ދައުލަތުގެ ބަޖެޓުން ސިއްހީ ދާއިރާއަށް އެންމެ ބޮޑު އިސްކަމެއް ދީގެން ރެކޯޑު އަދަދަކަށް ފައިސާ ކަނޑައެޅި ނަމަވެސް، އާންމު ރައްޔިތުންނަށް ބޭސް ނުލިބުމާއި ޑޮކްޓަރަށް ދެއްކުމުގައި ހުރި ތަކުލީފުތަކަށް ނިމުމެއް ނައީ ކީއްވެގެން ހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ގޮތުގައި، މި އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ސިއްހީ ދާއިރާ ތަރައްގީކުރުމެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ސިއްހީ ދާއިރާއަށް ޖުމުލަ 8.8 ބިލިއަން ރުފިޔާ (8،819.6 މިލިއަން ރުފިޔާ) ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން ހެލްތު މިނިސްޓްރީއަށް ކަނޑައެޅި 2،769.7 މިލިއަން ރުފިޔާގެ ބަޖެޓުން، މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 2،377.7 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައި ވަނީ 1،816.5 މިލިއަން ރުފިޔާއަށް ވާއިރު، މިދިޔަ އަހަރާ އަޅައި ބަލާއިރު މި އަހަރު ސިއްހީ ދާއިރާއަށް ކުރި ހޭދަ ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ބަޖެޓުން ކުރި ޖުމުލަ ހޭދަ އިތުރުވި ނަމަވެސް، ސިއްހީ ނިޒާމުގެ ފެންވަރު މަތިކުރުމަށް ކަނޑައެޅި އުމްރާނީ ތަރައްގީގެ ފައިސާއިން ޚަރަދުކޮށްފައި ވަނީ ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށް މި އަހަރަށް 814.7 މިލިއަން ރުފިޔާ ކަނޑައެޅިއެވެ. އެހެންނަމަވެސް، އޮގަސްޓު 13 ގެ ނިޔަލަށް އޭގެ ތެރެއިން ބޭނުންކޮށްފައި ވަނީ އެންމެ 232.0 މިލިއަން ރުފިޔާއެވެ. މާނައަކީ، ސިއްހީ ވަސީލަތްތައް ގާއިމުކުރުމަށް ކަނޑައެޅި ބަޖެޓުގެ 70 އިންސައްތައަށް ވުރެ ބޮޑު ބައެއް އެހާތަނަށް އޮތީ ބޭނުން ނުކުރެވިއެވެ.
ރައީސް މުއިއްޒާއި ހެލްތު މިނިސްޓަރު ގީލާ---މި ބޮޑު ހޭދައިގެ މަންފާ އާންމުންނާ ހަމައަށް ނުފޯރާކަމުގެ އެންމެ ބޮޑު ހެއްކަކީ، އަސާސީ ބޭސްތައް ނުލިބުމާއި ރާއްޖެއިން ބޭރުން ބޭސް ގެންނަން ޖެހުމުގެ ޝަކުވާތައް އިތުރުވުމެވެ. އާންމުންގެ އެތައް ބަޔަކު ބުނާ ގޮތުގައި، ކޮންމެހެން ބޭނުންވާ ބޭސްތައް ނުލިބޭތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. ކުރިން އެއް މަސްދުވަހަށް ބޭސް ދޫކުރި ނަމަވެސް، ސްޓޭޓް ފާމާ އުފެއްދި ފަހުން ހާލަތު އިތުރަށް ގޯސްވެ، މިހާރު ބޭސް ދޫކުރަނީ އެންމެ ދެ ހަފުތާއަށްވާ ވަރަށް ކަމަށް ބައެއް މީހުން ބުނެއެވެ.
"އަހަރެން ބައްޕަ ލޭމައްޗަށް ދާތީ ކާ ބޭސް ނުލިބޭ. މިއީ ބޮޑު ވަރެއްނު ގައުމެއްގެ ނިސްބަތުން،" 36 އަހަރުގެ ޒުވާނަކު ޝަކުވާ ހިއްސާ ކުރަމުން ބުންޏެވެ.
މިއީ އެންމެ މީހެއް، ދެ މީހެއްގެ ޝަކުވާއެއް ނޫނެވެ. ކެންސަރުގެ ފަހު ސްޓޭޖުގައި ފަރުވާ ހޯދަމުންދާ މަންމައެއްގެ ކީމޯތެރަޕީއަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ބޭހެއް ރާއްޖެއިން ނުލިބިގެން، ފުރާނައަށް ނުރައްކާވާ ހާލަތަށް ދިޔަ ކަމަށް ބުނެ ޒުވާނަކު ވަރަށް ފަހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ހިންގި 'ހާލު ކިހިނެއް؟' ޕްރޮގްރާމުގެ ދަށުން 17 އަތޮޅެއްގެ ގޭބިސީތަކަށް ކުރި ޒިޔާރަތްތަކުގައި ވެސް، ރާއްޖެއިން ބޭރުން ބޭސް ގެނައުމާއި ބޭސްފަރުވާއަށް މާލީ އެހީ ހޯދުމުގައި ދިމާވާ ދަތިތަކުގެ ޝަކުވާ އާންމުން ފުލުފުލުގައި ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ބޭހުގެ ދަތިކަން ކުރިމަތިވާ މައިގަނޑު ސަބަބުތައް ސާފުކޮށްދެއްވަމުން ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެފައި ވަނީ، ރާއްޖޭގެ ބޭހުގެ ބާޒާރުގެ 70 އިންސައްތަ އަމިއްލަ ފަރާތްތަކުން ކޮންޓްރޯލްކުރާއިރު، އެސްޓީއޯގެ ހިއްސާއަކީ އެންމެ 30 އިންސައްތަ ކަމަށެވެ. އަދި ރާއްޖޭގެ އާބާދީ ކުޑަވުމުން ބޭސް އުފައްދާ ކުންފުނިތަކުގެ ޝައުގުވެރިކަން ކުޑަވެ، ބޭނުންވާ އަދަދަށް ބޭސް ހޯދުމަށާއި ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ދެނެގަތުމަށް ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ހާމަވި ގޮތުގައި، ކުންފުނީގެ ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް އޮފިޝަލުންނަށް ފެނުނު ނަމަވެސް، ޑޮކްޓަރުންނާއި ހޮސްޕިޓަލްތަކަށް އެ މައުލޫމާތު ފެންނަން ނުހުންނާތީ ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. މި މައްސަލަ ހައްލުކުރުމަށް އުފެއްދި ސްޓޭޓް ފާމާއިން އަސާސީ ބޭހުގެ 300 އަށް ވުރެ ގިނަ ބެޗް އެތެރެކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގީލާ އަލީ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އެޕްރީލް އެކަކުން ފެށިގެން 24 ގަޑިއިރުގެ ކޯލް ސެންޓަރަކާއި ޕޯޓަލެއް ގާއިމުކޮށް، 54 ބާވަތެއްގެ ބޭސް ގިނަ އަދަދަކަށް ގެންނަން ފަށާފައިވާ ކަމަށް ސްޓޭޓް ފާމާއިން ބުނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދިރާސާ ރިޕޯޓަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ 535 ބޭހުގެ ތެރެއިން އެ ޖަމިއްޔާގެ މިންގަނޑަށް ފެތެނީ އެންމެ 243 ބޭސް ނުވަތަ 45 އިންސައްތައެވެ. އަދި އަސާސީ ބޭސް އެކަނި ލިޔެދިނުމަށް ޑޮކްޓަރުންނަށް ލާޒިމުކުރާނެ ނިޒާމެއް ނެތުމާއި، ބޭހުގެ އަގު ކޮންޓްރޯލްކޮށް ސްޓޮކް ބެލެހެއްޓޭނެ ހަރުދަނާ އުސޫލެއް ނެތުމަކީ ސިއްހީ ވެލްފެއާ ނިޒާމުގެ ޚަރަދު ބޮޑުވާ މައިގަނޑު ސަބަބެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވެއެވެ.
ބޭހުގެ ތަދުމަޑުކަމުގެ އިތުރުން، ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް ދިގު އިންތިޒާރެއް ކުރަން ޖެހުމަކީ ވެސް ސިއްހީ ނިޒާމުގައި އޮތް ބޮޑު މައްސަލައެކެވެ. މާލޭ ސިޓީ ކައުންސިލްގެ މެންބަރު އަހްމަދު ގާލިބު ވިދާޅުވި ގޮތުގައި، އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް އެތައް މަހެއް ވަންދެން ކިއުގައި ތިބެން ޖެހުމުގެ ސަބަބުން، ބޮޑު އަގުގައި އަމިއްލަ ތަންތަނުން ފަރުވާ ހޯދުމަށް ރައްޔިތުންނަށް ވަނީ މަޖުބޫރުވެފައެވެ. މިއީ އާންމުން ތަހައްމަލުކުރަމުންދާ ޒަމާންވީ ވޭނެކެވެ.
"އަހަރެން އަންހެނުން ކެންސަރު ކަމަށް މިކޮޅުން ޝައްކު ކުރާތީ ކެންސަރު ހުރިތޯ ބަލަން ހަދަން ޖެހޭ ޓެސްޓް ހެދުމަށް ހުޅުމާލޭ ހޮސްޕިޓަލްގައި ނަން ނޯޓް ކޮށްފައި ލަސްވާތީ އިންޑިއާއަށް ދިޔައީ. އިންޑިއާގައި ތިން މަސް ކޮށްފައި، އެކަހަލަ އެއްކަމެއް ވެސް ނެތްކަން ޔަގީން ކޮށްފައި ރާއްޖެ އައިސް ދަރިންކޮޅު ބަލައި ރަށުގައި އުޅެނިކޮށް ހޮސްޕިޓަލުން ގުޅީ ޓެސްޓް ހަދަން ނަންބަރު ޖެހިގެން. އެ ހާލުގައި މި ގައުމު މިއޮތީ،" ޒުވާނަކު އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ.
ހެލްތު މިނިސްޓަރު ގީލާ -- ފޮޓޯ: ރައީސް އޮފީސްމިފަދަ ލަސްވުންތަކުގެ ސަބަބުން ރާއްޖެއިން ބޭރަށް ފަރުވާއަށް ދާންޖެހޭ މިންވަރު އިތުރުވެ، އަމިއްލަ ޖީބުން ކުރަންޖެހޭ ހޭދައާއި އާސަންދަ ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހެއެވެ. ޚާއްސަ ފަރުވާތައް ރާއްޖޭގައި ފުޅާކުރުމުން 2023 އިން 2025 ގެ ނިޔަލަށް އާސަންދައިގެ ދަށުން ބޭރަށް ފޮނުވި ބަލި މީހުންގެ އަދަދު ކޮންމެވެސް މިންވަރަކަށް ދަށްވި ނަމަވެސް، ކެންސަރު ބައްޔަށް ފަރުވާ ހޯދަން ބޭރަށް ދާ މީހުން އިތުރުވާތީ ޖުމުލަ ޚަރަދު ކުޑަ ނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ، މި އަހަރަށް އާސަންދައަށް ކަނޑައެޅި ދެ ބިލިއަން ރުފިޔާގެ ތެރެއިން ސެޕްޓެންބަރު 24 ގެ ނިޔަލަށް 1.7 ބިލިއަން ރުފިޔާ ޚަރަދުވެފައިވުމެވެ. މިއީ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ 330 މިލިއަން ރުފިޔާގެ އިތުރުވުމަކަށް ވާއިރު، އަހަރުގެ ބާކީ އޮތް މުއްދަތަށް ބަޖެޓުގައި ބާކީ އޮތީ އެންމެ 300 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ސިއްހީ ޚިދުމަތްދޭ ރާއްޖެއާއި ބޭރުގެ ތަންތަނަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ނުދެއްކި ގިނަ ދުވަސްވުމަކީ ވެސް ޚިދުމަތްތަކަށް ބުރޫއަރާ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހާމަކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ރާއްޖެއާއި ބޭރުގެ ހޮސްޕިޓަލްތަކަށާއި ކްލިނިކްތަކަށް އަދި ފާމަސީތަކަށް އާސަންދައިން ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ 1.15 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ސިއްހީ އެހީގެ ގޮތުގައި އެކި ތަންތަނަށް ދައްކަންޖެހި، ނުދައްކައި އޮތް އަދަދު 662 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.
ރާއްޖެއިން އެކަށީގެންވާ ފަރުވާ ނުލިބިގެން އިންޑިއާއާއި ސްރީލަންކާ ފަދަ ގައުމުތަކަށް ދާންޖެހޭ ދިވެހިން، ދަތުރުފަތުރާއި ހުރުމުގެ ޚަރަދުތަކުގެ އިތުރުން ބޭރު ފައިސާ ހޯދުމުގައި ވެސް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހެއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އާސަންދައާއި އެންސްޕާގެ ދަށުން ބޭސްފަރުވާއަށް ދާ މީހުންނަށް 2،000 ޑޮލަރު އަދި އަމިއްލަ ހަރަދުގައި ދާ މީހުންނަށް 1،000 ޑޮލަރު ދޫކުރުމަށް ކަނޑައެޅި ނަމަވެސް، އަމިއްލަ ޚަރަދުގައި ދާ މީހުންނަށް ޑޮލަރު ލިބެނީ ބޭރުގެ ހޮސްޕިޓަލުގެ އެޕޮއިންޓްމަންޓް ލިޔުން ވެސް ހުށަހެޅުމުންނެވެ.
ސިއްހީ ޚިދުމަތްތަކާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އަމިއްލަ ޖީބުން ކުރަންޖެހޭ ހޭދަ ބޮޑުވެ، އާންމުންގެ އެހީއަށް އެދި ސަލާންޖަހަން ޖެހޭ މިންވަރު އިތުރުވެ ރައްޔިތުން ގޮތްހުސްވާ ހިސާބަށް ގޮސްފައިވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު، ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ވެސް ވަނީ ރައްޔިތުން ބޭސްފަރުވާއަށް ސަލާންޖަހަން ޖެހޭ ހާލަތަށް ނިޒާމު ވެއްޓިފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ހުރިހާ މައްސަލަތަކެއްގެ މޫ ގުޅިފައި ވަނީ ރާއްޖޭގެ ސިއްހީ ނިޒާމު މާލެއަށް ތޮއްޖެހިފައި އޮތުމާއެވެ. ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްތަކަށް އެކަށީގެންވާ އިންވެސްޓްމަންޓް ކުރެވިފައި ނެތުމުން، މަތީ ފެންވަރުގެ ފަރުވާ ހޯދުމަށް އަތޮޅުތަކުން މާލެއަށް އަދި އެއަށްފަހު ރާއްޖެއިން ބޭރަށް ދާން މަޖުބޫރުވެއެވެ. ނަތީޖާއެއްގެ ގޮތުން މާލޭގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، އޯޕީޑީއާއި ޑަޔަގްނޯސްޓިކް ޓެސްޓުތަކުގެ ކިއު ދިގުވެފައިވާތީ، ޚިދުމަތް ދޭ ވަގުތާއި އެޕޮއިންޓްމަންޓް ލިބޭ މުއްދަތު ފަދަ މިންގަނޑުތައް (ކޭޕީއައިތައް) ކަނޑައަޅައިގެން ހައްލު ހޯދުމަށް އައިޖީއެމްއެޗްގެ އޮނިގަނޑުގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، ދުރާލައި ބަލިތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ދެކޮޅުނުޖެހުން ވެސް ސިއްހީ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައެވެ. ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތައަކީ ކެންސަރާއި ހިތުގެ ބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ. އަދި ރާއްޖޭގެ އާބާދީގެ 26 އިންސައްތަ (113،414 މީހުން) ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. މި މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ސިނގިރޭޓަކުން ނަގާ ޑިއުޓީ 3.30 ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކުރި ނަމަވެސް، އޭގެ ނަތީޖާއަކަށްވީ ގާނޫނީ އިމުގެ ތެރެއިން ސިނގިރޭޓު އެތެރެކުރާ މިންވަރު ދަށްވެ، ވަގަށް ސިނގިރޭޓު އެތެރެކުރުން އިތުރުވުމެވެ. ޑިއުޓީ ބޮޑުކުރުމުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ ތެރެއިން ވެސް ލިބުނީ އެންމެ 61 އިންސައްތައެވެ. މިއާއެކު، ސަރުކާރުން ވަނީ އެ ސިޔާސަތު ބަދަލުކޮށް ސިނގިރޭޓުގެ ޑިއުޓީ އަލުން ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކޮށް ތަސްދީގުކޮށްފައެވެ. ޑިއުޓީ ދެގުނަ ކުޑަކުރަން ނިންމީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ވޯލްޑް ބޭންކުގެ 'ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު' ގައި ބަޔާންކޮށްފައިވާ ގޮތުގައި، މެދުފަންތީގެ އެހެން ގައުމުތަކާ އަޅައި ބަލާއިރު ރާއްޖެއިން ސިއްހީ ދާއިރާއަށް ކުރާ ހޭދަ ބޮޑު ނަމަވެސް، އޭގެ ނަތީޖާ އެކަށީގެންވާ މިންވަރަށް ވުރެ ދަށެވެ. މީގެ މައިގަނޑު ސަބަބަކީ ދާއިރާއަށް ބޭނުންވާ ތަމްރީނު ލިބިފައިވާ ދިވެހި ޚިދުމަތްތެރިން މަދުވުމެވެ. ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ 64 އިންސައްތަ އަދި ނަރުހުންގެ 41 އިންސައްތައަކީ ބިދޭސީންނެވެ. ބިދޭސީ މުވައްޒަފުން ވަޒީފާގައި ދެމިތިބޭ މުއްދަތު ކުރުވުމާއި، ބަލިތަކުން ރައްކާތެރިވުމަށާއި ޕްރައިމަރީ ހެލްތުކެއާއަށް ކުރާ ހޭދަ ކުޑަވުމުގެ އިތުރުން، ހަރުދަނާ ރިފަރަލް ނިޒާމެއް ނެތުމުން އަތޮޅުތަކުގެ ބަލިމީހުން ސީދާ މާލޭގެ ޓާޝަރީ ހޮސްޕިޓަލްތަކަށް އަންނަން ޖެހޭ ކަމަށް ޑަބްލިއުއެޗްއޯއިން ބަޔާންކޮށްފައިވެއެވެ.