މޯލްޑިވިއަނުން، ޕާކިސްތާނަށް ސީދާ ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ A320 ގެ މަތިންދާ ބޯޓެއް.... ފޮޓޯ/ މޯލްޑިވިއަން

ޕާކިސްތާނަށް ސީދާ ދަތުރުތައް ފެށުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު "ސަން" އަށް ބުނީ، އެ ގައުމަށް ދަތުރުތައް ފަށާނެ ސީދާ ތާރީހެއް އަދި ކަނޑައެޅިފައި ނުވާ ކަމަށާއި، ނަމަވެސް އަންނަ އަހަރުގެ މެދުތެރޭގައި ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މި ދަތުރުތައް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން، ޕާކިސްތާނުގައި ޖެނެރަލް ޕެސެންޖާ ސޭލްސް އޭޖެންޓް (ޖީއެސްއޭ) ގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތެއް ހޯދުމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އިއްޔެ ވަނީ ހުޅުވާލާފައެވެ. ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ބުނީ، އެ މަސައްކަތަށް ޝައުގުވެރިވާ، ކަމުގެ ގާބިލުކަމާއި ތަޖުރިބާ ހުރި ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

https://www.sun.mv/227941

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރުއެފްޕީ) ގައިވާ އުސޫލުތަކާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 23:59 އެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު މިހާރު ސީދާ ވައިގެ ދަތުރުތަކެއް ނުބާއްވައެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ނިންމަވާފައިވާކަން ވަނީ އިއުލާންކުރައްވާފައެވެ.

https://www.sun.mv/229422

މީގެ އިތުރުން، ޕާކިސްތާނުގެ ގައުމީ އެއާލައިން ކަމަށްވާ ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ފްލީޓަށް އާ ބޯޓުތައް އިތުރުވުމާ އެކު ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް އެ އެއާލައިންގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު މިދިޔަ ސެޕްޓެންބަރު މަހު ވިދާޅުވެފައިވެއެވެ.

ޕާކިސްތާނަށް ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވަމުން އަންނައިރު، މިހާރު ބައިނަލްއަގުވާމީ ދަތުރުތައް ބާއްވަނީ ޗައިނާ، އިންޑިއާ، ބަންގްލަދޭޝް، ތައިލެންޑް އަދި އޮސްޓްރޭލިއާއަށެވެ. އޭގެ ތެރޭގައި ޗައިނާގެ ބެއިޖިން، ޝަންހާއީ އަދި ޗެންގްދޫއާއި، އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމްގެ އިތުރުން، ބަންގްލަދޭޝްގެ ޑާކާއާއި، ތައިލެންޑުގެ ބެންކޮކް އަދި އޮސްޓްރޭލިއާގެ މެލްބަން ހިމެނެއެވެ.

comment ކޮމެންޓް