އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝާހިދު ވާދަކުރައްވަނީ

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު: ޝާހިދު ގެންދަވަނީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ތައްޔާރުވެވަޑައިގަންނަވަމުން -- ފޮޓޯ: އެމްޑީޕީ

ދެހާސް އަށާވީސް ވަނަ އަހަރު އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް ޢަބްދުالله ޝާހިދު ވާދަކުރައްވަން ތައްޔާރުވެވަޑައިގަންނަވަމުން އަންނަކަން އެނގިއްޖެއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި ރަސްމީކޮށް ވާދަކުރައްވާކަން ހާމަނުކުރެއްވި ނަމަވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ޝާހިދު ގެންދަވަނީ ތައްޔާރުވަމުންނެވެ.

މީގެ ދޮޅު އަހަރު ކުރިން 'ރާއްޖެ ޓީވީ'ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާ މެދު ގޮތެއް ނިންމަން އަދި އަވަސް ކަމަށާއި، މިވަގުތު އަމާޒަކީ މި ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށެވެ. އަދި މިއަދު އޮތް ސަރުކާރުގެ ހުދުމުޚްތާރުކަމާއި، ރާއްޖެއަށް މި ސަރުކާރުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ މަޑުޖައްސާލައި، 2028ގައި އޮތް ކަމަކާ ދިމާލަށް މިސްރާބު ހިފައިފިނަމަ ރާއްޖެއަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތު އަޅުގަނޑުމެން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑުގެ މުޅި ފޯކަސްއަކީ މި ސަރުކާރު ޖަވާބުދާރީކުރުވުން،" ޝާހިދު އޭރު ވިދާޅުވިއެވެ.

https://sun.mv/199408

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިހާތަނަށް ވާދަކުރައްވާނެކަން ރަސްމީކޮށް ހާމަކުރައްވައިފައި ވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލެވެ.

އޭގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ނަމަވެސް ސީދާ ވާދަކުރައްވާނެކަން ނުވަތަ ނޫންކަން ހާމަ ނުކުރައްވައެވެ.

https://sun.mv/224475

އިދިކޮޅު ޕީއެންއެފަށް ބަލައިލާއިރު، ކުރީގެ ރައީސް ޢަބްދުالله ޔާމީން 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ވަނީ ހާމަކުރައްވައިފައެވެ.

https://sun.mv/198853

ވެރިކަންކުރާ ޕީއެންސީއަށް ބަލައިލާއިރު އެ ޕާޓީގެ ރިޔާސީ ޓިކެޓު އަރުވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކަމަށް، އެ ޕާޓީން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް މިކަމުގައި ރައީސްގެ ވިސްނުންފުޅު ހުރިނެތް ގޮތެއް އަދި ނޭނގެއެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު އަންނަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ރަސްމީކޮށް މިކަން އިޢުލާނުކުރައްވާފައި ނުވިނަމަވެސް، އެމަނިކުފާނު ގެންދަވަނީ އިންތިޚާބަށް ބޭނުންވާ ތައްޔާރީތައް ކުރައްވަމުންނެވެ. މީގެ ކުރިން ޝާހިދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ މިހާރުގެ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށާއި، ރިޔާސީ އިންތިޚާބާ މެދު ގޮތެއް ނިންމެވުން އަދި އަވަސް ކަމަށެވެ. މި ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ރަސްމީކޮށް ހާމަކުރައްވާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މީގެ އިތުރުން، ޕީއެންއެފްގެ ފަރާތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވާދަކުރައްވާނެކަން އިޢުލާނުކުރައްވާފައިވާއިރު، ވެރިކަންކުރާ ޕީއެންސީގެ ރިޔާސީ ޓިކެޓު އެރުވޭނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކަމަށް އެ ޕާޓީން އަންނަނީ ބުނަމުންނެވެ.

  • އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޢަބްދުﷲ ޝާހިދު އަންނަނީ ނުރަސްމީކޮށް ތައްޔާރުވެވަޑައިގަންނަވަމުންނެވެ.
  • އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޟް އިސްމާޢީލް ވަނީ ރަސްމީކޮށް އިޢުލާނުކުރައްވާފައެވެ.
  • ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ މި ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
  • ޕީއެންއެފްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންކަން ވަނީ ހާމަކުރައްވާފައެވެ.
  • ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.
comment ކޮމެންޓް