މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު، އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިޚާބާއެކު ބޭއްވުމުގެ ބަދަލުގައި ފަސްކުރުމަށް، ވެރިކަންކުރާ ޕީއެންސީ ފިޔަވައި ސިޔާސީ ބައެއް ޕާޓީތަކުން މިއަދު އެދިއްޖެއެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ރޭ ވަނީ، ލޯކަލް ކައުންސިލު އިންތިޚާބާއެކު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮލުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓު ނަގާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވެފައެވެ.
މިއަދު މަޖިލީހުގައި ވަނީ، މައި ދެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމަށް ބަންޑާރަނައިބުގެ އޮފީހާއި އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތައް ހާޒިރުކޮށްފައިވެއެވެ.
ވެރިކަންކުރާ ޕީއެންސީއާއި މައި އިދިކޮޅު އެމްޑީޕީވެސް ބައިވެރިވި މި ބައްދަލުވުމުގައި، އެމްޑީޕީއާއި ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ޕީއެންއެފުން ވަނީ، މައި ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހަށް ތާއީދުނުކުރާކަން ހާމަކޮށްފައެވެ.
އެގޮތުން އެމްޑީޕީގެ ފަރާތުން މި ބައްދަލުވުމުގައި ވާހަކަދެއްކެވި އެ ޕާޓީގެ ނައިބު ރައީސް ހިސާން ޙުސައިން ވިދާޅުވީ، ކައުންސިލު އިންތިޚާބުގެ ތެރެއަށް މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ޚިޔާލު ހޯދުމުގެ ވޯޓު ލުމުގެ މައިގަނޑު ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެއާއެކު، އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރުމަކީ އެއްގޮތަކަށްވެސް ކުރެވިގެން ވާނެ ކަމެއްނޫން ކަމަށް، ހިސާން ވިދާޅުވިއެވެ.

އެމްޑީޕީއާއި ޕީއެންސީގެ ފަރާތުން ކޮމިޓީގައި: އެމްޑީޕީން ވަނީ އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނެފައި -- ފޮޓޯ/ މަޖިލިސް
ޙިސާން ވިދާޅުވީ، މި އިސްލާހާ ގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ދޭން ޖެހޭ ކަމަށެވެ.
ޕީއެންއެފްގެ ފަރާތުން، ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ޢަލީ ޝާހާއި އާދަމް ޢާޞިފް ވިދާޅުވީ، މައި ދެ އިންތިޚާބު އެއްކޮށްލުމަށް ހުށަހެޅި އިސްލާހުގެ ސަބަބުން ގައުމުގެ މިސްރާބު ހުރީ ހުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ކަން އެނގޭ ކަމަށެވެ. އެ ޕާޓީން ވަނީ، އެ އިސްލާޙު އަނބުރާ ގެންދިއުމަށް ގޮވާލައިފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ އަމީންޢާންމު ޙުސައިން ޒިނާޙް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލާ އިސްލާހަށް އެ ޕާޓީން ތާއީދުކުރާ ކަމަށެވެ.

އަދާލަތު ޕާޓީގެ ފަރާތުން ކޮމިޓީގައި: ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ކުރިން ވަގުތު ދިނުމަށް އެދުނު -- ފޮޓޯ/ މަޖިލިސް
"އެކަމަކު މި ކުރިއަށް އޮތް އިންތިޚާބުގެ ބަދަލުގައި މިކަހަލަ އިސްލާހުތައް ގެންނަންވާނީ ރައްޔިތުންނާއި އަދި ޕޮލިޓިކަލް ޕްރޮސެސްއަށް ވަގުތު ދީގެން، އެހެންވީމާ ކުރިއަށް އޮތް އިންތިޚާބުގެ ބަދަލުގައި ދެން އަންނަ އިންތިޚާބަކަށް މި ބަދަލު ގެނައުމަށް ރަނގަޅު،" ޒިނާޙް ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ވާހަކައަށް ތާއީދުކުރައްވައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރަޖިސްޓްރާ މުޙައްމަދު ޢުމަރު ވިދާޅުވީ، ރައްޔިތުން ހޭލުންތެރިކޮށް ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ވަގުތު ބޭނުންވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބާއެކު، ޚިޔާލު ހޯދުމުގެ ވޯޓު ނަގަން ބަލާއިރު، އެކަމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތެއް ނެތް ކަމަށެވެ.

އެމްޑީއޭގެ ރަޖިސްޓްރާ މުޙައްމަދު ޢުމަރު ވިދާޅުވީ، ރެފަރެންޑަމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރަން ވަގުތު ބޭނުންވާ ކަމަށް -- ފޮޓޯ/ މަޖިލިސް
މިއަދު އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަނައިބުގެ އޮފީހާއެކު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، އަންނަ ލޯކަލް ކައުންސިލު އިންތިޚާބާއި މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދާ ވޯޓު އެއްކޮށްލައިގެން ބޭއްވޭނީ، މިމަހުގެ 18ވަނަ ދުވަހުގެ ކުރިން ހުރިހާ މަރުހަލާއެއް ނިމުމުން ކަމަށެވެ.
މައި ދެ އިންތިޚާބު އެއްކޮށްލާ ވޯޓާއި ލޯކަލް ކައުންސިލު އިންތިޚާބު އެއްދުވަހެއްގައި ކުރިއަށްގެންދާގޮތަށް ގާނޫނު ފާސްކޮށްފިނަމަ، އިތުރު 20 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށާއި، ވަކިން ބާއްވާނަމަ އެ ވޯޓަށް 80 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.