ރެކޯޑްތައް މުގުރަމުންދާ 'ދަރް-އެ-ނިޖާތު' ޑްރާމާ ސިލްސިލާއަށް އެޕިސޯޑުތަކެއް އިތުރުކުރަނީ

ޑްރާމާ ސިލްސިލާ "ދަރް-އެ-ނިޖާތު"ގެ މަންޒަރެއްގައި އެ ސިލްސިލާގެ ލީޑް ތަރިން ކަމަށްވާ ޝެހެރިޔާރު މުނައްވަރު އާއި ދުރް-އެ-ފިޝާން ސަލީމް--ފޮޓޯ/ފޭސްބުކް

ޕާކިސްތާނުގެ މަގުބޫލު ޑްރާމާ ސިލްސިލާ "ދަރް-އެ-ނިޖާތު"އަށް ބެލުންތެރިންގެ ފަރާތުން ލިބެމުންދާ އާދަޔާޚިލާފު ބޮޑު ތަރުހީބާއެކު، އެ ޑްރާމާއަށް އިތުރު ހަތަރު އެޕިސޯޑު އިތުރުކުރަން އުފެއްދުންތެރިން ނިންމައިފިއެވެ.

ޕާކިސްތާނުގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ "ރިވިއުއިޓް ޑޮޓް ޕީކޭ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރިން 38 އެޕިސޯޑަށްފަހު ނިންމާލުމަށް ރާވާފައި އޮތް މި ސިލްސިލާ މިހާރު 42 އެޕިސޯޑަށް ދިގުދަންމާލާނެއެވެ. އަދި ޑްރާމާއަށް ލިބެމުންދާ މަގުބޫލުކަން މިގޮތުގައި ދެމިއޮތްނަމަ، އިތުރު އެޕިސޯޑުތަކެއް ހިމެނުމާމެދުވެސް ޕްރޮޑަކްޝަން ޓީމުން ވިސްނަމުންދާ ކަމަށް އެ ނޫހުން ބުނެއެވެ.

ޑްރާމާގެ އެޕިސޯޑުތައް އިތުރުކުރުމަށް ނިންމި މި އައު ނިންމުން އާންމުންނާ ހަމައަށް ގެނެސްދިނީ ޑިޖިޓަލް މީޑިއާ ޕްރެޒެންޓަރު އަދި ޑްރާމާތައް ރިވިއުކުރާ ފަރާތެއް ކަމަށްވާ ސޯނިއާ ރާއޯ އޭނާގެ ވީލޮގް މެދުވެރިކޮށެވެ. ޑްރާމާ ނިމުމަކާ ގާތްވެފައިވާ ކަމަށް ހީކޮށް މާޔޫސްވެފައި ތިބި ބެލުންތެރިންނަށް އުފާވެރި ޚަބަރެއް ދެމުން އޭނާ ވަނީ، ވާހަކައިގެ މުހިންމު ބައިތަކެއް ހިމެނޭ އިތުރު އެޕިސޯޑުތަކެއް އަދިވެސް ކުރިއަށް ހުރިކަން ކަށަވަރުކޮށްދީފައެވެ. މި ޚަބަރާއެކު ޕާކިސްތާނު، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް އަދި މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި މި ޑްރާމާގެ ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު އުފާވެރިކަމެއް އުފެދިފައެވެ.

މި ނިންމުމާއެކު ސޯޝަލް މީޑިއާގައި ބެލުންތެރިންގެ ޚިޔާލުތައް ވަނީ ދެކަފިވެފައެވެ. އެއްބައި ސަޕޯޓަރުން މި ޑްރާމާގެ އެތައް ސަތޭކަ އެޕިސޯޑެއްވެސް ފޫހިކަމެއް ނެތި ބަލާނެ ކަމަށް ބުނަމުންދާއިރު، އަނެއްބައި ބެލުންތެރިން ވަނީ ބޭކާރު ގޮތުގައި ވާހަކަ ދިގުދަންމާލުމުގެ ބަދަލުގައި، ޑްރާމާގެ މިހާރުގެ އޮމާންކަމާއި ޝައުގުވެރިކަން އެގޮތުގައި ހިފެހެއްޓުމަށް ޕްރޮޑިއުސަރުންނަށް އިލްތިމާސްކޮށްފައެވެ.

ޑްރާމާ ސިލްސިލާ "ދަރް-އެ-ނިޖާތު"ގެ މަންޒަރެއް--ފޮޓޯ/އިންސްޓަގްރާމް

މަޝްހޫރު ލިޔުންތެރިޔާ އުމޭރާ އަޙްމަދު ލިޔެ، ސާޤިބް ޚާން ޑައިރެކްޓްކޮށްފައިވާ "ދަރް-އެ-ނިޖާތު" އަކީ ތްރީސް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ އުފެއްދުމެކެވެ. ޝެހެރިޔާރު މުނައްވަރު އާއި ދުރް-އެ-ފިޝާން ސަލީމް ލީޑް ރޯލުން ފެނިގެންދާ މި ޑްރާމާގައި ދައްކުވައިދެނީ، އެ ދެ ތަރިންގެ ދެމެދުގައި އުފެދޭ ގުޅުމާއި ދިރިއުޅުމުގެ ދަތުރުގައި ކުރިމަތިވާ ތަފާތު އަޑިގުޑަންތަކެވެ. އޭއާރްވައި ޑިޖިޓަލް ޗެނަލުން ދައްކަމުންދާ މި ޑްރާމާ އޭއާރްވައި ޕްލަސް އެޕް މެދުވެރިކޮށްވެސް ބަލައިލެވޭނެއެވެ.

"ބްލޮކްބަސްޓަ" ދަރަޖަ ހޯދާފައިވާ މި ޑްރާމާ ވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޓީވީ ރޭޓިންގްގައިވެސް އައު ރެކޯޑްތަކެއް ގާއިމުކޮށްފައެވެ. އެގޮތުން، ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކެއް އެއްކޮށްލުމުން ލިބުނު ޖުމްލަ ވިއުސްގެ އަދަދު 3.1 ބިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، ހަމައެކަނި ޔޫޓިއުބުންވެސް 1.5 ބިލިއަން ވިއުސް ވަނީ ހޯދާފައެވެ. މީގެ އިތުރުން ކޮންމެ އެޕިސޯޑަކަށް އެވްރެޖްކޮށް 51 މިލިއަން ޑިޖިޓަލް ވިއުސް ލިބެމުންދާއިރު، ޓެލެވިޒަން ރޭޓިންގް (ޓީއާރްޕީ)ގައިވެސް މި ޑްރާމާ ވަނީ 17.8ގެ އުސްމިނަކަށް ވާސިލުވެ، ޓީވީން ދައްކަމުންދާ ދުވަސްވަރު އެންމެ ގިނަ ބަޔަކު ބެލި ޕާކިސްތާނު ޑްރާމާތަކުގެ ލިސްޓުގެ ކުރިން ޖާގަ ހޯދާފައެވެ.

comment ކޮމެންޓް