ޕީއެންސީގެ މެންބަރުން ހިމެނޭހެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލު ބޭރުކުރަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީސް: ޕީއެންސީގެ މެންބަރުން ހިމެނޭހެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލު ބޭރުކުރަން ގޮވާލައިފި -- ފޮޓޯ/ މަޖިލީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވުމުން، އެ ބިލު މަޖިލީހުން ބޭރުކުރުމަށް ސަރުކާރުގެ މެންބަރުން ހިމެނޭހެން ގިނަ މެންބަރުންތަކެއް މިއަދު ގޮވާލައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމުގެ ބިލު މިދިޔަ މަހުގެ 26ވީ ބުދަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ބިލު ހަމަ އެ ދުވަހު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، ބިލުގައި ދިރާސާ ކުރަން ޖެހޭ މާ ބޮޑު ކަމެއް ނެތް ކަމަށް ބުނެ އެ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވިއެވެ.

އެ ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީއާއި ޕީއެންސީގެ ބައެއް މެންބަރުން އޭރު ވެސް ޚިޔާލު ފާޅުކުރިއެވެ. ނަމަވެސް، ސުޕަމެޖޯރިޓީ އޮތް ޕީއެންސީން ވަނީ އަޑުގަދަކުރި އެމްޑީޕީ މެންބަރުން ތަޅުމުން ނެރުމަށް ފަހު ބިލު ފާސްކޮށްފައެވެ. އެކަމަކު، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ރައީސް މުއިއްޒު ވަނީ ބިލު ތަސްދީގުނުކުރައްވައި، އަލުން ބިލާ މެދު ވިސްނެވުމަށް ތަޅުމަށް ފޮނުއްވައިފައެވެ.

އެއާއެކު މިއަދުގެ ޖަލްސާއަށް އެ ބިލުގެ މަސައްކަތް އެޖެންޑާކޮށް، މެންބަރުން ވަނީ ބަހުސްކުރައްވައިފައެވެ.

އެ ބިލަށް ބަހުސްކުރައްވައި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ އަލުން ބިލު އެކަމާ ގުޅުން ހުރި ކޮމިޓީއަށް ފޮނުވުމަށް ހުށަހަޅުއްވައިފައެވެ. މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވައިފައެވެ.

ނަމަވެސް، އިދިކޮޅު އެމްޑީޕީއާއި ޕީއެންސީގެ ބައެއް މެންބަރުން ވެސް ވަނީ އެ ކަމާ ދެކޮޅު ހައްދަވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު -- ފޮޓޯ/ މަޖިލިސް

ބަހުސްގެ ވަގުތުގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެ ބިލު އޭރު ވެސް އޮތީ ގާނޫނާ ޚިލާފަށް ކަމަށް އެ ތަޅުމުގައި އޭނާ ތަކުރާރުކޮށް ވިދާޅުވި ކަމަށެވެ. ނަމަވެސް، އެ އަޑެއް ރިޔާސަތަކުން ނޭއްސެވި ކަމަށާއި، "ޅަ ބުޅަލެއްހެން" އެ ދުވަހު ވެސް އޭނާ ބޭރުކުރީ ކަމަށް ވިދާޅުވެ މައުރޫފް ނުރުހުން ފާޅުކުރެއްވިއެވެ.

ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް އެ ބިލުގައި ގާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ފާހަގަކުރިއިރު އެ ކަމަށް ވެސް ދެއްވީ ބީރު ކަންފަތެއް ކަމަށާއި، އެ އިސްލާހު ފާސްކުރީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވަގުތު ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެންބަރުގެ ވާހަކަ މެދުކަނޑާލައި އެކަމަށް ރައްދުދެއްވައިފައެވެ.

"ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށް ފަހު،" އެ މަނިކުފާނު ވިދާޅުވިއެވެ.

ވާހަކަ ކުރިއަށް ގެންދަވަމުން މެންބަރު މައުރޫފް ވިދާޅުވީ، އަބްދުއްރަހީމް ކަންކުރައްވަނީ ރައީސް އެއިރަކު ވިދާޅުވި ގޮތަކަށް ކަމަށެވެ. ދެން ޕީއެންސީން އެ އުޅެނީ އެ ބިލު ކޮމިޓީއަށް ފޮނުވައި، އިޒްރޭލު ޕާސްޕޯޓު މައްސަލަ ގޮތަށް ކޮމިޓީގައި އެ މައްސަލަ ވެސް ކުރިއަށް ނުގެންގޮސް ޕާކުކޮށްފައި ބާއްވަން ކަމަށް މައުރޫފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް -- ފޮޓޯ/ މަޖިލީސް

އެ ބިލަށް ބަހުސްކުރައްވަމުން ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމް ވިދާޅުވީ، ހަގީގަތުގައި ކޯޓުތަކަކީ ވަރަށް މިނިވަންކަމާ އެކު ހިނގަންޖެހޭނެ ތަނަކަށް ވާންޖެހޭ ކަމަށެވެ. މި ރައްޔިތުންގެ މަޖިލިސް ވެސް މިނިވަންކޮށް ހިނގަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ، އޭނާ ގަބޫލުކުރައްވާ އަދި އޭނާގެ އަމިއްލަ ރައުޔުކަމަށް އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ، އެ ދުވަހު ކޯޓުތަކުގެ ގާނޫނަށް އެ ގެނައި އިސްލާހު ގެނައީ އަވަސްއަރުވާލައިގެން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ފާހަގަވީ އެ ދުވަހު ވަރަށް އަވަސް އަރުވާލައިގެން އެ ބިލު ފާސްކުރުމުގެ ސަބަބުން ރައީސް އެ ބިލު އަނބުރާ ފޮނުއްވާފައި މި އޮތީ. އެހެންވީމާ އަޅުގަނޑު މަރުހަބާ ދަންނަވަން އެ ކަމަށް ވެސް ރައީސް [އެ ބިލު] އަނބުރާ ފޮނުއްވީތީ،" އަނާރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަލުން އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް މަޖިލީހުން ކަންކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މިހާރަށްވުރެ ބޮޑަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރާއިރު މަޝްވަރާއާއި ޚިޔާލު ހޯދަން ޖެހޭނެ ކަމަށް އަނާރާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ ބިލު އޭރު ޖުޑީޝިއަރީ ކޮމިޓީން ފާސްކުރިއިރު، އަނާރާ ވަނީ ބިލުގައި ފާހަގަކޮށްފައިވާ މުއްދަތުތައް ކުރުމަށް ކަމަށް ވިދާޅުވެ، ވަކި ގޮތަކަށް ވޯޓު ދެއްވަން ދެކޮޅު ހައްދަވައިފައެވެ. ނަމަވެސް، ބިލު ތަޅުމުން ފާސްކުރީ އަނާރާގެ ވެސް ވޯޓާ އެކުއެވެ. އެކަމާ ގުޅިގެން އޭނާ ފަހުން ވިދާޅުވީ، ބިލަށް ވޯޓު ދެއްވީ 'ޓީމާ'އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް -- ފޮޓޯ/ މަޖިލިސް

ބަހުސްގައި މިއަދު ވާހަކަދައްކަވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ވެސް ގަބޫލުކުރަނީ އެ ދުވަހު މަޖިލީހުން ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ޚިލާފަށް ގެނައި އިސްލާހެއް ކަމަށެވެ. އެހެންކަމުން އެއަށްވުރެ ޒިންމާދާރުކޮށް ގާނޫނަށް އިސްލާހެއް ގެންނަ ނަމަ ގެނައުމަށް އައްބާސް ވަނީ ހުރިހާ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އައްބާސް ވިދާޅުވީ، ޕީއެންސީގެ މެޖޯރިޓީން އެ ދުވަހު އެ ބިލު ފާސްކުރުމުން ރައްޔިތުންނަށް މިއަދު ހީވެފައި އޮތީ ސަރުކާރުން ޖުޑިޝަރީއަށް އަތްބާނަނީ ކަމަށެވެ. އެހެންކަމުން ޕީއެންސީގެ ބޮޑު ޕީޖީ ގްރޫޕެއް އޮންނައިރު، އެފަދަ ކަމެއް ކުރުމުގެ ކުރިން ރަނގަޅަށް ވިސްނައި، ބިނާކުރަނިވި ގޮތެއްގައި ނިންމުންތައް ނިންމަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްބާސް ވެސް ވަނީ މެންބަރު ފަލާހު ހުށަހެޅުއްވި އިސްލާހު ކޮމިޓީއަށް ފޮނުވުމާ ދެކޮޅު ހައްދަވައިފައެވެ.

"ފަލާހު އެ ހުށަހެޅުއްވި ގޮތަށް ކޮމިޓީއަށް ބިލު ފޮނުވާލާކަށް ވެސް އަޅުގަނޑު ތާއީދެއް ނުކުރަން. އަނެއްކާ ވެސް ފަނޑިޔާރުންނަށް ބިރު ދައްކައި ބޭނުންވީމާ ބޭނުން އިރަކު ހިލުވާލާ އެއްޗެއްގެ ގޮތުގައި އެއްވެސް ކޮމިޓީއެއްގައި ޕާކުކޮށްފައި ބާއްވާކަށް އަޅުގަނޑު ގަބޫލެއް ނޫން. މި ހިސާބުން މީތިވީ ބާތިލުކޮށްލަން،" އައްބާސް ވިދާޅުވިއެވެ.

އެ ބިލާ މެދު ގާނޫނީ ދާއިރާގެ ގިނަ އަދަދެއްގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން، ބާ ކައުންސިލްގެ ރައީސަށް ފޮނުވި ސިޓީއެއްގައި ވަނީ، އެ އިސްލާހު ހުށަހެޅި ސަބަބާއި، އެ އިސްލާހުން ހާސިލުކުރަން ގަސްތުކުރާ މަގުސަދު ސާފުކޮށް އެނގެން ނެތް ކަމަށެވެ. އެހެންވެ، ބިލު ތަސްދީގުނުކުރައްވައި، އިސްލާހުކުރުމަށް އަނބުރާ މަޖިލީހަށް ފޮނުއްވައިދެއްވުމަށް އެ ކައުންސިލުންވަނީ އެދިފައެވެ.

comment ކޮމެންޓް