އިސްލާމްއާބާދުގެ މިސްކިތަކަށް މިދިޔަ ހުކުރު ދުވަހުގެ ހުކުރު ވަގުތު ދިން ޓެރަރިސްޓް ހަމަލައަކީ އިންސާނިއްޔަތާ ޚިލާފު ދަށުދަރަޖައިގެ އަމަލެއްކަމަށް ދިވެހި ސަރުކާރުން މިރޭ ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އިސްލާމްއާބާދުގެ ތަރްލާއީ ސަރަހައްދުގައި ހުންނަ މިސްކިތަކަށް ހުކުރު ނަމާދު ވަގުތު ދިން އަނިޔާވެރި ހަމަލާއަކީ އިންސާނިއްޔަތާއި، ދީނާއި، އަދި އަހުލާގީ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފު، ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.
މި ހާދިސާގައި މައުސޫމް އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ ބަޔަކު ޒަހަމްވެފައިވާތީ، ދިވެހި ސަރުކާރުން ވަނީ އެކަމުގެ ހިތާމަ ފާޅުކޮށްފައެވެ. އަދި މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ރައްދުކުރާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، މި ހަމަލާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފޮނުވައި، ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް ދިވެހި ސަރުކާރުން ވަނީ އެދިފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޓެރަރިޒަމްގެ އެންމެހައި އަމަލުތަކަކީ ދިވެހިރާއްޖެއިން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށެވެ. ވަކިން ޚާއްސަކޮށް، މާތްވެގެންވާ އަޅުކަންކުރާ ތަންތަނަށް އަމާޒުކޮށް ދޭ މިފަދަ ފިނޑި ހަމަލާތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫންކަން ސަރުކާރުން ވަނީ ތަކުރާރުކޮށްފައެވެ.
މި ދަތި ވަގުތުގައި ދިވެހިރާއްޖެ އޮތީ ޕާކިސްތާނާ އެކު ސާބިތުކަމާއެކު ކަމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އޮންނާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެއްސް) އިން ވަނީ ނަގައިފައެވެ.
ޖުމްލަ 31 މީހުން މަރުވެ 169 މީހުން ޒަޚަމްވި އެ ހާދިސާއަކީ އިންޑިއާއި އަފްޣާނިސްތާނުން ބައިވެރިވެގެން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވަނީ ވިދާޅުވެފައެވެ. އެ ހަމަލާގައި ބައިވެރިވި ޓެރަރިސްޓް އަފްޣާނިސްތާނަށް ދަތުރުކުރިކަން ސާބިތުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އިންޑިއާއިން ފަހުން ވަނީ، އަމިއްލައަށް މަރުވެގެން ދިން ހަމަލާ ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ.
އެ ހަމަލާގެ ޒިންމާ އައިއެސް އިން ނަގާފައި ވަނީ ހަމަލާ ދިން ކަމަށް ބުނާ މީހާގެ ނަމާއި ފޮޓޯ ހިމަނައިގެން ނެރުނު ބަޔާނެއްގައެވެ.
ބޮން ގޮއްވާލާފައިވަނީ އިސްލާމްއާބާދުގެ ތަރްލައި ކަލާން ސަރަހައްދުގައި ހުންނަ ޚަދީޖާތުލް ކުބްރާ މިސްކިތުގައެވެ.