ވަކި މުއްދަތެއް ނެތް ގޮތަށް، ހުޅުމާލެ ލަކުޑި ޖެޓީ ވަގުތީ ގޮތުން މިއަދު ބަންދުކޮށްފިއެވެ.
ހުޅުމާލެ ބަލަހައްޓާ, ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ، އެ ޖެޓީ ބަންދުކުރީ، ބާޖެއް ގާތް ކުރަން އުޅުމުގެ ތެރޭގައި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ ކަމަށެވެ.
އެހެންވެ، އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެސެސްމަންޓުތައް ހަދައި، މަރާމާތަށް ފަހު އަލުން ހުޅުވަންދެން ލަކުޑި ޖެޓީއަށް އެރުމަކީ މިއަދުން ފެށިގެން ވަގުތީ ގޮތުން މަނާ ކަމެއް ކަމުގައި އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ވަނީ، މަރާމާތުގެ މަސައްކަތް ނިމެންދެން އެއްވެސް ކަމަކަށް ލަކުޑީ ޖެޓީ ބޭނުންނުކުރުމަށް އެދިފައެވެ. ނަމަވެސް، ޖެޓީ ހުޅުވާނެ ވަކި ތާރީޚެއް އެޗްޑީސީން ހާމައެއް ނުކުރެއެވެ.
ވަގުތީ ގޮތުން، ލަކުޑި ޖެޓީ ބަންދުކުރިއިރު، އެއީ ހުޅުމާލެއަށް އަންނަ އެތައް ބަޔަކު ފުރުމަށް ބޭނުން ކުރާ ސަރަހައްދެކެވެ. އަދި، ކޮފީ ބުއިން ފަދަ ހިތް އުފާކޮށްލާ ފަދަ ކަންކަމުގައި ލަކުޑި ޖެ ޓީއަށް ޒިޔާރަތްކުރާ މީހުން ވެސް މަދެއް ނޫނެވެ.
ނަމަވެސް، ހުޅުމާލެއިން ފުރުމަށް އެހެން ސަރަހައްދެއް ހަމަޖެއްސި ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.