އެޑިޓަރުންގެ ވަށްމޭޒު: އެމްޑީޕީގެ "ބޮޑު ބަދަލު"ގެ މިސްރާބު ހުރީ ރަނގަޅަށްތަ؟

ސިޔާސީ މައިދާނުގައި އޮއިވަރު ބަދަލުވަމުންދާ ގޮތާމެދު އާންމުން އަބަދުވެސް ސުވާލު އުފައްދައެވެ. ޚާއްޞަކޮށް، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ އެތެރޭގެ ހިންގުމަށް އައި ބަދަލާއެކު، އާންމުންގެ އުންމީދުތައް އާވެގެން ދިޔައެވެ. ޕާޓީގެ ހިންގުންތެރިކަން ދަށްވެފައި ވަނިކޮށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގަތީ ގިނަ ބައެއްގެ ތާއީދާއެކުގައެވެ. ނަމަވެސް، މިއަދު އުފެދޭ އެންމެ ބޮޑު ސުވާލަކީ، އެ ގެންނަން އުޅުނު “ބޮޑު ބަދަލު”ގެ މިސްރާބު ހުރީ ރަނގަޅަށްތޯއެވެ.

މި މުހިންމު ސުވާލަށް ޖަވާބު ހޯދުމަށް، “ސަން” އޮންލައިންގެ އެޑިޓޯރިއަލް ޓީމުން ގެނެސްދޭ ވީކްލީ ޝޯ، “އެޑިޓަރުންގެ ވަށްމޭޒު” ގެ މި ހަފުތާގެ އެޕިސޯޑުގައި ވަނީ ފުންކޮށް އަލިއަޅުވައިލައިފައެވެ. މި ޕްރޮގްރާމުގައި ފާހަގަކުރި ގޮތުގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެންމަތިވި ކޮރަޕްޝަންގެ ގިނަ މައްސަލަތަކުގެ ވާހަކަ އެންމެ ބޮޑަށް ދެއްކެވީ ޚުދު ރައީސް ނަޝީދެވެ. އެހެންކަމުން، އެމަނިކުފާނު ޕާޓީގެ ހިންގުމާ ހަވާލުވެވަޑައިގަތުމުން، އެ މަންޒަރު ބަދަލުވެ، ޕާޓީ ސާފުވާނެ ކަމަށް އާންމު މެންބަރުން އުންމީދުކުރިއެވެ.

އެހެންނަމަވެސް، އެ މަންޒަރު ބަދަލުވެފައި ނުވާކަން އެޑިޓަރުން ވަނީ ފާހަގަކޮށްފައެވެ. ވެރިކަން ގެއްލުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް، އެ ޕާޓީގެ ލީޑާޝިޕްގައި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ ފަރާތްތައް ތިބީ ގަދަކޮށެވެ. އެމްޑީޕީގެ ކުރިމަގު ރޭވުމަށް މިހާރު އެކުލަވައިލާ ކޮމިޓީތަކުން ވެސް އެފަދަ ތުހުމަތުތައް އޮތް ފަރާތްތަކަށް ފުރުސަތު ލިބެމުންދާކަން މި ޕްރޮގްރާމުގައި ފާހަގަކޮށްފައިވެއެވެ. މިއީ ހަރުދަނާ ޑިމޮކްރަސީއަކަށް އުންމީދުކުރާ ރައްޔިތުން މާޔޫސްވާ ކަމެއްކަމަށް ޕްރޮގްރާމުގެ ބައިވެރިން ބުނެފައިވެއެވެ.

މީގެ އިތުރުން، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި، މިއަދު އެމްޑީޕީގެ އެތެރެއިން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ރިޔާސީ އިންތިޚާބަށް އަދި ގިނަ ދުވަސްތަކެއް އޮއްވައި، ޕާޓީގެ އެތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. މިއީ ޕާޓީގެ އަސްލު މަގުސަދާ ދުރަށްދާ ކަމެއްކަމަށް އެޑިޓަރުން ވަނީ ސިފަކޮށްފައެވެ.

ދައުލަތުގެ މާލިއްޔާއިން ނާޖާއިޒު ފައިދާ ނެގި ކަމަށް ތުހުމަތުކުރެވޭ މީހުން ގޮވައިގެން ސިޔާސީ މަސައްކަތް ކުރަން ވެއްޖެނަމަ، ރައްޔިތުންގެ އިތުބާރު ގެއްލި، ޕާޓީ ފެއިލްވުމުގެ ބިރު އެބައޮތްކަމަށް އެޑިޓަރުންގެ ވަށްމޭޒުގައި އިންޒާރުދީފައިވެއެވެ. އެހެންކަމުން، އާ ލީޑާޝިޕާއެކު އެމްޑީޕީން ހިފާފައިވާ މިސްރާބާމެދު މިއަދު މިވަނީ ފުންކޮށް ވިސްނައި، އިސްލާހީ ފިޔަވަޅުތަކެއް އަޅަން ޖެހިފައެވެ.

comment ކޮމެންޓް