ގުދަނުގައި އަލިފާން ރޯވުން: އިމާރާތުން ކަރަންޓު ކެނޑި، 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

އަލިފާނުގެ ހާދިސާގައި ގުދަނަށް ބޮޑެތި ގެއްލުންވެފައި: ގުދަން ހުރި އިމާރާތުން 21 މީހަކަށް ވަގުތީ ހިޔާވަހިކަން ވަނީ ދީފައި --- ފޮޓޯ: އެންޑީއެމްއޭ

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގުދަނެއްގެ ބޭރުގައި ހުރި ކުނިތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ގުދަން ހުރި އިމާރާތުގައި ދިރިއުޅޭ 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.

ރޭ މެންދަމު ކުނިތަކެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގީ ހުޅުމާލޭގެ ޗަނބޭލީ5 ގޯޅިތެރޭ ހުރި ލޮޓް ނަންބަރު 11154 ގޭގައި ހުރި ގުދަނެއްގައެވެ.

https://sun.mv/217408

އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ނުލިބުނު ކަމުގައިވިޔަސް، އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި، އެ ތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް، އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގެ ސަބަބުން، ގުދަން ހުރި އިމާރާތުން ވަނީ ކަރަންޓު އެއްކޮށް ކެނޑިފައެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، ހަ ފަންގިފިލާއަށް ހަދާފައި ހުރި އެ އިމާރާތުގެ ކަރަންޓު ޕެނަލް ހަލާކުވެ، މުޅި އިމާރާތުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެ އިމާރާތުގެ ދެ އެޕާޓްމަންޓެއްގައި ދިރިއުޅޭ 21 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިން ހަމަޖައްސައިދީފައިވާ ކަމަށް، އެ އިދާރާއިން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފަސްވަނަ ހިޔާ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ޓަވަރުގެ މައި ފާޚާނާ ހޮޅިއަށް ގެއްލުންވުމުގެ ސަބަބުން، 38 އެޕާޓްމަންޓަކުން 85 މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ދީފައެވެ.

https://sun.mv/217366

ހިޔާ ޓަވަރަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށް ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް އެޗްޑީސީއިން އިއްޔެ ވަނީ ބުނެފައެވެ.

comment ކޮމެންޓް