ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ އދ އާއި ކޮމަންވެލްތު އަދި ބޭރުގެ މާލީ އިދާރާތަކަށް ވެސް މިއަދު ހުށަހަޅައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ މިދިޔަ މަހު 26 ގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. އެއީ،
- ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު
- ފަނޑިޔާރު މަހާޒް އަލީ ޒާހިރު
- ފަނޑިޔާރު ހުސްނުއްސުއޫދު
އެކަމަކު، ސަސްޕެންޑުކޮށް ތިން ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް ބަލަމުން އަންނަނިކޮށް ސުއޫދު ވަނީ އިސްތިއުފާދެއްވައިފައެވެ.
ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ ބޭރުގެ އިދާރާތަކަށް ހުށަހެޅުއްވީ ސުއޫދެވެ.
އޭނާ މިއަދު 'ސަން'އަށް ވިދާޅުވީ، ފަނޑިޔާރުން ވަކިކުރި މައްސަލަ އދ އާއި ކޮމަންވެލްތަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި، އެ މައްސަލަ ބޭރުގެ މާލީ އިދާރާތައް ކަމަށްވާ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކާ ވެސް ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، އެ މައްސަލަ ހުށަހެޅުއްވީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ހިމާޔަތްކޮށް، ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރަން ކަމަށެވެ.
"އެކަން ކަށަވަރުނުވާނަމަ މި ޒަމާނުގައި ދައުލަތެއް ނުހިންގޭނެ. ބައިނަލްއަގުވާމީ ގުޅުންތަކެއް ނުދެމެހެއްޓޭނެ،" އޭނާ ވިދާޅުވިއެވެ.
ސުއޫދު އިސްތިއުފާދެއްވުމުން އެ މަގާމަށް ފަނޑިޔާރަކު އައްޔަންކުރުމުގެ މަސައްކަތް ޖޭއެސްސީން އަންނަނީ ކުރަމުންނެވެ. ދެން ސަސްޕެންޑުކުރި ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
ޖޭއެސްސީން ކުއްލި ގޮތަކަށް ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ޕާޓީ ބަދަލުކުރުމުންނާއި ޕާޓީން ވަކިކުރުމުން ވެސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ ދުސްތޫރީ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވަން ވަރަށް ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައެވެ.
އޭގެ ފަހުން ޕީއެންސީން ވަނީ ސުޕްރީމް ކޯޓު ބެންޗު ހަތަކުން ފަހަކަށް ކުޑަކުރަން ވެސް ހުށަހަޅައި ފާސްކޮށްފައެވެ. އެ ބިލަށް ތާއީދުކުރަން ޕީއެންސީގެ ހުރިހާ މެންބަރުންނަށް އެންގިއެވެ. އެކަމަކު، އެ ބިލު ފާސްކުރިތާ އެތައް ދުވަހެއް ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު އަނބުރާ ފޮނުވާލައިފައެވެ. އެ ބިލު އަލުން ކޮމިޓީއަށް ފޮނުވަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
ފަނޑިޔާރުން ވަކިކުރި މައްސަލަ ބޭރުގެ މާލީ އިދާރާތަކަށް ފޮނުވާފައިވަނީ ރާއްޖެއަށް ބޭރުގެ އެހީ ނުލިބޭކަމުގެ ކަންބޮޑުވުން ބޮޑުވެފައި އޮއްވައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް ވަނީ އަވަސް އަރުވާލައިގެން ކޯޓުތަކާ ކުޅެފި ނަމަ ބޭރުގެ މާލީ އެހީތެރިކަން ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެ އިދާރާތަކުން މާލީ އެހީތެރިކަން ފޯރުކޮށްދޭއިރުގައި އެ ކަންކަމަށް ވަރަށް ބޮޑަށް ބަލާނެ ކަމަށެވެ.
މާލީ ހާލަތު ގޯސްވެފައިވާއިރު މި އަހަރުގެ ބަޖެޓުގައި ފެބްރުއަރީގެ ނިޔަލަށް ލިބޭނެ ކަމަށް އަންދާޒާކުރި ލޯނާއި ހިލޭ އެހީގެ 96 އިންސައްތަ ވެސް ނުލިބެއެވެ. އެ މުއްދަތުގައި އާމްދަނީ ވެސް ވަނީ ދަށްވެފައެވެ.