ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ މިސްކިތެއްގައި އިއްޔެގެ ހުކުރު ވަގުތު ދިން ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެއްސް) އިން ނަގައިފިއެވެ.
ޖުމްލަ 31 މީހުން މަރުވެ 169 މީހުން ޒަޚަމްވި އެ ހާދިސާއަކީ އިންޑިއާއި އަފްޣާނިސްތާނުން ބައިވެރިވެގެން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވަނީ ވިދާޅުވެފައެވެ. އެ ހަމަލާގައި ބައިވެރިވި ޓެރަރިސްޓް އަފްޣާނިސްތާނަށް ދަތުރުކުރިކަން ސާބިތުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އިންޑިއާއިން ފަހުން ވަނީ، އަމިއްލައަށް މަރުވެގެން ދިން ހަމަލާ ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ.
އެ ހަމަލާގެ ޒިންމާ އައިއެސް އިން ނަގާފައި ވަނީ ހަމަލާ ދިން ކަމަށް ބުނާ މީހާގެ ނަމާއި ފޮޓޯ ހިމަނައިގެން ނެރުނު ބަޔާނެއްގައެވެ.
ބޮން ގޮއްވާލާފައިވަނީ އިސްލާމްއާބާދުގެ ތަރްލައި ކަލާން ސަރަހައްދުގައި ހުންނަ ޚަދީޖާތުލް ކުބްރާ މިސްކިތުގައެވެ.

ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާގައި ޒަޚަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ. ފޮޓޯ/އޭއެފްޕީ
އައިއެސް އިން ހަމަލާގެ ޒިންމާ ނެގީ އެ ޖަމާއަތުގެ "ޕާކިސްތާން ޕްރޮވިންސް" ގޮފީގެ ނަމުގައި އެ ޖަމާއަތުގެ ޓެލެގްރާމް ޗެނަލްތައް މެދުވެރިކޮށެވެ. އައިއެސްގެ އަމާކް "ނޫސް އެޖެންސީ" އިން ނެރުނު ބަޔާނެއްގައި އިތުރަށް ބުނެފައިވާ ގޮތުގައި އައިއެސް އިން ހަމަލާދިން މީހާ ދިޔައީ ޝަހުޒާދު ސަރަހައްދުގެ ތަރުލައި ޑިސްޓްރިކްޓްގެ މިސްކިތަށެވެ. އެތަނުގައި ތިބި ގާޑުން އޭނާ ހުއްޓުވަން މަސައްކަތްކުރުމުން އެމީހުންގެ ގަަޔަށް ބަޑިޖަހައި ޒަޚަމްކޮށްލުމަށްފަހު މިސްކިތުގެ ގޯތި ތެރެއަށް ވަނީ ކަމަށް ބުނެފައިވެއެވެ. ބޮން ގޮއްވާލީ އޭގެފަހުންނެވެ.
އައިއެސް އިން ވަނީ ހަމަލާދިން މީހާއަކީ "ސައިފް الله އަލް އަންސާރީ" ކަމަށް ބުނެފައެވެ. އަދި މޫނު ނިވާކޮށްގެން ހަމަލާދިން ކަމަށް ބުނާ މީހާ ފެންނަ ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި ބަޔާނެއް ނެރުއްވާފައެވެ. އަދި އެ ހަމަލާ ކުށްވެރިކުރައްވައި އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވާލައްވާފައެވެ.

ޕާކިސްތާނުގައި އިއްޔެ ހަމަލާ ދިން ސަަރަހައްދު: އެ ހަމަލާގައި 31 މީހުން މަރުވެ، 169 މީހުން ވަނީ މަރުވެފައި. ފޮޓޯ/އޭޕީ
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވެސް ވަނީ އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައި ހަމަލާގެ ޒިންމާ އުފުލި މީހުން ދެނެގަނެ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައްވާފައެވެ.
އިސްލާމްއާބާދުގައި ހަމަލާތައް ދޭ މިންވަރު ނިސްބަތުން މަދު ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ދިން ހަމަލާއެއްގައި 12 މީހުން މަރުވެ 27 މީހުން ޒަޚަމްވެފައިވެއެވެ.