ސަޢީދަށް އަމީރުގެ ރައްދު: އިގުތިޞާދު ހަލާކުކޮށްލީ ސަޢީދު، ދަރަނީގެ ވާހަކަ ދައްކަން ކުފޫ ހަމައެއް ނުވޭ!

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު: އޭނާ ލިޔުއްވިގޮތުގައި ރާއްޖޭގެ އިގުތިޞާދު ފުނޑާލީ ސަޢީދު -- ފޮޓޯ/ އެމްޑީޕީ

ރާއްޖޭގެ އިގުތިޞާދު ހަލާކުކޮށްލީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ކަމަށާއި ދަރަނީގެ ވާހަކަ ދައްކަވަން ސަޢީދު ކުފޫ ހަމަނުވާ ކަމަށް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަޢީދު ވިދާޅުވީ، ރާއްޖެ މިއަދު އޮތް އިގުތިޞާދީ ފުން ވަޅުގަނޑަށް ވައްޓައިލުމުގެ އަސްލު މޭސްތިރިޔަކީ އަމީރު ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި އެމްޑީޕީން ބޭއްވި "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަނުގައި އަމީރު ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ސަޢީދު ވިދާޅުވީ، އިގްތިޞާދީ ދަތިކަމުގެ ވާހަކަ ދެއްކެވުމުގެ އެއްވެސް ހައިސިއްޔަތެއް އަމީރުގެ ކިބައިގައި ނެތް ކަމަށެވެ.

ސަޢީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ 19 ވަނަ މަޖިލީހުގައި ވެސް އަމީރު ނިސްބަތްވާ އެމްޑީޕީގެ މެންބަރުން އަމީރަށް ފާޑުވިދާޅުވެފައި ވެއެވެ. އަދި އާދިއްތަ ދުވަހުގެ ރޭގެ ޕެނަލްގައި އަމީރާއެކު އިންނެވި ހުޅުމީދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބަކީ ފައިސާ ޗާޕުކުރުމާ ދެކޮޅަށް އޭރު އެންމެ ބާރަށް އަޑުއުފުއްލެވި އެއް ބޭފުޅާކަން ސަޢީދު ހަނދާންކޮށްދެއްވިއެވެ.

https://sun.mv/224640

"ފައިސާ ތިވަރަށް ޗާޕުކުރީމަ ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާ ނިކަމެތިވެއްޖެ ކަމަށާއި، ދުވަހަކު ވެސް ތިޔަވަރުގެ ގެއްލުމަކުން ސަލާމަތް ނުވާނެ ކަމަށް އޭރު އިލްޔާސް ލަބީބު ގެންދެވީ ވިދާޅުވަމުން. މި ޓޯޓަލް ޑިޒައިންގެ މޭސްތިރިއަކީ އަމީރު،" މިނިސްޓަރު ވިދާޅުވިއެވެ.

ސަޢީދުގެ ވާހަކަތަކަށް ރައްދުދެއްވައި 'އެކްސް'ގައި އަމީރު ކުރެއްވި ޕޯސްޓެއްގައިވަނީ މި ސަރުކާރަށް ތިން އަހަރުވާން ގާތްވެފައިވާއިރު ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އަރައިފައިވާ ކަމަށެވެ. ބޭރުން ޑޮލަރެއް ހޯދެން ނެތް ތަނުގައި މި ސަރުކާރުން ދައުލަތުގެ ޚަޒާނާއިން ކުރަނީ ބޮޑު އިސްރާފެއް ކަމަށް އަމީރު ލިޔުއްވައިފައިވެއެވެ.

އިންވެސްޓަރުން ސަރުކާރާ ފެޔަށް ޖެހި މާލީ އިދާރާތަކުގެ އިތުބާރުވެސް ގެއްލިފައިވާ ކަމަށާއި، ގައުމީ ބޭންކު ބީއެމްއެލް ހަލާކުކޮށް، މި ސަރުކާރުން ރައްޔިތުންގެ ފައިސާކޮޅު ބޭނުންކުރީ ކަމަށް ވެސް އަމީރު ތުހުމަތުކުރެއްވިއެވެ.

އޭނާ ލިޔުއްވިގޮތުގައި އެމްޑީޕީގެ ސަރުކާރުން ދަރަންޏަށް ފައިސާ ހޯދުނީ އިންވެސްޓަރުންގެ އިތުބާރު އޮތީމައެވެ. ނަމަވެސް މި ސަރުކާރަށް ތިން އަހަރުވާން ކައިރިވެފައި ވާއިރު ފައިސާދޭނެ މީހަކު ނުވިކަމަށް ލިޔުއްވައި އަމީރު ވަނީ ސަޢީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ސަޢީދު ވަނީ ރާއްޖޭގެ އިގުތިޞާދު ފުނޑާލާފަ، ދަރަނި ދައްކާކަށް ދަރަންޏަށް ފައިސާ ހޯދާކަށް ނޭނގޭ. މާލީ އަދި އިގުތިޞާދީ ސިޔާސަތު ހާލަތަށް ފެތޭ ގޮތަށް ހިންގަން މި ސަރުކާރަކަށް ނޭނގޭނެ، ދަރަނީގެ ވާހަކަ ދައްކަން ސަޢީދު ކުފޫ ހަމައެއްނުވޭ،" އޭނާ ލިޔުއްވައިފައިވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވި ގޮތުގައި، އޭރުގެ ސަރުކާރުން ފައިސާ ޗާޕުކުރަމުން ދިޔައިރު، އެކަމުގެ ނުރައްކަލާ ބެހޭގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި، އެމްއެމްއޭގެ އޭރުގެ ގަވަރުނަރު ޢަލީ ހާޝިމް ވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ނަމަވެސް، އެކަންކަމަށް އަމީރު އެކަށީގެންވާ ޖަވާބެއް ދެއްވާފައި ނުވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ހަވާލުވިއިރު ލިބިވަޑައިގަތީ ވަރަށް "ބަނަ" އަދި "ނުރައްކާތެރި" ދަރަންޏެއް އޮތް އިގްތިސާދެއް ކަމަށާއި، ފުރަތަމަ ދެ އަހަރު މަސައްކަތް ކުރަން ޖެހިފައިވަނީ ވަރަށް ސަމާލުވެގެން ކަމަށް ސަޢީދު ވިދާޅުވިއެވެ.

އަދި މިހާރުގެ ސަރުކާރުން އިގްތިސާދު ކޮޅަށް ޖެހުމަށް ޓަކައި ފޮރެކްސް ގާނޫނަށް ބަދަލުތަކެއް ގެނައުމާއި، އާމްދަނީ އިތުރުކުރެވޭނެ އާ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ ދެމެދު އިޤުތިޞާދީ މައްސަލަތަކުގައި ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. ސަޢީދު ތުހުމަތުކުރައްވާ ގޮތުގައި، ރާއްޖެ މިއަދު އޮތް އިޤުތިޞާދީ ފުން ވަޅުގަނޑަށް ވެއްޓުމުގެ މައިގަނޑު ސަބަބަކީ އަމީރުގެ ވަޒީރުކަމުގައި ހައްދެއްނެތި ފައިސާ ޗާޕުކުރުމެވެ. މީގެ ރައްދުގައި އަމީރު ވިދާޅުވީ، އިޤުތިޞާދު ހަލާކުކޮށްލީ ސަޢީދު ކަމަށާއި، ދަރަނީގެ ވާހަކަ ދެއްކެވުމަށް އޭނާ ކުފޫހަމަނުވާ ކަމަށެވެ. އަދި މި ސަރުކާރުން ބޮޑެތި އިސްރާފުތައް ކުރަމުންދާއިރު، އިންވެސްޓަރުންގެ އިތުބާރު ވެސް މުޅިން ގެއްލިފައިވާ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

  • ސަޢީދު ތުހުމަތުކުރައްވާ ގޮތުގައި އިޤުތިޞާދީ ދަތިކަމުގެ މޭސްތިރިއަކީ ކުރީގެ ފިނޭންސް މިނިސްޓަރު އަމީރެވެ.
  • އަމީރުގެ ރައްދުގައި ވިދާޅުވީ ދައުލަތުގެ ޚަޒާނާއިން މި ސަރުކާރުން ކުރަނީ ބޮޑު އިސްރާފެއް ކަމަށެވެ.
  • މި ސަރުކާރަށް ފައިސާދޭނެ އިންވެސްޓަރުން ނެތި، މާލީ އިދާރާތަކުގެ އިތުބާރު ގެއްލިފައިވާކަމަށް އަމީރު ވިދާޅުވިއެވެ.
  • ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން މިހާރު މަސައްކަތްކުރަނީ ފޮރެކްސް ޤާނޫނަށް ބަދަލުގެނެސް އިޤުތިޞާދު ކޮޅަށްޖެހުމަށެވެ.
comment ކޮމެންޓް