ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގުދަނެއްގެ ބޭރުގައި ހުރި ކުނިތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ގުދަނަށް ބޮޑެތި ގެއްލުން ވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވީ ހުޅުމާލޭގެ ޗަނބޭލީ5 ގޯޅިތެރޭ ހުރި ލޮޓް ނަންބަރު 11154 ގޭގައި ހުރި ގުދަނެއްގައި ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުނީ މެންދަމު 3:30 ހާއިރު ކަމަށާއި، ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިވާލެވުނީ 3:40 ހާއިރު ކަމަށް، އެމްއެންޑީއެފުން ބުންޏެވެ.

ކުނިތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ގުދަނަށް ބޮޑެތި ގެއްލުންވެފައި --- ފޮޓޯ: އެމްއެންޑީއެފް
ހާދިސާއާ ގުޅޭ މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައި ކަމަށާއި، އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި، އެ ތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
އަދި އެ ހާދިސާގެ ސަބަބުން ގުދަން ހުރި އިމާރާތުން ކަރަންޓު ކެނޑުމާ ގުޅިގެން ސަބަބުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.