ޖަލުން ދިރިހުންނަވައިގެން ނުކުމެވަޑައިނުގެންނެވިދާނެ ކަމަށް ވިދާޅުވެ، އަވަސް ފަރުވާއަށް ޢިމްރާން ޚާން އެދިވަޑައިގެންފި

އަވަސް ސިއްހީ ފަރުވާ ދިނުމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން އެދިވަޑައިގެންފިއެވެ.

އޭނާގެ ގާނޫނީ ވަކީލު ސަލްމާން ސަފްދަރު އާންމުކުރެއްވި ސިޓީއެއްގައި ޢިމްރާން ޚާން ވިދާޅުވީ، އޭނާއާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީގެ ސިއްހީ ހާލަތު ދަށްވަމުންދާ ކަމަށެވެ. އަދި އުމުރުން 74 އަހަރުގައި، މި ދަތި ހާލަތުގެ ސަބަބުން ދިރިހުންނަވައިގެން އެނބުރި ވަޑައިނުގެންނެވޭނެ ފަދަ ހިސާބަކަށް ކަންތައްތައް ދާ ކަމަށް ވެސް އެ ސިޓީގައި އޭނާ ވިދާޅުވެފައިވެއެވެ.

ޖަލުގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު ނޭޅުމުގެ ސަބަބުން ޢިމްރާން ޚާން ހާންގެ ކަނާތު ލޮލުގެ ފެނުން ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. ޢިމްރާން ޚާން ހާންގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، އޭނާގެ ހިތަށް މިހާރު ވެސް ގެއްލުންވެފައިވާ ކަމަށާއި، ސިކުނޑިއަށް ލޭ އެޅުމާއި ހާޓް އެޓޭކެއް ޖެހުމުގެ ބޮޑު ނުރައްކަލެއް އެބައޮތް ކަމަށް ޑޮކްޓަރުން ވަނީ އޭނާ ގާތު ވިދާޅުވެފައެވެ.

މީގެ އިތުރުން، މިދިޔަ އޭޕްރީލް މަހު ބުޝްރާ ބީބީގެ ލޮލުގެ ރެޓިނާއަށް ގެއްލުންވެ، ސިއްރިޔާތުގައި އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި، އިތުރު އޮޕަރޭޝަނެއް ނުކޮށްފި ނަމަ އަނބިކަނބަލުންގެ ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޢިމްރާން ޚާން ހާން އިތުރަށް ވިދާޅުވި ގޮތުގައި، ދުވާލަކު 22 ގަޑިއިރު ވަންދެން އޭނާ ބަހައްޓާފައި ހުންނަނީ އެކަހެރިކޮށް ބަންދުކޮށްފައެވެ. އެ ތަނުގައި އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތާއި، ފޮތް ކިޔުމާއި ޓީވީ ބެލުމުގެ ފުރުސަތު ވެސް ނުދޭ ކަމަށާއި، އޭގެ ސަބަބުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަކީލުންނާ ބައްދަލުކުރެވުނީ އެންމެ ހަތަރު ފަހަރު ކަމަށާއި، ގިނަ މައްސަލަތަކެއްގައި ގާނޫނީ ގޮތުން ކުރިމަތިލައްވަމުން ގެންދެވި ނަމަވެސް، ނިޒާމުގެ ތެރެއިން އިންސާފު ލިބުން ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުށެއް ނެތްކަން ސާބިތުކޮށްދެއްވޭނީ ދިރިހުންނެވިއްޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އިސްލާމްއާބާދުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ކޮންމެ ހަފުތާއަކު ޑޮކްޓަރުން ޢިމްރާން ޚާން ހާން ބައްލަވައެވެ. އަދި އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅުއްވާފައެވެ. މިދިޔަ ހަފުތާ އަންގާރަ ދުވަހު ލޮލަށް އިންޖެކްޝަނެއް ޖެހުމަށް ސަރުކާރު ހޮސްޕިޓަލަކަށް އޭނާ ގެންދިޔަ ކަމަށާއި، އެ ތަނުގެ ޑޮކްޓަރުން ވެސް އޭނާގެ ހާލަތު ރަނގަޅު ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ޕާކިސްތާނުގެ ޕާލިމެންޓަރީ އެފެއާޒް މިނިސްޓަރު ތާރިގް ފަޒަލް ޗައުދަރީ ވަނީ ޢިމްރާން ޚާން ހާންގެ ވާހަކަތައް ދޮގުކުރައްވާފައެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަމިއްލަފުޅަށް ބޭނުންފުޅުވާ ކާބޯތަކެތި ހިމެނޭ ގޮތަށް ޖަލުގައި ހުރިހާ ހިދުމަތެއް ޢިމްރާން ޚާން ހާނަށް ފޯރުކޮށްދޭ ކަމަށާއި، އޭނާއަކީ މިވަގުތު ޕާކިސްތާނުގައި ހުންނެވި އެންމެ ރަނގަޅަށް ކަންތައްތައް ހަމަޖައްސައިދީފައިވާ ގައިދީ ކަމަށެވެ.

ކޮރަޕްޝަނާއި ދައުލަތުގެ ހަދިޔާ ވިއްކުމުގެ ތުހުމަތުތައް ހިމެނޭހެން އޭނާއާއި އަނބިކަނބަލުންނާ ދެކޮޅަށް އުފުލާފައިވާ 100 އަށް ވުރެ ގިނަ ދައުވާއަކީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ދައުވާތަކެއް ކަމަށް ޢިމްރާން ޚާން ހާން ވިދާޅުވެއެވެ.

ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަމާއި 2018 އިން 2022 އަށް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި ޢިމްރާން ޚާން ހާން ޖަލުގައި ހުންނަވަނީ އޮގަސްޓް 2023 އިން ފެށިގެންނެވެ. އަދި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީ ވެސް ވަނީ މިދިޔަ އަހަރު ޖަލަށް ލާފައެވެ.

ޢިމްރާން ޚާން ހާން މޭ 2023 ގައި ހައްޔަރުކުރުމާ ގުޅިގެން އޭނާގެ ސަޕޯޓަރުން ނުކުމެ، ލާހޯރުގައި ހުންނަ ކޯޕްސް ކޮމާންޑަރުގެ ގެކޮޅަށް ވަދެ ތަކެއްޗަށް ގެއްލުންދީ ހިންގި ބޮޑެތި ހަމަނުޖެހުންތަކުގައި މަދުވެގެން އަށް މީހުން މަރުވެ، ސިފައިން ނެރެން ޖެހުނެވެ. މީގެ އިތުރުން، ޢިމްރާން ޚާން ހާން ދޫކޮށްލުމަށް އެދި މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅު އެތައް ހާސް ސަޕޯޓަރުންނެއް މަގުތަކަށް ނުކުމެ ދިގު މުޒާހަރާތަކެއް ކުރުމުން، ކަމާބެހޭ ފަރާތްތަކުން ވަނީ އެކަން ހުއްޓުވައި އޭނާގެ ޕާޓީގެ ބާރު ގަދަ ހައިބަރު ޕަހްތޫންހުވާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި ޢިމްރާން ޚާން ހާނަށް އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމަށް އެދި، ބައިނަލްއަގުވާމީ ކްރިކެޓް ޓީމުތަކުގެ ކުރީގެ ކެޕްޓަނުން ވެސް ވަނީ ފާއިތުވި މަސްތަކުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް އެތައް ފަހަރަކު އިލްތިމާސްކުރައްވާފައެވެ.

comment ކޮމެންޓް