ޖޭއެސްސީގައި އަޒްމިރަލްދާ ވިދާޅުވީ ނުފޫޒު ފޯރުވަން އުޅުނީ އޭނާއަށް ކަމަށް

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު -- ފޮޓޯ: ސުޕްރީމް ކޯޓު

ނުފޫޒު ފޯރުވަން އުޅުނީ އޭނާ ނޫން ކަމަށާއި، ބަޔަކު މަސައްކަތްކުރަމުން އަންނަނީ އޭނާއަށް ނުފޫޒު ފޯރުވުމަށް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މި ވަގުތު ހުންނެވީ ޖޭއެސްސީން ސަސްޕެންޑުކޮށްގެން ސަސްޕެންޝަނުގައެވެ. އެއީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، އަޒްމިރަލްދާއެވެ.

މި ދެ ފަނޑިޔާރުންނަށް ތުހުމަތު ކުރަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރުމުން، އޭނާ ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަމަށެވެ.

މި މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު މަހާޒު ވަނީ ޖޭއެސްސީއަށް ހާޒިރުކޮށްފައެވެ. އެއާއެކު މިއަދު އަޒްމިރަލްދާ ވެސް ޖޭއެސްސީއަށް ހާޒިރުކޮށް އޭނާގެ ބަޔާން ވަނީ ނަގައިފައެވެ.

ޖޭއެސްސީގައި އަޒްމިރަލްދާ ފާހަގަކުރެއްވި ކަންކަން "ސަން"އާ ހިއްސާކޮށްދެއްވަމުން ފަނޑިޔާރުގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ފިރިކަލުންގެ މައްސަލައެއް ނުފޫޒެއް ފޯރުވަން ކުރި އެއްވެސް މަސައްކަތެއް ނޯންނާނެކަމަށް އަޒްމިރަލްދާ ފާހަގަކުރެއްވި ކަމަށެވެ.

"މިއަދު ޖޭއެސްސީގެ ތަހުގީގުގައި، މައްސަލައިގައި ފަނޑިޔާރަށް ކުރާ ތުހުމަތުތަކަށް ފަނޑިޔާރު އިންކާރު ކުރެއްވި. އަސްލެއް ނެތް ދޮގު ތުހުމަތުތަކެއްކަމަށް ވިދާޅުވި،" ޝަމީލް ވިދާޅުވިއެވެ.

އެގޮތުން މި މައްސަލައިގައި ފަނޑިޔާރު މަހާޒުގެ މައްޗަށް ތުހުމަތުކުރެވޭއިރު، އެ ދުވަހު މަހާޒާ ވާހަކަދެކެވުނީ ވެސް އެ ދުވަހުގެ ހަވީރު އިރުއޮއްސި ހައެއްގެ ފަހުން ކަމަށް އަޒްމިރަލްދާ ވިދާޅުވިކަމަށް ޝަމީލް ވަނީ ފާހަގަކުރައްވައިފައެވެ.

އަޒްމިރަލްދާ ފާހަގަކުރެއްވި ގޮތުގައި އެ ވާހަކަ ދެކެވުނީ ވެސް ޑރ. ލަތީފު ހައްޔަރުކުރިކަމަށް ބުނެ ޚަބަރެއް ފެނިގެން ކަމަށާއި، އެއީ އެ ކަން ހިނގިތާ އެތައް އިރެއް ވީ ފަހުން ކަމަށް ވެސް ޝަމީލް ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލައަށް މަހާޒުގެ ފަރާތުން ވެސް ނުފޫޒު ފޯރުވިކަމަށް ބުނާ ވާހަކައަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށް އަޒްމިރަލްދާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޖޭއެސްސީއަށް ދެއްވި ބަޔާނުގައި އަޒްމިރަލްދާ ވަނީ މިއީ ސުޕްރީމް ކޯޓުގައި މިހާރު އޮތް ދުސްތޫރީ މައްސަލައާ ގުޅިގެން އޭނާއަށް ނުފޫޒު ފޯރުވަން ބަޔަކު ކުރަމުން އަންނަ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި އެ ކަމުގެ ތަފްސީލު ވެސް ހިއްސާކުރައްވައިފައެވެ.

އެގޮތުން އަޒްމިރަލްދާއާ ހަވާލާދެއްވައި ޝަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލަ ފެށުމުގެ ކުރިން، މިދިޔަ މަހުގެ ތެރޭ އަޒްމިރަލްދާއަށް މީހަކު މެދުވެރިކޮށް މެސެޖެއް ފޮނުވައިފައިވާ ކަމަށެވެ.

އެ މެސެޖުގައި ވަނީ ޖޭއެސްސީގެ ކުރީގެ ރައީސް ހިސާން ހުސައިންގެ ދައުރުގައި އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ނުބަލައި، "ޕާކްކޮށްފައި" އެބައޮތްކަމަށާއި، އެ މައްސަލަ ވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ނަގައި އަދި ވެސް ބެލިދާނެ ކަމަށެވެ.

އެއީ ސީދާ ސަރުކާރުގެ ފަރާތުން އައި މެސެޖެއް ނޫން ނަމަވެސް ގަބޫލުކުރެވެނީ އެހެން މީހަކު މެދުވެރިކޮށް މައްސަލައިގައި އަޒްމިރަލްދާއަށް ނުފޫޒެއް ފޯރުވަން މަސައްކަތް ކުރީ ކަމަށް ވިދާޅުވެ ފަނޑިޔާރު މިއަދު ވަނީ ޖޭއެސްސީގައި ވާހަކަ ދައްކަވައިފައެވެ.

އެއާއެކު މިއަދު މެންދުރު 13:00 ޖަހާއިރު ބަޔާނުގައި ސޮއިކުރުމަށް ޖޭއެސްސީއަށް އަނެއްކާ ވެސް ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުކުރަން ވަނީ ނިންމައިފައެވެ.

https://sun.mv/203533

މި މައްސަލައިގައި އިއްޔެ އަޒްމިރަލްދާ ވަނީ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސިޓީއެއް ފޮނުވީ އެފަދަ ތަހުގީގެއް ނުފަށަނީސް، އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މަގާމު ދިފާއު ކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ ތުހުމަތެއް ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް