އިދިކޮޅު އެމްޑީޕީގައި މިހާރު ވެސް ގިނައީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ކަމަށާއި އަންނަ ހުކުރު ދުވަހު އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީން ބޭނުން ބަޔަކު ހޮވައި، މުޅި އެމްޑީޕީގައި 'ފަނި އަޅުވާނެ' ކަމަށް، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު މުވައްޒަފުން ވަކި ޕާޓީއެއްގެ މެންބަރަކަށް ވުމަށް މަޖުބޫރުކުރުން ހުއްޓުވުމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ފަލާޙް ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށް ޕީއެންސީން އަބަދު ވެސް ލުއިދެމުން އަންނަ ކަމަށެވެ. އެމްޑީޕީގެ 13 މެންބަރުން ތިބީ އަޅުވެތިކޮށްފައިކަން ފަލާޙް ސިފަކުރެއްވިއެވެ.
"އެކަމަކު މި 13 މެންބަރުން މި އުޅެނީ އަނެއްހެން ބުނަންޏާމު މައި މަރުވެފައި އޮންނަ ކުކުޅެއް ދޮށުގައި އުޅުނު 13 ފިޔޮއްތަކެއް އުޅުނު ގޮތަށް،" ފަލާޙް ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ އެމްޑީޕީގެ 13 މަޖިލިސް މެންބަރުންނަށް ބޭނުންވާ ވާހަކައެއް ދެއްކުމުގެ ފުރުސަތު ވެސް ނޯންނަ ކަމަށެވެ.
ޕީއެންސީއަށް މެންބަރުން ވަންނަނީ މި ސަރުކާރުގެ ސިޔާސަތަށް ތާއީދުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ 25 ދުވަހުގެ ތެރޭ އެމްޑީޕީން 7،000 މެންބަރުން އެ ޕާޓީން ވަކިވެއްޖެ ކަމަށް ވިދާޅުވެ ފަލާޙް ވިދާޅުވިގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބަށްފަހު އަންނަ ހަފުތާގެ ތެރޭ އެމްޑީޕީން 10 ހާހެއްހާ މެންބަރުން މަދުވާނެއެވެ.
"މިހާރު ވެސް ގިނައިން ތިބޭނީ ޕީއެންސީ މެންބަރުން އެމްޑީޕީގަ، އެއީ އަޅުގަނޑުމެން ބޭނުންވާ ދިމާލަށް ފަނިފަކުސަ ފޮނުވަން ވައްދައިފައި ތިބި މީހުން އެއީ، ޕީއެންސީން ބޭނުން ބަޔަކު އެމްޑީޕީން ދާއިރާތަކަށް ހޮވާނީ މިފަހަރު ވެސް، ހުރިހާ ދިމައަކުން ފަނި އަޅުވާނަން ރައީސް، ހުރިހާ ދިމައަކުން،" އޭނާ ވިދާޅުވިއެވެ.