މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ އެންމެ ފޯރިގަދަ ދުވަސްވަރެވެ. އިންތިޚާބު ކާމިޔާބު ކުރާނީ ސީދާ ކޮން ބޭފުޅެއްކަން ބުނަން އޭރަކު ނޭނގެއެވެ. ސިޔާސީ މަސްރަހު އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އެ ދުވަސްވަރު، ރާއްޖޭގެ ވަރަށް ތަޖުރިބާކާރު ނޫސްވެރިއަކާއެކު ހުޅުމާލޭ ފޭސް އެކެއްގެ ރެސްޓޯރެންޓެއްގައި ކޮފީއެއް ބުއިމަށް އިނދެ ލައްކަ ކަންކަމާ މަޝްވަރާކުރީމެވެ. އޭރު ރައީސަކަށް ހުންނެވި އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ހައްދަވަމުން ގެންދެވި ގޯސްތަކުގެ ވާހަކަ ދެކެވުމަށް ފަހު، ނޫސްވެރިކަން ކުރައްވާތާ އެތައް އަހަރެއް ވެފައިވާ އެ ބޭފުޅާގެ އެންމެ ބޮޑު ބިރަކަށްވީ ކުރިމަގުގައި ނޫސްވެރިކަމަށް އޮތް ހުރަސްތަކެވެ.
އެއީ އޭރު އިދިކޮޅު ޕީއެންސީއިން ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިގެން އުޅުއްވި ޑރ. މުޙައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފިނަމަ ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމާއި، ފާޑުކިޔުންތަކަށް އަޅުއްވާނެ ހުރަސްތަކުގެ ވާހަކައެވެ. އޭނާ ވިދާޅުވީ، "[ކުރީގެ ރައީސް އަބްދުﷲ] ޔާމީނަށް ވުރެ ގޯސް ވާނެ. ނުދޭނެ ފާޑުކިޔަކަ" މިހެންނެވެ.
އެހެން ވިދާޅުވިތާ ތިން އަހަރު ވާންދާއިރު، މިއަދުގެ ހަގީގަތާމެދު ވިސްނާލުން މުހިންމެވެ. މިއަދު ފެންނަމުންދާ މަންޒަރުތަކާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން، އެ ދުވަހު އެ ނޫސްވެރިޔާ ކުރި އިންޒާރުގެ ތެދުކަން ވަޒަންކުރެވެއެވެ.
https://www.sun.mv/216492
މީހުންގެ އަބުރާ ބެހުމާއި، އަމިއްލަ ޒާތީ ކަންކަމަށް ފާޑުކިޔުމާއި ސާބިތު ނުވާ ކަންކަމުގެ ވާހަކަދެއްކުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ޚާއްސަކޮށް ސައްތައިން ސައްތަ އިސްލާމީ ކުޑަ މުޖުތަމައެއްގެ ތެރޭގައި ބޮޑެތި ފާފަތަކުގެ ވާހަކަތައް ފަތުރައި، އެކަންކަން އެއީ އާދައިގެ ކަންކަމަށް ވާ މޭރުމުން ކަންކަން ކުރުމަކީ މުޖުތަމައުގެ ފޭރާން ވީދިގެންދާނެ ކަމެކެވެ. ނޫސްވެރިން ވިޔަސް، އިސްވެރިއަކު ވިޔަސް، އާއްމު ރައްޔިތުން ވިޔަސް ގޯސްކޮށް ކަމެއް ކުރާނަމަ އެކަން ވާނީ ގޯހަކަށެވެ. އެކަމަކު، ކަންކަމުގައި އަމަލާއި ބަސް ދިމާވާން ވާނެއެވެ. އިއްޔެ ރަނގަޅެއް ކަމަށް ދެކި ކުރި ކަންކަން މިއަދު ގޯސްވާނަމަ އެއީ މައްސަލައެކެވެ. ސިޔާސީ މަންފާއަށްޓަކައި އިއްޔެ މީހުންގެ އަބުރު ކަތިލުމަށް ފަހު، މިއަދު ބާރު ލިބުމުން އަބުރުގެ ދިފާއުގައި ދީނީ ވާހަކައާއި އެހެން ވާހަކަތައްދައްކާ ނަމަ އެއީ ގޯހެކެވެ.
ޕީއެންސީގެ މި ސަރުކަރުގެ ވެރިން މިއަދު އަބުރުގެ ދިފާއުގައި ވާހަކަދައްކައި، ދީނީ ގޮތުން މިސާލުތަކާއި ހެކިތައް ދައްކާއިރު، އެ ބޭފުޅުން އިއްޔެ އިދިކޮޅުގައި ތިއްބެވިއިރު އަމަލުކުރި ގޮތުގެ ވާހަކަދައްކައި، އެ ކަންކަން ހަނދާން އާ ކޮށްލަން ޖެހެއެވެ. ލައްކަ ހަގީގަތް ހާމަކުރެވެން އެބައޮތެވެ. އޭގެ ތެރެއިން ދެތިން މިސާލަކަށް ބަލާލުމުން، މިއަދު ދައްކާ ވާހަކައިގެ އިޚުލާސްތެރިކަން އޮތް މިންވަރާއި ނެތް މިންވަރު ސިފަވާނެއެވެ.
މިހާރުގެ ތަރިކައިގެ މިނިސްޓަރު ހީނާ ވަލީދުގެ އެޑިޓަރުކަމުގައި ހިންގަމުން ދިޔަ ދިޔަރެސް ނޫހުގައި، 2022 ވަނަ އަހަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ނައިބު ރައީސް އަޙްމަދު ސަލީމް އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ސިފަވާފަދަ ގޮތަށް ޚަބަރެއް ގެނެސްދީފައެވެ. އެ ޚަބަރު ގެނެސްދީފައިވަނީ ދެ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އެ ވީޑިއޯއިން އެކެއްގެ މޫނު ސާފުކޮށް ފެންނައިރު އަނެއް މީހާއަކީ ކާކު ކަމެއް ނޭނގެއެވެ. ދިޔަރެސްގައި ރިޕޯޓްކުރީ ކާކުކަން ނޭނގޭ މީހާއަކީ އޭރުގެ މެންބަރު ސަލީމް ކަމަށް މީހުން ބުނާ ކަމަށެވެ. އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ބޮޑު ފާފައެއް ސަލީމް ކުރެއްވި ކަމަށް ތުހުމަތުވާ ފަދަ ގޮތަށް އެ ދުވަހު އެ ނޫހުން ޚަބަރު ގެނެސް ދިންއިރު، އެއީ ދުވަހަކު ވެސް ސަލީމުގެ މައްޗަށް މިހާތަނަށް ސާބިތުވެފައިވާ ކުށެއް ނޫނެވެ. އަދި، އޭނާގެ މައްޗަށް އެފަދަ ތުހުމަތެއްކޮށް، ތަހުގީގެއް ވެސް ހިންގާފައެއް ނުވެއެވެ. ނަމަވެސް، އެ ދުވަހު ހަމަ އެ ވާހަކަ އެ ގޮތަށް ދެއްކިއެވެ. މިއީ މިއަދު އަބުރުގެ ވާހަކަ ދައްކަވާ ބޭފުޅުންގެ އިއްޔެގެ އަމަލުތައް ހުރި ގޮތެވެ.
މީގެ އިތުރުން، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި، މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ އޭރުގެ ރައީސް ޞާލިހާއި އަވައްޓެރި ބޮޑު ގައުމެއްގެ ފިރިހެން ވެރިއަކު އެއް އެނދެއްގައި ނިދި ކުރައްވާ ކަމަށް ތުހުމަތުކުރެވޭ މޭރުމުން ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަދައްކަވާފައެވެ. މިއީ ގައުމުގެ އެންމެ އިސްވެރިޔާއަށް ނިސްބަތްކޮށް، އެއްވެސް އަސާސެއް ނެތި، ހަމައެކަނި ސިޔާސީ މަންފާއަކަށްޓަކައި ކުރެއްވި ވަރަށް ހުތުރު ތުހުމަތެކެވެ. މިއަދު ވަޒީރުކަމުގެ ގޮނޑީގައި އިންނަވައިގެން އަބުރާއި އިއްޒަތުގެ ވާހަކަދައްކަވާއިރު، އިއްޔެ ޕޯޑިއަމްތަކުގައި ގޮވި ހުތުރު އެއްޗެހި ރައްޔިތުންގެ ހަނދާނުން ފިލައިގެން އަދި ނުދެއެވެ.
ހަމައެހެންމެ، ރައްޔިތުން އޭގެ މައްޗަށް އަމަލުކުރަން ޖެހޭ ގާނޫނުތައް ހައްދަވާ މަޖިލީހުގެ ރައީސަކަށް މިއަދު އެ ހުންނެވި އަބްދުއްރަހީމް އަބްދުالله ބައެއް ފަހަރަށް ވަރަށް ހުތުރުކޮށް ދައްކަވާފައިވާ އެކިއެކި ވާހަކަތައް އެ ހުރީ ފެންނާށެވެ. ރައީސް ޞާލިޙަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން އޮޕަރޭޝަނެއް ކުރަން ޖެހުނު ވަގުތު، އެއީ އަވައްޓެރި ގައުމެއްގެ ސަފީރަކާ އެކު ބޭއްވެވި ނަހަމަ ގުޅުމެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ސިފަވާ ވަރަށް ހުތުރު ތުހުމަތުތަކެއް ކުރެއްވެވިއެވެ. މީހެއްގެ ސިއްހީ ހާލަތާ ގުޅުވައިގެން މިފަދަ ދަށު ދަރަޖައިގެ ވާހަކަތައް އޭރު ދައްކަވަން ރަނގަޅުވެފައި މިއަދު ގޯސްވާ ނަމަ މައްސަލައެއް އެބައުޅެއެވެ.
އަދި ކޮބާހެއްޔެވެ؟ އަވައްޓެރި ގައުމެއްގެ، ދުނިޔޭގެ ބޮޑުބާރެއްގެ ބޮޑުވަޒީރަށް ނިސްބަތްކޮށް 'މާލި' ހަދައިގެން މާލޭގެ މަގުތަކުގައި ހިނގީ ވެސް މިހާރު ވެރިކަމުގައި އެ ތިއްބެވި ބޭފުޅުން ފަހަތުގައި ތިއްބަވައިގެންނެވެ.
މިއަދު މި ވާހަކަ ދައްކާއިރު މިހާތަނަށް އެމްޑީޕީން ކުރި ދެ ވެރިކަމުގައި ފާޑުކިޔުންތަކާއި ނޫސްވެރިކަމަށް އޮތް މިނިވަންކަމުގެ ވާހަކަ ވެސް ދައްކަން ޖެހެއެވެ. އެ ސަރުކާރުން ފައިސާ ދީގެން މީޑިއާތައް ކޮންޓްރޯލްކުރަން ނޫޅޭ ވާހަކައެއް ނޫނެވެ. ނަމަވެސް، އެމްޑީޕީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޞާލިޙްގެ ވެރިކަމުގައި ނޫސްވެރިން ލައްކަ ފާޑުކިޔުންތައް އަމާޒުކުރިއެވެ. ލައްކަ ތުހުމަތުތައް ކުރިއެވެ. އިންތިޚާއަށް ފާޑުކިޔެވެ. ނަމަވެސް، ނޫސްތަކަށް ފުލުހުން ފޮނުވުމާއި ނޫސްވެރިން ޖަލަށް ލުމަކީ އެ ދެ ވެރިން އަމަލު ކުރެއްވިގޮތެއް ނޫނެވެ. އެއީ ޑިމޮކްރެޓިކް ވެށީގައި ކަންކަން ހިނގަންޖެހޭނެ ގޮތްކަން އެ ބޭފުޅުން ގަބޫލުފުޅުކުރެއްވިއެވެ.
https://www.sun.mv/182415
ނަޝީދާއި ޞާލިޙުގެ ކެތްތެރިކަމަކީ ހަގީގަތުގައި ވެސް މިސާލެކެވެ. ނަޝީދާ ގުޅުވައި ޑީއާރުޕީ ޒަމާނުންސުރެ އެ މަނިކުފާނަކީ އިސްލާމް ދީނާ ދެކޮޅު ބޭފުޅެއް ކަމާއި ބަނގުރާ ހިއްޕަވާ ކަމަށް އެތައް ތުހުމަތުތަކެއް ދިޔައީ އަދި ދަނީ ކުރަމުންނެވެ. މި ވާހަކަ ފާޅުގައި ދައްކާއިރު މިއީ މިހާތަނަށް ކޯޓެއްގައި ސާބިތު ވެފައިވާ ކަމެއް ނޫނެވެ. ނަމަވެސް، އެބަ ދައްކައެވެ. އަނެއްކޮޅުން މި ފިތުނަ ބޮޑުވެގެން ގޮސް މަޖީދީމަގުގައި ބޮމެއް ހަރުކޮށް ފުރާނައަށް ނުރައްކާވާ ހަމަލާއެއް ވެސް އެ ވަނީ ދިން ބަޔަކު ދީފައެވެ. މިއީ ސާބިތު ނުހިފޭ ތުހުމަތުތަކުގެ ސަބަބުން ނުކުމެދާނެ ނުރައްކާތެރި ނަތީޖާއެވެ. އެހެންނަމަވެސް، އެ ހާލަތުގައި ވެސް ނޫސްވެރިންގެ ގަލަންތައް ބިންދާލައި، މީޑިއާތައް ބަންދުކުރުމުގެ ސިޔާސަތެއް ނުގެންގުޅެއެވެ.
އެމްޑީޕީ ވެރިންގެ ކެތްތެރިކަމުގެ އަނެއް ހެއްކަކީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ނޫސްވެރިއެއްގެ ގޮތުގައި އާއްމުންނަށް ފެނި، މިއަދު ހިތަދޫ މެދު ދާއިރާގެ މެންބަރަކަށް އެ ހުންނެވި، އަހްމަޒު އަޒާން އޭރުގެ ސަރުކާރާ ދެކޮޅަށް ލައްކަ އެއްޗެހި ލިޔުއްވަމުން ގެންދެވުމެވެ. ރައީސް އޮފީހުގައި، ލައިވް ޓީވީ ކުރިމަތީގައި އޭރުގެ ރައީސް ޞާލިޙާ ބޭނުން ސުވާލެއް ކުރަމުން ގެންދެވިއެވެ. އޭގެ ތެރޭގައި ހިލޭ އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގިކަމަށް ނަޝީދު ކުރި ތުހުމަތާ ގުޅިގެން ވެސް ސުވާލު އެއްސެވިއެވެ. އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް ވަތްކަމަށް ތުހުމަތު ވެސް ކުރެވުނެވެ. މިއީ ދައުލަތުގެ އެންމެ އިސްވެރިޔާއާ ދިމާލަށް، މުޅި ގައުމު ބަލަން ތިބި ޕްރެސް ކޮންފަރެންސެއްގައި ކުރި ސުވާލުތަކެވެ. އެހެންނަމަވެސް، އެ ސުވާލުތަކާ ގުޅިގެން އަޒާން ހައްޔަރުކޮށްފައެއް ނުވެއެވެ. އޭނާގެ މައްޗަށް އަބުރުގެ ދައުވާއެއް ނުކުރެއެވެ. ޖަލަކަށް ވެސް ނުލައެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުން ނުވެސް ނެރެއެވެ.
އެމްޑީޕީގެ ވެރިކަމުގައި އަވައްޓެރި ގައުމުތަކާއި ރާއްޖޭގެ ގުޅުމާ ގުޅޭގޮތުން ވެސް ފާޅުގައި އޭރު ދިޔައީ އެތައް ވާހަކަތަކެއް ފަތުރަމުންނެވެ. އަވައްޓެރި ގައުމެއްގެ މިނިސްޓަރަކާއި ރާއްޖޭގެ މިނިސްޓަރަކާ އެކަނި ދައްކަވާ ވާހަކަތައް "އެނގިފައިވާ ގޮތުގައި" ކަމަށް ބުނެ ނޫސްތަކަށް އެރިއެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ. މިއީ ޑިމޮކްރަސީއެއްގައި ނޫސްވެރިކަމަށް ދީފައިވާ ޖާގައިގެ ތެރެއިން ހިނގަމުންދިޔަ ކަންކަމެވެ. ބައެއް ފަހަރު އިންތައް ފަހަނައަޅައި ދިޔަ ނަމަވެސް، ދައުލަތުގެ ބާރުގެ ބޭނުންކޮށްގެން އެ އަޑުތައް ކަނޑުވާލަން މަސައްކަތްކޮށްފައެއް ނުވެއެވެ.
މިއީ އަބުރުގެ ވާހަކައާއި އިސްލާމް ދީނުގައި އެކަންކަން އޮތްގޮތުގެ ވާހަކަ މިއަދު ފާޅުގައި ދައްކާއިރު ހަނދާން ކޮށްލަންވީ ކަންކަމެވެ. އެ ދުވަހު ރަނގަޅުވި ކަންކަން މިއަދު ގޯސްވާތީއެވެ. އަދި، ނޫސްވެރިކަން ހަނިވާގޮތަށާއި ޚިޔާލު ފާޅުކުރަން ހުރަސް އެޅޭ ގޮތަށް މިއަދު ގާނޫނަކަށް ފަހު ގާނޫނެއް ހަދާއިރު، އަބުރުގެ ދިފާއުގައި ވާހަކަދައްކަވާ ބޭފުޅުންގެ އިއްޔެގެ އަމަލުތައް ހުރިގޮތާ މެދު ވެސް ވިސްނާލަން ޖެހެއެވެ. އެއް ފަހަރު އަބުރު ރައްކާތެރިކުރާ ވާހަކަދައްކަވާއިރު އަނެއްކޮޅުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިޔަސް، އެ ޕާޓީގެ ޕޯޑިއަމެއްގައި ވިޔަސް ގިނައިން ކޮންމެ ވެސް މީހަކާ ގުޅޭގޮތުން އެ ދައްކަނީ ސާބިތުވެފައި ނުވާ ވާހަކައެވެ. އިއްޔެ ތައުރީފުކުރި ދޫތަކުން މިއަދު ރައީސް ޔާމީނަށް އެ ވަގަށް ގޮވަނީއެވެ. ތިމާމެން ބެހެންވީމާ ނުވަތަ ތިމާމެން ނުރުހޭ މީހާއާ ގުޅޭގޮތުން ވާހަކަދައްކަން ވީމާ އަބުރު ނެތިފައި، ތިމާމެންނާ ޖެހުނީމާ އަބުރު އޮންނަ ނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. މިއީ ދެފުށްދެގޮތްކަމުގެ އިންތިހާއެވެ.
ކަންކަން ރަނގަޅުކުރުމުގެ ހަގީގީ ނިޔަތް އޮތްނަމަ އަމަލާއި ބަހާ ދިމާވާން ވާނެއެވެ. ތިމާމެން ކުރަންވީމާ ހުރިހާ ކަމެއް ރަނގަޅުވެފައި ތިމާމެންނަށް ނިސްބަތްވީމާ ގޯސްވާނަމަ، އެއީ ރަނގަޅު ގޮތެއް ނޫނެވެ. ޕީއެންސީގެ މި ވެރިކަމަށް މި އޮތީ ހުރިހާ ބާރެއް ލިބިފައެވެ. ކަންކަން އިސްލާހުކުރުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު ލިބިފައެވެ. އެހެންކަމުން ހެޔޮ ނިޔަތެއް އޮތްނަމަ އިސްލާހުކުރާށެވެ. ނަމަވެސް، އިސްލާހުކުރުމުގެ ނަމުގައި، ތިމާމެންނަށް ފާޑުކިޔާ އަޑުތައް ކަނޑުވާލުމަށް މަސައްކަތްކުރުމަކީ އިޚުލާސްތެރިކަމެއް ނޫނެވެ.
ބާރު އޮތަތީ މިއަދު މި ވާހަކަދެއްކުމުން ވެސް އަދަބު ދެވޭނެއެވެ. ޖަލަށްލައި، ޖޫރިމަނާކޮށް، ފުރާނައަށް ނުރައްކާ ވެސް ކުރެވިދާނެއެވެ. ނަމަވެސް، ހަގީގަތް ގަބޫލުކުރަން ޖެހެއެވެ. ބާރަކީ ވަގުތީ އެއްޗެކެވެ. ދާއިމީ އެއްޗަކީ ހަގީގަތެވެ. ކަން ހިނގާފައިވާ ގޮތެވެ. ވަގުތީ ބާރަކުން، އަދި ޖަޒުބާތީ އަމަލުތަކަކުން އެ ހަގީގަތެއް ބަދަލެއް ނުކުރެވޭނެއެވެ. މިއަދު ފާސްކޮށްފައިވާ މީޑިއާ ކޮމިޝަންގެ ބިލާއި، ނޫސްވެރިންނަށް އަދަބު ދެވޭ ގޮތަށް ހަދާފައިވާ ގާނޫނުތަކަކީ، އެ ދުވަހު ހުޅުމާލޭގެ ކޮފީ މޭޒުމަތީގައި އެ ތަޖުރިބާކާރު ނޫސްވެރިޔާކުރި އިންޒާރުގެ ތެދުކަން ސާބިތުކޮށްދޭ ކަންކަމެވެ.