ކައުންސިލް އިންތިޚާބު އޮންނަ ދުވަހު ދެ އިންތިޚާބު އެއްކޮށްލާ ވޯޓު ނަގާނެ ކަމަށް ގަބޫލުކުރެވޭ: ފަލާހު

ޕީއެންސީގެ ޖަލްސާގައި ފަލާހު ވާހަކަދައްކަވަނީ -- ފޮޓޯ/ މޫސާ ނަދީމް

ލޯކަލް ކައުންސިލު އިންތިޚާބު އޮންނަ އޭޕްރީލް ހަތަރެއްގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮލުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓު ނަގާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު 28ގައި ފަލާހު ވަނީ، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން އިސްލާހު ހުށަހަޅުއްވާފައެވެ.

މިރޭ ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ކެމްޕެއިނު އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއަށް ފަހުގައި، ގާނޫނު އަސާސީއަށް ގެންނަ ބޭނުންވާ އިސްލާހު ގެނެވި، އެ ބަދަލު ތަސްދީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވޭނެ ކަމަށެވެ.

ރައީސް މުއިއްޒާއި ފަލާހުއާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޕީއެންސީގެ ޖަލްސާއެއްގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

އެގޮތުން، މިހާރު ހިނގަމުންދާ ދައުރުން ހަ މަސް ދުވަސް އުނިކޮށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވޭނެ ނިޒާމަކަށް ތައްޔާރު ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު އޮންނަ, އަންނަ އޭޕްރީލް ހަތަރެއްގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލާ އިސްލާހު ގެނައުމަށް ރައްޔިތުންގެ ވޯޓު ނެގިއްޖެނަމަ، ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފަލާހު ގަބޫލުކުރައްވައެވެ.

އެހެން ދުވަހެއްގައި އެ ކަން ކުރަން ޖެހިއްޖެނަމަ، ދައުލަތުގެ ބަޖެޓުން އިތުރަށް 80 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވެނީ، މި ގެންނަން މި އުޅޭ އިސްލާހު [ވޯޓު ނެގުން] އޭޕްރީލް ހަތަރު ވަނަ ދުވަހު އޮންނާނެ ކަމަށް. އެ އިސްލާހަކީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ތާއިދުކުރާ އިސްލާހެއްކަން އަޅުގަނޑުމެން މި ކުރި ދަތުރުތަކުން އެނގޭ

ވެރިކަންކުރާ ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް ޖުލައި 7، 2024ގައި ބޭއްވި ޖަލްސާގައި، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

https://sun.mv/217293

އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވަނީ ހާމަކުރައްވާފައެވެ.

ހަމައެއާއެކު މީގެ ކުރިން ސިޔާސީ ކަންކަމުގައި މާ ބޮޑަށް ޚިޔާލުފާޅުނުކުރައްވާ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަން އުޅެނީ ވެރިކަން ދިފާއުކުރުމަށްޓަކައި ކަމަށާއި، އެކަމަކީ އަމިއްލަ ދަހިވެތި ކަމުގައި ޤައުމާއި ރައްޔިތުން ފުން ވަޅު ގަނޑަކަށް ވައްޓާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް