނި 2022 ވަނަ އަހަރު 34 މިލިއަން ރުފިޔާގެ ފައިދާއެއްގައި އޮތުމަށް ފަހު، 2023 ވަނަ އަހަރު 188 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލިއެވެ. އަދި 2024 ވަނަ އަހަރު އެ ގެއްލުން ވަނީ 229 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މި ކުންފުނިތަކުގެ މާލީ ހާލަތު ދަށަށް ގޮސް، ދައުލަތަށް ބޮޑު ބުރައަކަށް ވެފައިވާއިރު، މިކަމުގައި ޒިންމާވާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ.
އެންމެ ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ އިއުލާން ކުރައްވާފައި އެވަނީ ފެނަކަ އާއި އާރުޑީސީ އުވާލައްވަން ނިންމެވި ނިންމެވުމެވެ. މި ސަރުކާރަށް ބަލާއިރު ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިފަދަ ތުހުމަތުތައް އެބަކުރެވެއެވެ.
މި ވަރުން ހައްލުވޭތަ؟
މި ހުރިހާ މައްސަލަތަކުން ވެސް ފެންނަ އެންމެ ބޮޑު ހިތާމައަކީ، ކުންފުނިތައް ބަނގުރޫޓުވުމުން އެ ކުންފުނިތައް އުވާލި ނަމަވެސް، އެ ކުންފުނިތަކަށް އެ ހާލަތު މެދުވެރިކުރުވި ފަރާތްތަކާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުމެވެ. ނާޖާއިޒު ގޮތުގައި ހޯދާ ފައިސާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެ ފަރާތްތަކުން އަގުބޮޑު ދިރިއުޅުމެއް އުޅެމުންދާއިރު، އެ ހިޔާނާތުގެ އަގު ދައްކަން ޖެހެނީ އާންމު ރައްޔިތުންނަށެވެ. ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް މި ކުންފުނިތައް ސަލާމަތްކުރުމަށް ނުވަތަ ދަރަނި އަދާކުރުމަށް ހޭދަކުރަން ޖެހެއެވެ.
ކުންފުނި އުވާލުމަކީ ހިޔާނާތްތެރިވި ފަރާތްތަކަށް ލިބޭ "އެސްކޭޕް ހެޗް" އެއް ނުވަތަ ސަލާމަތްވުމަށް އޮންނަ މަގަކަށް ވެގެން ނުވާނެއެވެ. ފަރުދީ ޒިންމާ ނުނެގޭ ނިޒާމެއްގެ ސަބަބުން، ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވުމުގެ ސަގާފަތް ދަނީ އާލާވަމުންނެވެ. ކުންފުނިތައް އުވާލުމުން، އެ ކުންފުނިތަކުގެ ދަރަނިތައް ދައުލަތުގެ ބޮލުގައި އެޅި، ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން އެ ދަރަނިތައް ހަލާސްކުރަން ޖެހުމަކީ ބޭއިންސާފެކެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ މައްސަލަތަކާ މެދު އަމަލުކުރާ ގޮތަށް ބަލާއިރު، ކުންފުނި އުވާލުމުގެ ބަދަލުގައި އިސްކަންދެނީ ހިޔާނާތްވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، ގެއްލުނު ފައިސާ ދައުލަތަށް ހޯދުމަށެވެ. މިސާލަކަށް، މެލޭޝިއާގެ ވަންއެމްޑީބީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި، ބައިނަލްއަގުވާމީ ފެންވަރުގައި ތަހުގީގުތައް ހިންގައި، އެތައް ބިލިއަން ޑޮލަރެއްގެ މުދަލާއި ފައިސާ ވަނީ ހޯދާފައެވެ. އަދި އެކަމުގައި ޝާމިލުވި އިސް ފަރާތްތަކަށް ވަނީ ބޮޑެތި ހުކުމްތައް އިއްވާފައެވެ. އދ. ގެ ކޮރަޕްޝަނާ ދެކޮޅު މުއާހަދާ (ޔޫއެންސީއޭސީ) ގެ ދަށުން ވެސް، ދައުލަތުން ގެއްލޭ ފައިސާ ހޯދުމަށް ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. ގިނަ ގައުމުތަކުގައި "ސިވިލް އެސެޓް ފޯފީޗާ" ގާނޫނުތައް މެދުވެރިކޮށް، ކުށް ސާބިތުނުވި ނަމަވެސް، ނާޖާއިޒު ގޮތުގައި ހޯދާފައިވާކަމަށް ބެލެވޭ މުދާ ދައުލަތަށް ނެގުމުގެ ބާރު އޮވެއެވެ. މިފަދަ ގާނޫނުތަކުގެ ސަބަބުން، ހިޔާނާތްތެރިވާ ފަރާތްތަކަށް އެ ފައިސާގެ މަންފާ ނުލިބޭނެކަން ކަށަވަރުކުރެވެއެވެ.
ރާއްޖޭގައި ވެސް މިހާތަނަށް ހިޔާނާތްވި މީހުންނާ މެދު ފިޔަވަޅުތައް އަޅަން ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެވިފައި އެބަހުއްޓެވެ. ނަމަވެސް ގިނަ ފަހަރަށް އެކަން ދަނީ ބޮނޑުނަގުލަށެވެ. ކަން ނިމޭއިރު މައްސަލަ ވެސް ނުބެލެއެވެ. ދައުލަތަށް ގެއްލުނު ފައިސާއެއް ވެސް ނުހޯދެއެވެ. ހިނާޔާތްތެރީން އެ ފައިސާގައި ''އުދުހެން'' އޮންނަނީ ފުރުސަތު ދީފައެވެ.
އެހެންކަމުން، ދައުލަތުގެ ކުންފުނިތައް ބަނގުރޫޓުވުމުން ހަމައެކަނި ކުންފުނި އުވާލުމަކީ މައްސަލައިގެ ހައްލެއް ނޫނެވެ. އަސްލު ހައްލަކީ ފޮރެންސިކް އޮޑިޓްތައް ހަދައި، ހިޔާނާތްތެރިވި ފަރާތްތައް ހޯދައި، އެ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާކުރުމާއެކު، ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމެވެ. ބައިނަލްއަގުވާމީ މުޖުތަމައުއާ ގުޅިގެން، ރާއްޖެއިން ބޭރުގައި ފޮރުވާފައިވާ މުދަލާއި ފައިސާ ހޯދުމުގެ މަސައްކަތް ހަރުދަނާކުރަން ޖެހެއެވެ. ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވޭނީ، ހިޔާނާތްތެރިވާ ފަރާތްތަކަށް އެކަމުގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެކަން ޔަގީންކުރެވިގެންނެވެ. ދައުލަތުގެ މުއައްސަސާތަކުން މިކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ފެށުމަކީ މުހިންމު ކަމެކެވެ. ކުންފުނިތައް އުވާލުމަކުން ނުފުދެއެވެ.